Advertisement

ސްޓެޓިންއަކީ ހަކުރުބަލީގެ މީހުންނަށް އޮތް އުންމީދެއް

about 2 hours 0


ސްޓެޓިންއަކީ ހަކުރުބަލީގެ މީހުންނަށް އޮތް އުންމީދެއް

about 2 hours 0

ކޮލެސްޓެރޯލް ދަށް ކުރުމަށް އާންމުކޮށް ބޭނުންކުރާ ބޭހުގެ ބާވަތެއް ކަމަށްވާ ސްޓެޓިންސް ގިންތީގެ ބޭސްތަކަކީ، ޓައިޕް ދޭއްގެ ހަކުރުބަލީގެ މީހުންނަށް އޮތް ވަރަށް ބޮޑު އުންމީދެއް ކަމަށް، ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ. ވަރަށް ފުޅާ ދާއިރާއެއްގައި ދިގު މުއްދަތަކަށް ހެދި މި ދިރާސާއިން އެނގުނު ގޮތުގައި ސްޓެޓިން ގިންތީގެ ބޭސްތައް ބޭނުންކުރުމުން، ޓައިޕް ދޭއްގެ ހަކުރުބަލީގެ މީހުން، ހިތުގެ ބަލިތަކުގައި ދުނިޔެ ދޫކުރުމުގެ ފުރުސަތު ކުޑަވެއެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ކޮލެސްޓެރޯލްގެ ސަބަބުން، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ހިތުގެ ބައްޔެއް ޖެހިދާނެ ކަމަށް އަންދާޒާ ކުރެވޭ މީހުންނަށް ވެސް، މިބާވަތުގެ ބޭސްތަކުން ރަނގަޅު މަންފާތަކެއް ކުރާ ކަމަށް ފާހަގަކުރެވެއެވެ. ސްޓެޓިންސް ގިންތީގެ ބޭސްތަކަކީ، ނުބައި ކޮލެސްޓެރޯލް (LDL) ހުންނަ މީހުންގެ ލެއިން ކޮލެސްޓެރޯލް ދަށް ކުރުމަށް އާންމު ގޮތެއްގައި ލިޔެދޭ ބޭހެކެވެ.

ނުބައި ކޮލެސްޓެރޯލްގެ މިންވަރު މަތިވުމަކީ ލޭހޮޅިތަކުގައި ސަރުބީ ޖަހައި ލޭހޮޅިތައް ބެދި ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުކޮށްދޭ ކަމެކެވެ. އެ ގޮތުން ޓައިޕް ދޭއްގެ ހަކުރު ބަލި ހުންނަ މީހުންނަކީ ހިތުގެ ބައްޔެއް ޖެހުމުގެ ނުރައްކާ ބޮޑު މީހުންގެ ގޮތުގައި ބެލެވުނަސް، އެފަދަ މީހުންނަށް ސްޓެޓިންސް ގިންތީގެ ބޭސްތައް ދިނުމަށް ޑޮކްޓަރުން އެއްބަހެއް ނުވެއެވެ.

އެނަލްސް އޮފް އިންޓާނަލް މެޑިސިންގައި ދާދި ފަހުން ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ޓައިޕް ދޭއްގެ ހަކުރު ބަލި ހުންނަ މީހުންނަށް، ސްޓެޓިންސް ގިންތީގެ ބޭސްތަކުން ލިބޭ މަންފާތައް، މީގެ ކުރިން ގަބޫލުކުރެވިފައި އޮތް މިންވަރަށް ވުރެ މާ ބޮޑެވެ. މި ދިރާސާ ހަދާފައިވަނީ އިނގިރޭސި ވިލާތުގެ (IQVIA Medical Research Data (IMRD)-UK)ގެ ޑާޓާބޭސްގައި ހުރި މައުލޫމާތުތައް ދިރާސާކޮށްގެންނެވެ.

މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބޭނުންކުރީ، ޓައިޕް ދޭއްގެ ހަކުރު ބަލި ޖެހިފައިވާ، 25-48 އަހަރުގެ މީހުންތަކެއްގެ 10 އަހަރު ދުވަހުގެ މައުލޫމާތުތަކެވެ. މި ދިރާސާ ފެށިއިރު މި ދިރާސާގައި ބައިވެރިކުރި އެއްވެސް މީހަކީ ހިތުގެ ސީރިއަސް މައްސަލައެއް ނުވަތަ ފުރަމޭގެ ސީރިއަސް މައްސަލައެއް ނެތް މީހުންނެވެ.

މި ދިރާސާގައި އަޅާކިޔާފައި ވަނީ ކޮލެސްޓެރޯލް ދަށް ކުރުމަށް ސްޓެޓިން ގިންތީގެ ބޭސް ބޭނުންކުރާ މީހުންނާއި އެ ގިންތީގެ ބޭސް ބޭނުންނުކުރާ މީހުންގެ މައުލޫމާތުތަކެވެ. ދިހަ އަހަރުގެ ތެރޭގައި ހިތުގެ މައްސަލައެއް ކުރިމަތިވުމުގެ ނުރައްކާ އޮތް މިންވަރަށް ބަލައި، އެމީހުންތައް ގުރޫޕުތަކަކަށް ބަހައިލިއެވެ.

މި ގޮތަށް ގުރޫޕުތަކަށް ބަހާލައިގެން ދިރާސާ ކުރުމުން އެނގުނީ، ހިތުގެ ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުންނާއި ނުރައްކާ ކުޑަ މީހުންނާއި ނުރައްކާތެރިކަމުގެ މިންގަނޑު މެދުމިނުގައި ހުންނަ މީހުންނަށް ވެސް، ސްޓެޓިންސް ގިންތީގެ ބޭސްތަކުން މަންފާކުރަނީ ދާދި އެއް ވަރަކަށެވެ. މީގެ ކުރިން ބެލެވިފައި އޮތީ، ސްޓެޓިންސް ގިންތީގެ ބޭސްތަކުން ފައިދާ ލިބެނީ، ހިތުގެ ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުންނަށް އެކަނި ކަމަށެވެ.

ހަކުރު ބަލީގެ މީހުން މި ބާވަތުގެ ބޭސްތައް ބޭނުންކުރުމުން އިތުރު ސައިޑް އިފެކްޓްތައް ކުރިމަތިވާނެ ކަމަށް ވެސް މީގެ ކުރިން އޮތީ ބެލެވިފައެވެ. ނަމަވެސް މި ދިރާސާއިން އެނގުނު ގޮތުގައި ކޮލެސްޓެރޯލް ދަށް ކުރުމަށް މި ގިންތީގެ ބޭސް ބޭނުންކުރުމުން، ކުރިމަތިވާ މަޔޯޕަތީ (Myopathy)ގެ މައްސަލަ ފިޔަވައި އެހެން ސައިޑް އިފެކްޓެއް ނުފެނެއެވެ. މަޔޯޕަތީއަކީ ހަށިގަނޑުގެ މަސްތަކުގެ ބާރު ދަށްވުމާއި މަސްތަކަށް ވާންވުން ފަދަ މައްސަލަތަކެވެ.

އޭގެ އިތުރުން، ކުރިން ބެލެވިފައި އޮތީ ސްޓެޓިންސް ގިންތީގެ ބޭސްތައް ބޭނުންކުރުމުން ފުރަމޭގެ މައްސަލަތައް ވެސް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށް ދިރާސާގެ ސައެންސްވެރިން ބުންޏެވެ.