Advertisement

ވިޔަފާރިވެރިންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައި ވަނިކޮށް، ލަފާދޭ ކޮމިޓީތަކެއް އުފައްދަނީ

ޑިސެންބަރު 17، 2025 ގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ވިޔަފާރިވެރިންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައި ވަނިކޮށް، ލަފާދޭ ކޮމިޓީތަކެއް އުފައްދަނީ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ މުހިންމު ސިނާއަތްތަކަށާއި އަމިއްލަ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައި ވަނިކޮށް، އިގުތިސާދީ މައިގަނޑު ތިން ދާއިރާއަކުން ލަފާދޭނެ ކޮމިޓީތަކެއް އެކުލަވާލުމަށް ރައީސް އޮފީހުން އިއްޔެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރުން އިއުލާންކޮށްފައިވަނީ ފަތުރުވެރިކަން، އިމާރާތްކުރުން، އަދި މަސްވެރިކަމާއި މެރިކަލްޗަގެ ސިނާއަތް ކުރިއެރުވުމަށްޓަކައި މި ތިން ދާއިރާގެ "އެޑްވައިޒަރީ ކޮމިޓީ" ތަކެއް އުފެއްދުމަށެވެ.

ނަމަވެސް، މި ފިޔަވަޅަކީ ސިނާއަތްތަކުގެ އަސްލު މައްސަލަތަކަށް ހައްލެއް ހޯދުމުގެ ބަދަލުގައި، ވަގުތު ބޭކާރުކޮށްލުމަށް ކުރާ ކަމެއްގެ ގޮތުގައި ބައެއް ވިޔަފާރިވެރިން ސިފަކުރި އެވެ.

"މިހާރު ވެސް ލަފާދޭން ކޮމިޓީތައް އެބަހުރި. އިކޮނޮމިކް ކައުންސިލް އެބަ އޮތް. އެތަނަށް ކަންކަން އަންނަނީ ނިންމައިގެން. ބަހުސްކޮށް ރަނގަޅު ނިންމުމެއް ނިންމުމުގެ ފުރުސަތެއް ނޯވޭ،" އިކޮނޮމިކް ކައުންސިލްގައި އިންނަވާ މެންބަރަކު ވިދާޅުވި އެވެ.

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހިފަހައްޓާފައި އޮތުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވުމުގެ ބިރު އޮތްއިރު، މި ފައިސާ ދޭނެ ކަމަށް ވިދާޅުވެ ރައީސް މުއުއްޒު ތަކުރާރުކޮށް ތާރީހުތައް ދެއްވަމުން ގެންދެވި ނަމަވެސް، އަދިވެސް އެ ފައިސާ ދީ ހަލާސްކޮށްފައެއް ނުވެއެވެ. އެންމެ ފަހުން ސަރުކާރުން ބުނެފައިވަނީ ރޯދައިގެ ކުރިން މި ފައިސާ ދައްކާނެ ކަމަށެވެ.

ސިނާއަތްތަކަށް ބަލާއިރު، ސަރުކާރުގެ ޕްރޮޖެކްޓުތައް އަމިއްލަ ކުންފުނިތަކަށް ނުދީ ދެ އަހަރު ދުއްވާލުމުގެ ސަބަބުން ކޮންސްޓްރަކްޝަން ދާއިރާ ވަނީ ހީނަރުވެފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާ ހިލާފަށް، މަޖުބޫރުކޮށްގެން ޑޮލަރު މާރުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފެށުމުން، އެ ސިނާއަތުގެ އިތުބާރު ވެސް މުއިއްޒަށް ވަނީ ގެއްލިފައެވެ.

"އަޅުގަނޑުމެންގެ ލަފާ ކީއްކުރަންތޯ ހޯދަނީ. ދޭ ލަފައެއް ގަބޫލު ކުރައްވާ ބޭފުޅެއް ނޫން މުއިއްޒުއަކީ،" ޓޫރިޒަމް ދާއިރާގެ ގިނަ އަހަރުތަކެއް ހޯދަކުރައްވާފައިވާ، އަދި ބައެއް ރިސޯޓުތަކުގައި ހިއްސާ އޮތް ބޭފުޅަކު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

"މުދަލުގެ އަގުތައް ބޮޑުވެފައި މިވަނީ ވެސް ސީދާ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން. ދެން ކީއްކުރާ ލަފައެއް."

މުއިއްޒު އުފައްދާ ތިން ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފެބުރުވަރީ 16، 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މެންބަރުކަމަށް ކުރިމަތިލާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.