Advertisement

ފޮނަދޫ ކައުންސިލުގެ ރައީސްކަމަށް ޕީއެންސީއާ ދެކޮޅަށް އަބްދުއްރަހީމްގެ އެއްމާބަނޑު ކޮއްކޮ އަމިއްލަގޮތުން ވާދަކުރަނީ

އަބްދުއްރަހީމްއަށް މަޖިލީސް ރައީސްކަން ލިބުމުން އުފާ ފާޅުކުރުމަށް ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އޭނާގެ ކޮއްކޮ، އަބްދުލްކަރީމް ގުރުއާން ކިޔަވަނީ -- ފޮޓޯ: ފޮނަދޫ ޕީއެންސީ


ފޮނަދޫ ކައުންސިލުގެ ރައީސްކަމަށް ޕީއެންސީއާ ދެކޮޅަށް އަބްދުއްރަހީމްގެ އެއްމާބަނޑު ކޮއްކޮ އަމިއްލަގޮތުން ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ގެ އެއްމާބަނޑު ކޮއްކޮ ވެރިކަން ކުރާ ޕީއެންސީއާ ދެކޮޅަށް، ލ. ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަގޮތުން ވާދަކުރާނެކަން އިއުލާނުކޮށްފި އެވެ.

އަބްދުއްރަހީމް އަބްދުالله ގެ އެއްމާބަނޑު ކޮއްކޮ، އަބްދުލްކަރީމް އަބްދުالله އަދަދު އަށް ވިދާޅުވީ ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާން ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

އަދި، އޭނާއަކީ ނުކުޅެދުންތެރިކަން ހުރި ފަރާތަކަށްވީ ނަމަވެސް، އެ މަގާމު އަދާކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުން އެއީ ވެސް ކުރިމަތިލުމަށް ނިންމި ވަރަށް ބޮޑު އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމިއްލަގޮތުން ވާދަކުރަން މި ފަހަރު ނިންމި ހަމަ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުރި މީހުންގެ ތެރޭގައި ވެސް ހަމަ މިކަހަލަ ހިތްވަރެއް ކޮށްލާނެ މީހަކު ހުރިކަން ހާމަކޮށްދިނުމަށްޓަކައި، އަނެއްކާ ގާނޫނުއަސާސީ ހެދި މަޖިލީހުން އަޅުގަނޑުމެން ކަހަލަ މީހުންނަށް ވެސް މި ހައްގު ހޯދައިދީފައި ވާތީ،" އަބްދުލްކަރީމް ވިދާޅުވި އެވެ.

އަބްދުލްކަރީމްއަކީ އުފަންވުމުގައި ވެސް ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހެކެވެ. މި ވީހައިތަނަށް އޭނާ މަސައްކަތް ކުރަމުން ދިޔައީ ފޮނަދޫ މިސްކިތެއްގެ އިމާމެއްގެ ގޮތުގަ އެވެ.

ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރަން ނިންމީ ވަކި މީހަކާ ދެކޮޅަށް ނޫން ކަމަށާއި ވަކި މީހަކު ހޮވުނަ ނުދޭން ނޫން ކަމަށް ވެސް އަބްދުލްކަރީމް ވިދާޅުވި އެވެ.

ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ އެ ކައުންސިލުގެ މިހާރުގެ ވެސް ރައީސް، އަހުމަދު ރިޔާޒް އެވެ.

ފޮނަދޫއަކީ މިހާރުގެ މަޖިލިސް ރައީސް، އަބްދުއްރަހީމް އަބްދުالله ގެ ބޮޑު ކޮންޓްރޯލެއް އޮންނަ ރަށެކެވެ. އެ ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރަކީ ވެސް އޭނާ އެވެ.

އަބްދުއްރަހީމްއަކީ މި ވެރިކަން ޕީއެންސީއަށް ހޯދައިދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެކަކެވެ. އެގޮތުން، ރައީސް ޔާމީންއަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ވެރިކަމަށް ނެރޭނެ ބޭފުޅަކު ނެރުމަށް ގަދަފައިވިއްދައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ޓިކެޓު ހޯއްދަވައިދެއްވި ބޭފުޅަކީ ވެސް އަބްދުއްރަހީމް އެވެ.

އަބްދުލްރަހީމްގެ އެއްމާބަނޑު ކޮއްކޮ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާނެކަން އިއުލާނު ކޮށްފައި މި ވަނީ މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު އޮތް ގާތް ގުޅުމަށް ބުރޫއަރައި، ސިޔާސީ ގޮތުން އަބްދުއްރަހީމްގެ އަޑު ވަރަށް ބޮޑަށް މަޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.