Advertisement

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީން ފުރުސަތުގެ ބޭނުންހިފައި އެއް ވަނަ އަށް

about 2 hours 0


ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީން ފުރުސަތުގެ ބޭނުންހިފައި އެއް ވަނަ އަށް

about 2 hours 0

ޕެރިސް (ފެބްރުއަރީ 2) - ފްރެންޗް ލީގުގައި ރޭ ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނު ނަމަވެސް 2-1 އިން ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީން ފުރުސަތުގެ ބޭނުންހިފައި ލީގުގެ އެއް ވަަނައިގައި ލީޑެއް ނަގައިފި އެވެ.

ފްރެންޗް ލީގުގެ އެއް ވަަނައިގައި އޮތް ލޯންސް އިން ހުކުރު ދުވަހު ކުޅުނު މެޗުން ވަނީ 1-0 އިން ލެ ހާވްރޭ އަތުން ބަލިވެފަ އެވެ. މި ނަތީޖާއާ އެކު، ޕީއެސްޖީން އެއް ވަނައިގައި އޮތީ 20 މެޗުން 48 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލޯންސް އަށް 20 މެޗުން ވަނީ 46 ޕޮއިންޓް ލިބިފަ އެވެ.

ރަށުންބޭރުގައި ޕީއެސްޖީން މި މެޗު ފަށަން ޖެހުނީ އުނދަގޫ ކޮށެވެ. އެ ގޮތުން، މެޗުގެ 21 ވަނަ މިނިޓްގައި، ސްޓްރާސްބޯ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެކަމަކު، ސްޓްރާސްބޯގެ ޔަކީން ޕަނިޗެލީ ޖެހި ޕެނަލްޓީ ޕީއެސްޖީގެ ކީޕަރު، މަޓްފެއި ސަފޯނޯވް ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން، ޕީއެސްޖީން ލީޑުނެގީ ބްރެޑްލީ ބާކޯލާ ދިން ބޯޅައަކުން ސެނީ މަޔޫލޫ ކާމިޔާބުކުރި ގޯލުންނެވެ.

އެކަމަކު، ޕީއެސްޖީ އަށް ލީޑުގައި އޮވެވުނީ ހަތް މިނިޓެވެ. ސްޓްރާސްބޯގެ ގުއޭލާ ޑޫއޭ، ޕީއެސްޖީގެ ޑެޒެއާ ޑޫއޭގެ ބޭބެ ވަނީ، ލަނޑު ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.

އިތުރު ލަނޑެއް ޖަހައި، މޮޅުވާން މަސައްކަތް ކުރަމުން ދިޔަ ޕީއެސްޖީ އަށް މައްސަލަަ ދިމާވީ މެޗުގެ 74 ވަނަ މިނިޓްގައި އެ ޓީމުގެ އަޝްރަފް ހަކީމީ އަށް ރަތެއް ދެއްކުމުންނެވެ. ޕަނިޗެލީ އަށް ކުރި ފައުލަކަށް ހަކީމީ އަށް ފުރަތަމަ ދެއްކި ރީނދޫ ކާޑު ފަހުން، ރަތް ކާޑަކަށް ބަދަލުކުރީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް އެޓޭކަށް ޖެހިގެން ޕީއެސްޖީން ރަނގަޅަށް މަސައްކަތް ކުރުމުގެ ނަތީޖާ އަކަށްވީ 81 ވަނަ މިނިޓްގައި ނޫނޯ މެންޑޭޒް ބޮލުން ގޯލެއް ޖަހައި އެ ޓީމު މޮޅުކޮށްދިނުމެވެ.

ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ބުނީ، މިއީ ޕީއެސްޖީ އަށް މޮޅުވެވިދާނެ މެޗެއްގެ ގޮތުގައި ގިނަ ބަޔަކަށް ނުބެލެވުނު ކަމުގައި ވިޔަސް އެ ގޮތަށް އެކަން ވިޔަނުދީ ޕީއެސްޖީން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް މޮޅެއް ހޯދުމުން ހިތްހަަމަޖެހޭ ކަމަށެވެ.

ސްޓްރާސްބޯގެ ކޯޗުކަމުގައި ހުރި ލިއަމް ރޮސެނިއާ، އެ ޓީމު ދޫކޮށް ޗެލްސީއާ ހަވާލުވިއިރު، ސްޓްރާސްބޯ އިން ގެނައި ކޯޗު، ގެރީ އޮނީލްއާ އެކު އެ ޓީމުން ނުކުތް ހަތަރު މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗަކީ ޕީއެސްޖީއާ ދެކޮޅަށް ނުކުތް މެެޗެވެ.