about 2 hours 0
ޒޯން ޗެމްޕިއަންކަން ހޯދުމަށް ފަހު އޭދަފުށި ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
about 2 hours 0
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި އަދި ވިލިމާލެން ޒޯން ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.
ރޭ ކުޅުނު ޒޯން ފަހެއްގެ ފައިނަލުގައި ކުޑަހުވަދޫން މ. ދިއްގަރު ބަލިކުރީ 6-2 އިންނެވެ. ޒޯން ހައެއްގެ ޗެމްޕިއަންކަން ތިމަރަފުށިން ލ. އިސްދޫ ބަލިކޮށް 2-1 އިން ހޯދިއިރު، ޒޯން 8 ގެ ޗެމްޕިއަންކަން ވިލިމާލޭން ހޯދީ 6-5 އިން ޕެނަލްޓީ ޖަހައިގެން މައްޗަންގޯޅީގެ މައްޗަށް ކުރިހޯދައިގެންނެވެ. އަދި، ޒޯން ތިނެއްގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ ޕެނަލްޓީ ޖަހައިގެން 6-4 އިން ކ. ގާފަރު ބަލިކޮށްފަ އެވެ.
ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ކުޑަހުވަދޫ ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ޒޯން ފަހެއްގެ ފައިނަލުގައި ކުޑަހުވަދޫގެ ތަރި ހާރޫން އިބްރާހީމް (ހާންޑޯ) އާއި މުހައްމަދު އަޔާޒް ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރިއިރު އަނެއް ލަނޑުތައް ޖެހީ ޖުމައިލް ޖަމީލް (ޖުމްބެ) އާއި މުހައްމަދު އަރީޝް އެެވެ. މެޗުގައި ދިއްގަރުގެ ލަނޑުތައް ޖެހީ، މުހައްމަދު އަލީ އާއި ހުސެއިން ފާރިޝް އެވެ. މި ޒޯނުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިއަކީ ހާންޑޯ އެވެ.
ޒޯން ތިނެއްގެ ފައިނަލުގައި ގާފަރުން ޝަނާން ރަޝާދު ފުރަތަމަ ހާފުގައި ޖެހި ދެ ގޯލުން ލީޑު ނެގިއިރު، އޭދަފުށިން ދެ ވަނަ ހާފުގައި ފަހަތުން އަރައި 2-2 އިން އެއްވަރުކުރި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، މުއާޒް އަލީ އާއި އިމްތިޝާލް އަބްދުލް ރަހީމް (ޕަބް) އެވެ.
ޕެނަލްޓީގައި ގާފަރުން ދެ ޕެނަލްޓީ ވައްދާލިއިރު، ސާމިން މުހައްމަދު ނަސީރު އާއި ނާއިހް މުފީދު އެވެ. އޭދަފުށިން ޒޯންގެ މޮޅު ކުޅުންތެރިޔާ، ހުސައިން ޝަރީފް (މުޑާ)ގެ އިތުރުން، އުނައިސް ޒުބައިރު (އުނޭ)، އަލީ ނަސީމް (ދިއްލި) އަދި އިސްމާއީލް ޝަރީފް ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ. ޕެނަލްޓީގެ ވަކި ހިސާބަކުން އޭދަފުށީގެ ގޯލު ބަލަހައްޓަން، ކީޕަރު، މުހައްމަދު ޝާން އެރި ފަހުން ގާފަރުގެ ދެ ޕެނަލްޓީ ނާކާމިޔާބުވެފަ އެވެ.
ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށިން ތައްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ރޭ ކުޅުނު ޒޯން ހައެއްގެ ފައިނަލުގައި، ތިމަރަފުށި ކައިރިން އިސްދޫން ލީޑުނެގީ އަލީ ހުމޭޒު ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، މުހައްމަދު ތޯހިރު (ތޯއްޓޭ) ތިމަރަފުށްޓަށް އެއްވަރުކޮށްދިންއިރު، މެޗު ނިމެން މިނިޓަކަށް ވެފައި ހުއްޓައި، އަބްދުﷲ ޒިޔާން އެވެ. ޒޯން ބުރުގެ މޮޅު ކުޅުންތެރިއަކީ ތިމަރަފުށީގެ ޒިޔާން އެވެ.
ވިލިމާލެ އާއި މައްޗަންގޯޅި ބައްދަލުކުރި ޒޯން 8 ގެ ފައިނަލް ޕެނަލްޓީ އަށް ދިޔައީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ވިލިމާލޭގެ ލަނޑުތައް ޖެހީ ސައިފުﷲ އިބްރާހީމް އާއި އަލީ ޝިޔާހު (ޝިޔާ) އެވެ. އަދި، މައްޗަންގޯޅީގެ އަހުމަދު ހުސައިން (އައްމަޑޭ) އާއި ޔޫސުފް އަޔާން އާމިރު ލަނޑުތައް ޖެހިއިރު، އެންމެ ގިނަ ގޯލު ޖެހި އައްމަޑޭ އަށް ޕެނަލްޓީ ކާމިޔާބެއްނުވި އެވެ.
ވިލިމާލޭ ކުޅުންތެރިން ޒޯން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ޕެނަލްޓީން 6-5 އިން ވިލިމާލެ މޮޅުވިއިރު، މައްޗަންގޯޅީގެ އަހުމަދު އަޝްފާން، ރިލުވާން ވަހީދު (ރިލޭ) އާއި އިސްމާއީލް ޒާން އާމިރު ޕެނަލްޓީ ވައްދާލި އެވެ. އަނެއްކޮޅުން، ވިލިމާލޭގެ ޝިޔާ އާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އަދި އިސްމާއީލް ވަޖީހު (ވައްޖެ) ޕެނަލްޓީ ވައްދާލި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ބާކީ ހަަތަރު ޒޯންގެ ފައިނަލް މެޗު ކުޅުމަށް ފަހު، ގަދަ 16 ބުރުގެ ގުރުއަތުލުން ކުރިއަށްދާނެ އެވެ.
މިރޭ ކުޅޭ ޒޯން ފައިނަލްތައް
20:00: ޒޯން 1 ފައިނަލް: ނައިވާދޫ - މާރަންދޫ
20:00: ޒޯން 4 ފައިނަލް: މަތިވެރި - ކެޔޮދޫ
22:00 ޒޯން 7 ފައިނަލް: ދެއްވަދޫ - ހިތަދޫ
22:00 ޒޯން 2 ފައިނަލް: ދުވާފަރު - ކަނޑިތީމު
Comment