Advertisement

އަދަދު ނޫހުގެ ކާޓޫނާއި މީޑިއާ ކޮމިޝަންގެ ނިންމުމާމެދު ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީގެ ރައުޔު

about 2 hours 0


އަދަދު ނޫހުގެ ކާޓޫނާއި މީޑިއާ ކޮމިޝަންގެ ނިންމުމާމެދު ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީގެ ރައުޔު

about 2 hours 0

މިއީ އަދަދު ނޫހުގެ ފޭސްބުކް އަދި އެކްސް އެކައުންޓުގައި، ޖެނުއަރީ 22، 2026 ގައި ޝާއިއުކުރި "ސިޔާސީ ކާޓޫނު" އާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެޅި ފިޔަވަޅާމެދު، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި އިއްޔެ ޝައިޢުކުރި ލިޔުމެވެ.

---

އަދަދު އޮންލައިންގައި ދާދިފަހުން ޝާއިޢުކުރި "ކެރިކަޗޫރަލް" ނުވަތަ ކާޓޫނީ ކުރެހުމަކުން ތަޢުބީރުކޮށްދޭ މާނަތަކަކާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން 22 ޖެނުއަރީ 2026 ގައި އަދަދު އޮންލައިންގެ އެޑިޓަރަށް އެޑްރެސްކޮށް ފޮނުވައިފައިވަ ސިޓީގައި ބަޔާންކޮށްފައިވާ ސަބަބުތަކަކާ ޙަވާލާދީ، 5 ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ޖަވާބުދާރީވުމަށާއި، އަދި މައްސަލަ ބަލައި ނިމެންދެން ބުނެވުނު ކުރެހުން ހިމެނޭ ޕޯސްޓް ނެގުމަށް އަންގައިފައިވާ އެންގުމަށާއި، ބުނެވުނު ކުރެހުމަށް ބެލުމުން ފާހަގަކުރެވޭ 2 ނުކުތާޔަކަށް މި ފުރުޞަތުގައި އަލިއަޅުވައިލުމަކީ ކޮންމެހެން މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

1. މީޑިއާ ކޮމިޝަނުން އަދަދު އޮންލައިން އަށް ފޮނުވި ސިޓީގައި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) އާއި، 27 ވަނަ މާއްދާ އާ ޙަވާލާދީ، ބުނެވުނު ކުރެހުމަކީ އެ މާއްދާތަކާ ޚިލާފުކަމަށް ބެލެވޭ "ކޮންޓެންޓް" އެއްކަމަށް ފާހަގަކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި "ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެކެވެ". މި ފަދައިން ބަޔާންކޮށްފައިވެއެވެ. އަދި، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި "އިސްލާމްދީނުގެ އަޞްލަކާ" ޚިލާފުނުވާ ގޮތެއްގެ މަތިން މިނިވަންކަމާއެކު ފިކުރުކުރުމާއި، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ބަޔާންކުރެވުނު ދުސްތޫރީ ނައްޞުތަކުގެ އަލީގައި، އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވާ ކުރެހުމަށާއި އެކުރެހުމުން ރަމްޒުކޮށްދޭ މާނަޔަށް ބެލުމުން، އެ ކުރެހުމަކީ އިސްލާމްދީނާ ނުވަތަ އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު "ކޮންޓެންޓެއް" ކަމަށް މީޑިއާ ކޮމިޝަނުން ފާހަގަކޮށްފައިވަނީ އެއްވެސް ޞައްޙަ ޝަރްޢީ، އަދި ދުސްތޫރީ ނުވަތަ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަން ސާފުކޮށް އެނގެއެވެ. އެހެނީ، ޝަރްޢީ އަދި ދުސްތޫރީ ހަމަތަކުގެ މަތިން އިސްލާމް ދީނުގެ އަޞްލަކީ ކޮބައިތޯ ބަލާއިރު، ޢަޤީދާގެ ދާއިރާގައި އިސްލާމް ދީނުގެ އަޞްލަކީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިން ކައިރީގައި އީމާންކަމުގެ 6 ރުކުން ކަމުގައިވާ މާތް ﷲ އަށް އީމާންވުމާއި، މަލާއިކަތުންނަށް އީމާންވުމާއި، ސަމާވީ ފޮތްތަކަށް އީމާންވުމާއި، ރަސޫލުންނަށް އީމާންވުމާއި، އާޚިރަތްދުވަހަށް އީމާންވުމާއި، ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ. އަދި، ޝަރްޢީ ޙުކުމްތަކާއި ޤާނޫނުގެ ދާއިރާގައި އިސްލާމްދީނުގެ އަޞްލުކަމުގައި ބެލެވެނީ އެއާމެދު އެއްވެސް ޚިލާފެއް ނުވާ، ޤަޠުޢީ ދަލީލުތަކުން ޘާބިތުވެފައިވާ އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާއި ޢާންމު މަޤްޞަދުތަކާއި މަބްދައުތަކާއި އުޞޫލުތަކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "އިސްލާމްދީނުގެ އަޞްލު" މާނަކޮށްފައިވަނީ އެއީ "ކީރިތި ޤުރުއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެތެރެއިން، އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރްޢީ އުޞޫލުތަކާއި މި ދެއަޞްލުން ދޭހަކޮށްދޭ އުޞޫލުތައް" ކަމަށެވެ. އެހެންކަމުން، އިޝާރާތްކުރެވުނު ކުރެހުމަކީ އިސްލާމްދީނާ ނުވަތަ ދީނުގެ އަޞްލަކާ ޚިލާފު އެއްޗެއްކަމަށް ބަލަންޖެހޭ އެއްވެސް ޝަރްޢީ އަދި ޤާނޫނީ އަސާސެއް ނެތްކަން އަންނަނިވި ދެވަނަ ނުކުތާއިން ބޮޑަށް ސާފުވެގެންދާނެއެވެ.

2. ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަކީ އިސްލާމީ ޝަރީޢަތުގެ ޢާންމު މަބްދައުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަބްދައެވެ؛ މި މަބްދައުގެ ދަށުން ދައުލަތް ހިންގުމާ ޙަވާލުވެތިބޭ ވެރިން ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ކަމާބެހޭ ކޮންމެ މުއައްސަސާއަކުންވެސް އެ މުއައްސަސާއެއްގެ ދައުރު ޤާނޫނީ ހަމަތަކުގެ މަތިން އަދާކުރަމުން ގެންދިއުމަކީ އިންތިހާޔަށް މުހިންމު ކަމެކެވެ. މިގޮތުން، ދައުލަތާއި، ސަރުކާރުގެ މުއައްސަސާތަކާއި ވެރިންގެ މެދުގައި އަށަގެންފައިވާ ފަސާދަޔާއި، ޚިޔާނަތުގެ ކަންކަން ރައްޔިތުންނަށް ހާމަކުރުމަކީ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގެ ޙުދޫދުގެ ތެރޭގައި ނޫސްވެރިންނަށް ލިބިގެންވާ މިނިވަން ކަމެކެވެ. އެހެންކަމުން، ނޫސްވެރިން ޤާނޫނީ ހަމަތަކުގެ މަތިން ޝާއިޢުކުރާ ލިއުންތަކާއި އަދި އެހެނިހެން ފިކްރީ ކޮންޓެންޓަކީ އޭގެ މާނަ ޞަރީޙަ ޢިބާރާތުން ނުވަތަ "ޟިމްނީ" (implicit) ކޮށްވެސް ތަޢުބީރުކުރުން ހުއްދަވެގެންވާ ލިއުންތަކާއި ކޮންޓެންޓްކަން އިޞްލާމީ އުޞޫލުލްފިޤްހުގެ ޤަވާޢިދުތަކަށް ބެލުމުން އެނގެން އޮންނައިރު، ނޫސްވެރިން ހާމަކުރަން ބޭނުންވާ އައިޑިއާ ނުވަތަ ފިކުރު ލިއުމުން ޢިބާރާތްކުރުމުގެ ބަދަލުގައި ކުރުގޮތަކަށް ކާޓޫނީ އުސްލޫބަކުން ތަޢުބީރުކުރުމަކީ މިޒަމާނުގައި ނޫސްވެރިކަމުގެ ދާއިރާގައި ފުޅާގޮތަކަށް ބަލައިގެންފައިވާ އުސްލޫބެކެވެ. މިގޮތުން ބަލާއިރު، އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވާ އިސްވެ އިޝާރާތް ކުރެވުނު ކުރެހުމަކީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ކުރެހުމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ބަލަންޖެހޭނީ އެކުރެހުމުން ތަޢުބީރުކޮށްދޭ މާނަޔަށްކަން