Advertisement

ރާއްޖެ ވަރުގަދަ، އަހަރެމެންނަށް ފުރުސަތު ލިބޭނީ ޑިފެންސްކޮށްގެން: ނޭޕާލް

about 2 hours 0

ނޭޕާލްގެ ފިރިހެން ފުޓްސަލް ޓީމުގެ ކޯޗު، އަނިލް ބަހާދުރު ގުރުންގް ---- ފޮޓޯ: ސާފް


ރާއްޖެ ވަރުގަދަ، އަހަރެމެންނަށް ފުރުސަތު ލިބޭނީ ޑިފެންސްކޮށްގެން: ނޭޕާލް

about 2 hours 0

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނަ މެޗުގައި ނޭޕާލަށް ކިިރިޔާ ވެސް ފުރުސަތެއް އޮތީ ވަރަށް ވަރުގަދަ އަށް ކުޅެމުން އަންނަ ރާއްޖެ ކައިރީގައި ރަނގަޅަށް ޑިފެންސްކޮށްގެން ކަމަށް ނޭޕާލްގެ ފިރިހެން ފުޓްސަލް ޓީމުގެ ކޯޗު، އަނިލް ބަހާދުރު ގުރުންގް ބުނެފި އެވެ.

ލީގު އުސޫލުން ކުޅޭ ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ އެއް ވަނައިގައި ރާއްޖެ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަންގްލަދޭޝް އާއި ތިން ވަނައިގައި އޮތް ޕާކިސްތާނަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފަ އެެވެ.

ހަތަރެއްގައި އޮތް ނޭޕާލަށް ތިން މެޗުން ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ނޭޕާލަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފުރުސަތެއް އޮތީ މިއަދު ރާއްޖެ އަތުން މޮޅުވެގެންނެވެ.

ލަންކާ އަތުން ފުރަތަމަ މެޗުން މޮޅުވި ނޭޕާލް ވަނީ ދެން ކުޅުނު ދެ މެޗުން އިންޑިއާ އާއި ޕާކިސްތާނާ އެކު އެއްވަރުވެފަ އެވެ. މީގެ ތެރެއިން ޕާކިސްތާނާ އެކު އެއްވަރުވީ ތިން ގޯލުގެ ލީޑެއްގައި އޮވެފައި، 4-4 އިންނެވެ.

ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަހާދުރު ބުނީ، ނޭޕާލް ޓީމުގައި މި އޮތީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް ކަމަށާއި މިހާރު މެޗުތަކުގައި އެ ހަދަމުން އަންނަ ގޯސްތައް ގިނަ މެޗުތަކެއް ކުޅޭ ވަރަކަށް ރަނގަޅުކުރާނެ ކަމަށެވެ.

ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ސުވާލުކުރުމުން، ބަހާދުރު ބުނީ، ރާއްޖެ އަކީ ފުޓްސަލްގެ ތަޖުރިބާ ހުރި ވަރުގަދަ ޓީމެއް ކަމަށެވެ.

"ރާއްޖެ ފެންނަނީ ވަރަށް (ފުޓްސަލްގެ) ތަޖުރިބާ ހުރި، ހުނަރުވެރި ވަރުގަދަ އަށް ކުޅޭ ޓީމެއް ގޮތަށް. ޔަގީނުން ވެސް އަހަރެމެންނަށް ރާއްޖެއާ އެކު ކިރިޔާ ވެސް ފުރުސަތެއް އޮތީ ވަރަށް ރަނގަޅަށް ޑިފެންސްކޮށްފައި ލިބޭ ބޯޅައިގައި ނިންމައިގެން (ގޯލު ޖަހައިގެން)،" ބަހާދުރު ބުންޏެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ދެ މަހެއްހާ ދުވަސްކުރިން މަސައްކަތް ފަށައި، 100 ކުޅުންތެރިންގެ ޓްރަޔަލެއްގެ ތެރެއިން ކުޅުންތެރިންތަކެއް ނަގައިގެން، ދެން ޓީމަށް ކުޅެވޭނެ އިތުރު ކުޅުންތެރިން ވެސް ހޯދައިގެން މުބާރާތަށް ތައްޔާރުވި ކަމަށް ބަހާދުރު ވަނީ ބުނެފަ އެވެ. އަދި، މުބާރާތުގައި ގަދަ ތިނެއްގައި ނިންމާލުމުގެ ޓާގެޓެއް އެބައޮތް ކަމަށް ބަހާދުރު ވަނީ ބުނެފަ އެވެ.

ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.