އިންސާނުންގެ އަނގައިގެ ތެރޭގައި ދިރިއުޅޭ ބެކްޓީރިއާތަކަކީ، ހިރުގަނޑާއި ދަތްތަކުގެ ވަށައިގެންވާ ސަރަހައްދު ފާރުކޮށްލުމުގެ އިތުރުން ސިއްހީ އެހެން މައްސަލަތަކެއް މެދުވެރިކުރުވަފާނެ ނުރައްކާތެރި އެއްޗެއް ކަމަށް ސައެންސްވެރިން ބުނެފިއެވެ. ޖޯން ހިޕްކިންސް ކިމެލް ކެންސަރު ސެންޓަރާއި ބްލޫމްބާގް ކިމެލް ކިމެލް އިންސްޓިޓިއުޓް ފޯ ކެންސާ އިމިއުނޯތެރަޕީގެ ސައެންސްވެރިން ގުޅިގެން ކުރި ދިރާސާއެއްގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، އަނގައިގެ ތެރޭގައި އުޅޭ ބެކްޓީރިއާއަކީ އުރަމަތީ ކެންސަރުގެ ސެލްތައް އިތުރަށް ހީވާގިކޮށް، އެ ސެލްތަކުގެ ނުރައްކާތެރިކަން އިތުރުކޮށްދީފާނެ އެއްޗެކެވެ.
އެމީހުން ލެބޯޓޭރީގައި ކުރި އަޖުމަބެލުމުގެ ތަހުލީލުތަކުން އެނގުނު ގޮތުގައި އަނގައިގެ ތެރޭގައި އުޅޭ ބެކްޓީރިއާތައް ބައެއް ފަހަރަށް، އުރަމަތީގެ ސެލްތަކުގެ ޑީއެންއޭއަށް ދޭ ގެއްލުންތަކެއްގެ ސަބަބުން، އެ ސެލްތައް، ކެންސަރު ސެލްތަކަކަށް ބަދަލުވުމަށް މަގު ފަހިވެއެވެ. ސެލް ކޮމިޔުނިކޭޝަން އެންޑް ސިގްނަލިން ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން މިހާތަނަށް ބެލެވިފައި އޮތީ، އަނގައިގެ ތެރޭގައި އުޅޭ ބެކްޓީރިއާތަކާ ގުޅިފައިވަނީ ބޮޑުގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރާއި އެހެން ބައެއް ބާވަތުގެ ކެންސަރާ ކަމަށެވެ.
އެހެން ނަމަވެސް، މި ފަހުގެ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި އަނގައިގެ ބެކްޓީރިއާތަކުގެ ނުރައްކާތައް، އުރަމަތީގެ ކެންސަރާ ވެސް ވަރަށް ބޮޑަށް ގުޅެއެވެ. ދިރާސާއިން ކަށަވަރުވި ގޮތުގައި އަނގައިގެ ބެކްޓީރިއާތައް، ލޭގެ ނިޒާމުގެ ތެރެއަށް ވަދެގެން ހަށިގަނޑުގެ އެކި ގުނަވަންތަކަށް ކުރާ ދަތުރުގައި އުރަމަތީގެ ޓިޝޫތަކުގެ ތެރެއަށް ޖަމާވެ އެ ތަނުގައި ހާލި ހަދައެވެ.
އެއަށް ފަހު އެ ޓިޝޫތަކުގެ ތެރޭގައި ބެކްޓީރިއާތައް އިތުރުވެ ދުޅައެއް އުފެދުމުން އެ ދުޅަ، ގަނޑަކަށް ބަދަލުވެއެވެ. މި ގޮތުން އުރަމަތީގައި ލާ ގަނޑު ގިނަދުވަސްވުމުން ކެންސަރަށް ބަދަލުވާން ފަށައެވެ. މިގޮތް މެދުވެރިވާ މައިގަނޑު ސަބަބަކީ، އެ ބެކްޓީރިއާތަކުގެ ސަބަބުން އުރަމަތީގައި ޓިއުމަރު އުފެދުމަށް މަގުފަހިވާތީއެވެ. މި ގޮތަށް އުރަމަތީގައި އުފެދޭ ކެންސަރުގެ ސެލްތައް ފަހުގެ މަރުހަލާއެއްގައި ފުއްޕާމެއަށް ވެސް ފޯރާ ކަމަށް، ޖަނަވާރު ބޭނުންކޮށްގެން ލެބޯޓެރީގައި ކުރި ތަހުލީލުތަކުން އެނގުނެވެ.
ސައެންސްވެރިން މި ދިރާސާކުރުމަށް ނިންމީ، އަނގަޔާއި ހިރުގަނޑު ފާރުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ގިނަ ބައެއްގެ ފަރާތުން އުރަމަތީ ކެންސަރުގެ މައްސަލަ ވެސް ފާހަގަކުރެވިފައިވާ ކަން، އެއްކުރި މައުލޫމާތުތަކުން ފާހަގަކުރެވުމުންނެވެ. އެހެންކަމުން، އެކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި ދިރާސާކޮށް ލެބޯޓެރީގައި ހެދި ތަހުލީލުތަކުން މިހާރު ވަނީ އެކަން ޔަގީންކުރެވިފައި ކަމަށް ސައެންސްވެރިން ބުނެއެވެ.
މިކަން ކަށަވަރު ކުރުމަށް ލެބޯރެޓަރީގައި ސައެންސްވެރިން ކުރި ތަހުލީލުތަކުގައި، އިންސާނުންގެ އަނގައިގެ ތެރޭގައި އުޅޭ ފިއުޒޯބެކްޓީރިއަމް ނިއުކްލިއޭޓަމް (fusobacterium nucleatum) ކިޔާ ބެކްޓީރިއާއެއް، މީދަލުގެ އުރަމަތީ ސަރަހައްދަށް، އިންޖެކްޝަނެއްގެ ޒަރީއާއިން ފޮނުވިއެވެ. އެ ބެކްޓީރިއާ މީދަލުގެ އުރަމަތީގައި އަށަގަތުމާއެކު، އުރަމަތީގެ ޓިޝޫތަކަށް ބަދަލުތަކެއް އައިސް އެ ސަރަހައްދުގައި ގަނޑު ލާން ފެށިއެވެ. މިއިން އެނގުނީ އެ ސަރަހައްދުގެ ސެލްތަކުގައިވާ ޑީއެންއޭއަށް، އެ ބެކްޓީރިއާގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމެވެ.
އެއަށް ފަހުގައި، ގަނޑު ލީ ސަރަހައްދުގައި، ބަދަލު އައިސްފައިވާ ޓިޝޫތަކުގެ ތެރޭގައި ސެލްތައް އިތުރަށް އުފެދެން ފެށިއެވެ. މި ގޮތަށް ސެލްތައް އިތުރުވުމަކީ ކެންސަރުގެ ނުރައްކާ އިތުރުވާ ކަމެކެވެ. ފިއުޒޯބެކްޓީރިއަމް ނިއުކްލިއޭޓަމް ކިޔާ ބެކްޓީރިއާ ލޭގެ ތެރެއަށް ވާސިލުވުމާއެކު، ލޭގެ ތެރޭގައި މި ބެކްޓީރިއާތައް އިތުރަށް އާލާވެ، އުރަމަތީގެ ޓިއުމަރު އުފެދުމަށް އެހީއަކަށްވެއެވެ.
Comment