Advertisement

ދޭ ލަފާ ގަބޫލު ނުކުރާ ސަރުކާރަކުން ކޮމިޓީތަކެއް އުފެއްދުމުގެ ބޭނުމެއް ނެތް: ވިޔަފާރިވެރިން

ރައީސް މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


ދޭ ލަފާ ގަބޫލު ނުކުރާ ސަރުކާރަކުން ކޮމިޓީތަކެއް އުފެއްދުމުގެ ބޭނުމެއް ނެތް: ވިޔަފާރިވެރިން

އިގުތިސާދީ ތިން ދާއިރާއަކުން ލަފާދޭނެ "އެޑްވައިޒަރީ ކޮމިޓީ" ތަކެއް އުފެއްދުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވި ނިންމުމަށް، ބައެއް ވިޔަފާރިވެރިން ފާޑުކިޔައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ މިހާރު ވެސް ބިޒްނަސް ކައުންސިލެއް އެކުލަވާލާފައިވެ އެވެ. އެ ކައުންސިލްގައި އެކި ސިނާއަތްތައް ތަމްސީލުކުރާ 30 މެންބަރުން ތިބޭ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ބިޒްނަސް ކައުންސިލްގައި ހިމެނޭ ބައެއް ވިޔަފާރިވެރިން ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ މިނިސްޓަރު މުހައްމަދު ސައީދު ރިޔާސަތު ބަލަހައްޓާ އެ ކައުންސިލްގެ ބައްދަލުވުން ކޮންމެ މަހަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ބާއްވަމުން އަންނަ ކަމަށެވެ. އެހެންވެ، އާ ކޮމިޓީތަކެއް އުފެއްދުމުގެ މުހިއްމު ކަމެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ވިޔާފާރިވެރިން ދެކެ އެވެ.

އާ ކޮމިޓީއެއް އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށް ވިޔަފާރިވެރިން ގަބޫލު ނުކުރަ އަނެއް ސަބަބަކީ މިހާރު ވެސް އޮތް ކައުންސިލުން ދޭ ލަފައާ އެއްގޮތަށް ސަރުކާރުން އަމަލު ނުކުރުމެވެ.

"އަޅުގަނޑުމެންގެ ލަފާ ކީއްކުރަންތޯ ހޯދަނީ؟ ދޭ ލަފައެއް ގަބޫލުކުރައްވާ ބޭފުޅެއް ނޫން ރައީސްއަކީ،" ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ވިޔަފާރިވެރިޔަކު ކަންބޮޑުވުމާއެކު ވިދާޅުވިއެވެ.

ބިޒްނަސް ކައުންސިލްގައި ވެސް ވިޔަފާރިވެރިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި މައްސަލަތަކުގެ ތެރޭގައި ޑޮލަރު މާރުކުރަން މަޖުބޫރު ވުމާއި، ސިނގިރޭޓުގެ ޑިއުޓީ އިންތިހާއަށް ބޮޑުކުރުމާއި މުދަލުގެ އަގު އުފުލުން އަދި ވިޔަފާރިވެރިންނަށް ލިބެންޖެހޭ ފައިސާ ސަރުކާރުން ނުދޭ މައްސަލަ ހިމެނޭ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.

"މިއިން އެއްވެސް ކަމަކަށް ހައްލެއް ނާދޭ. މިނިސްޓަރު ސައީދު ކޮންމެ ފަހަރަކު ވިދާޅުވަނީ ރައީސް އަށް މަޝްވަރާ ގެންގޮސްދެއްވާނެ ކަމަށް. ނަމަވެސް ނަތީޖާއެއް ނުފެނޭ،" އެހެން ވިޔަފާރިވެރިޔަކު ބުންޏެވެ.

މުއިއްޒު އެޑްވައިޒަރީ ކޮމިޓީތަކެއް އުފައްދަަވަނީ ފަތުރުވެރިކަން، އިމާރާތްކުރުން، އަދި މަސްވެރިކަމާއި މެރިކަލްޗަގެ ސިނާއަތުގެ ދާއިރާއިންނެވެ.

މި ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފެބްރުވަރީ 16، 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

މެންބަރުކަމަށް ކުރިމަތިލާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.