Advertisement

ސޯޝަލް މީޑިއާ ހުއްޓުވުމުގެ މަސައްކަތް ކޮންޓްރޯލް ކޮމިޝަނުން ފަށައިފި: އެމްޖޭއޭ

ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުން


ސޯޝަލް މީޑިއާ ހުއްޓުވުމުގެ މަސައްކަތް ކޮންޓްރޯލް ކޮމިޝަނުން ފަށައިފި: އެމްޖޭއޭ

އަދަދު ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިއުކުރި "ސިޔާސީ ކާޓޫން" ގެ ވޮލިއުމް 22 އެއްވެސް މީހަކު ދައުރު ނުކުރަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އެންގި އެންގުމުން ސޯޝަލް މީޑިއާ ހުއްޓުވުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށާފައިވާކަން ސާބިތުވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ މި ނޫހުން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ކާޓޫނަކީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނެގުމަށް އަންގާފައިވާ ކާޓޫނަކަށްވާތީ، އެ ކާޓޫނު އެއްވެސް މީހަކު ދައުރު ނުކުރުމަށް އަންގާ ކަމަށެވެ.

އެ އިއުލާން ޑިލީޓު ކުރުމަށް ފަހު އަލުން ޕޯސްޓު ކުރުމަށް ފަހު އަނެއްކާ މިހާރު ވަނީ އެ ކޮމިޝަނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ނަގާފަ އެވެ. ގެޒެޓުގައި ކުރި އިއުލާން ވެސް ނެގުމަށް ފަހު އަލުން ވަނީ ޕޯސްޓުކޮށްފަ އެވެ.

ފުރަތަމަ އިއުލާނުގައި އޮތް "އެއްވެސް ފަރާތެއްގެ" ބަދަލުގައި މިހާރު އޮތީ "އެއްވެސް މީޑިއާއަކުން" އެ ކަޓޫނު ދައުރު ނުކުރުމަށެވެ.

"ސޯޝަލް މީޑިއާ ހިމެނޭ ގޮތުން މިއަދު މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އެންމެހާ ރައްޔިތުންގެ މައްޗަށް އަދަދުގެ ކާޓޫން ދައުރު ނުކުރާން ނެރުނު އަމުރާ ގުޅިގެން ސާބިތުވެފައި ވަނީ އެ ގާނޫނު ބޭނުންކޮށް ސޯޝަލް މީޑިއާ ހުއްޓުވަން ކޮމިޝަނުން މަސައްކަތް ކުރަން ފެށިކަން. އަދި އެ ގާނޫނު ސަރުކާރުން ފާސްކުރުމުގެ މައިގަނޑު ބޭނުމަކީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގު ނިގުޅައިގަތުން،" އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށް ބުނެފައިވެ އެވެ.

ކޮންޓްރޯލް ކޮމިޝަނުގެ ގާނޫނު ވުޖޫދުކުރާ އެންމެ ބޮޑަށް ދެކޮޅު ހެދީ ސޯޝަލް މީޑިއާގައި އާންމުން ހިޔާލުފާޅުކުރުން ހަނިކޮށް އަދަބު ދެވޭ ގޮތަށް އެ ގާނޫނު އޮތުމުން ކަމަށް އެމްޖޭއޭއިން ބުނެފައިވެ އެވެ. ނަމަވެސް، ސަރުކާރުން އޭރު ދިނީ އެ ގާނޫނުގައި އެފަދަ މާއްދާއެއް ނެތް ކަމަށާއި އެ ގާނޫނު އެފަދަ ގޮތަކަށް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ކަމަށް އެމްޖޭއޭއިން ބުނެ އެވެ.

އިންޓަނެޓުގައި ޝާއިއު ކުރާ ކޮންޓެންޓަށް އަމުރު ފޯރުވުމުގެ ބާރު ކޮމިޝަނަށް ނުލިބޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ދިޔައީ ބުނަމުންނެވެ. އެކަމަކު، ނޫސްވެރިންގެ ޖަމިއްޔާ އާއި ނޫސްވެރިން އެއިރު ވެސް ބުނަމުންދިޔައީ ގާނޫނު ފަރުމާކޮށްފައި އޮތް ގޮތުން އިންޓަނެޓުގައި ޝާއިއު ކުރާ ކޮންޓެންޓަށް ވެސް ކޮމިޝަނަށް ބާރު ފޯރުވޭނެ ކަމަށެވެ.

ކާޓޫނުގެ މައްސަލަ ބަލަމުންދާކަން ކޮންޓްރޯލް ކޮމިޝަނުން އަދަދުއަށް އެންގީ ބުރާސްފަތި ދުވަހު ރަސްމީ ގަޑި ނިމި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް 17:30 ގަ އެވެ. ކޮމިޝަނުން އަދަދު ނޫހަށް އެންގީ އެ މައްސަލާގައި ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށެވެ. އެ މައްސަލައާ ގުޅިގެން އަދަދު ނޫހުން ވަނީ ރޭ ސިޓީއެއް ފޮނުވައިފަ އެވެ.

އެގޮތުން އެ ކޮންޓެންޓު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމަށް 'ތުހުމަތު ކުރެވި' އެ ގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދޭން އަދަދު ނޫހުން ވަނީ އެދިފަ އެވެ. އަދި ކޮންޓެންޓު ވަގުތީ ގޮތުން ނިންމުމާ މެދު ވެސް އޭރުން ގޮތެއް ނިންމާނެ ކަމަށް މި ނޫހުން ވަނީ ކޮންޓްރޯލް ކޮމިޝަނަށް އަންގާފަ އެވެ.

މިއީ އަދަދު ނޫހުގައި ޝާއިއުކުރި ކޮންޓެންޓެއް ނެގުމަށް މީޑިއާ ނެތިކޮށްލާ ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ. އޭގެއިތުރުން މިއީ އާންމުން ކޮންޓެންޓެއް ދައުރު ނުކުރުމަށް ކޮމިޝަނުން އެންގި ވެސް ފުރަތަމަ ފަހަރެވެ.