އިސްލާމީ ފިޤްހުގެ އަސާސީ ޤާޢިދާއެއްކަމަށްވާ "الأُمُوْرُ بِمَقَاصِدِهَا"، މި ޤާޢިދާގެ ތަޠްބީޤާތު ތަކަށް ބެލުމުން އެނގެއެވެ. މި ޤާޢިދާގެ މަފްހޫމަކީ ޝަރްޢީ އުޞޫލަކާ ޚިލާފުނުވާ، ތަފާތު ކަންކަމާއި ތަޞައްރުފާތުތައް ބަލައި ވަޒަންކުރުމުގައި ބަލަންޖެހޭ ޝަރްޢީ މިންގަނޑަކީ އެކަންކަމުގެ މަޤްޞަދެވެ. ބޭރުފުށަށް ފެންނަ ގޮތެއް ނޫނެވެ. އެހެންކަމުން، ބުނެވުނު ކުރެހުމުގައި ނަމާދުކުރާ މަންޒަރާއި ރިޝްވަތު ދޭ މަންޒަރު އެކީއެކުގައި ދައްކުވައިދިނުމުގެ ޙަޤީޤީ މަޤުޞަދަކީ ސަރުކާރުގެ ވެރިންނާއި މުއައްސަސާތަކުގެ މެދުގައި ފަސާދަ އެއްވެސް ޙައްދެއް ނެތް މިންވަރަށް، ވަކި ވަޤުތަކާއި ޒަމާނަކަށް ބެލުމެއް ނެތި، ފެތުރިފައިވާ މިންވަރު ތަޢުބީރުކޮށްދިނުމެވެ؛ އަދި ވަކިން ޚާއްޞަކޮށް މިހާރުގެ ސަރުކާރަކީ އިސްލާމީ ފިކުރަށް ތަބާވާ ސަރުކާރެއްކަމަށް ވަކާލާތުކޮށް ދަޢުވާކުރަމުންދާ ދަނޑިވަޅެއްގައި ސަރުކާރުގެ ހުރިހައި ގުނަވަނެއްގައި ޙައްދުފަހަނައަޅައިފައިވާ މިންވަރަށް ފަސާދަ އަށަގެންފައިވާކަން އަންގައިދިނުމެވެ. އެހެންކަމުން އެ ކުރެހުމުގެ އަޞްލު މަޤުޞަދު އޮޅޭގޮތަށް، އެއީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފުކަމެއް ކަމަށާ، އަދި، އެއީ އިސްލާމްދީނަށް ފުރައްސާރަކުރުން ކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ވަކާލާތުކުރާ ކުރުމަކީ ޙަޤީޤަތުގައި، ކޮރަޕްޝަނާއި ފަސާދަ ފަދަ މުންކަރާތްތައް ނަހީކުރުމުގެ ބަދަލުގައި އެކަން ފޮރުވުމަށް ކުރާ މަސައްކަތަކަށް މެނުވީ ނުވާނެއެވެ. އެހެންކަމުން މި ސިޔާޤުގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ ކަމަކީ ޙަޤީޤަތުގައި ސަރުކާރުގައި އަށަގެންފައިވާ މުންކަރާތްތައް ފޮރުވަން ކުރެވޭ މަސައްކަތެވެ. އަދަދު އޮންލައިންގައި ޝާއިޢުކުރެވުނު ކުރެހުމެއް ނޫނެވެ.