Advertisement

މިދިޔަ އަހަރު ސަބްސިޑީ ބަޖެޓަށްވުރެ އިތުރަށް 1.5 ބިލިއަން ރުފިޔާ ހޭދަކުރި

އެސްޓީއޯ ކާޑު ގުދަނުގައި ގޮދަން ފުށް ބަސްތާތަކެއް ލޮރީއަކަށް އަރުވަނީ: ރާއްޖޭގައި ސަބްސިޑީއަކަށް އެންމެ ފުރަތަމަ ދޭން ފެށީ ކާޑު ސަބްސިޑީ --- ފޮޓޯ: އަދަދު


މިދިޔަ އަހަރު ސަބްސިޑީ ބަޖެޓަށްވުރެ އިތުރަށް 1.5 ބިލިއަން ރުފިޔާ ހޭދަކުރި

ސަބްސިޑީ ދޭން މިދިޔަ އަހަރަށް ބަޖެޓު ކުރި 1.8 ބިލިއަން ރުފިޔާ ހުސްވެ އޭގެ އިތުރަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކައިފި އެވެ.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީއިން 2025 އަށް ފާސްކުރި ބަޖެޓުގައި އޮތީ ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް، ޑިސެމްބަރު 31، 2025، ގެ ނިޔަލަށް 3.4 ބިލިއަން ރުފިޔާ ސަބްސިޑީއަށް ހޭދަކޮށްފައިވާ ކަމަށް ފިސްކަލް ރިޕޯޓުން ދައްކަ އެވެ.

ހަމަ އެ ގޮތަށް އާސަންދައިގެ ހަރަދުތައް ކުޑަކުރަން ބުނި ނަމަވެސް، އެކަން ކުރަން އަޅަން ބުނި ފިޔަވަޅުތައް ރޭވި ގޮތަށް ކުރިއަށް ނުދާތީ އާސަންދައިގެ ވެސް ހަރަދެއް ކުޑައެއް ނުވެ އެވެ.

މިދިޔަ އަހަރު އާސަންދައަށް 1.8 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް އެ އަދަދަށް ވުރެ އިތުރަށް 735 މިލިއަން ރުފިޔާ މިދިޔަ އަހަރު ހޭދަކުރި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ސަބްސިޑީ ބަޖެޓު ހުސްވީ، މިދިޔަ އަހަރުގެ ބަޖެޓުގައި ރޭވި ގޮތަށް ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ދޭ ގޮތަށް ސަރުކާރުން ބަދަލުނުކުރުމުންނެވެ.

މިހާރު ސަބްސިޑީ ނިޒާމު އޮންނަ ގޮތުން، އަސާސީ ކާޑުގެ ބާވަތްތަކަށާއި ފެނާއި ކަރަންޓާއި ނަރުދަމާއަށް ސަރުކާރުން ދޭ ސަބްސިޑީ ދެނީ ސަރުކާރު ކުންފުނިތަކަށެވެ. ނަމަވެސް މިދިޔަ އަހަރު ސަރުކާރުން ރާވަފައި އޮތީ، އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން މި ނިޒާމު ބަދަލުކުރާށެވެ.

2024 ވަނަ އަހަރު ސަބްސިޑީއަށް 3.9 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އެހެންކަމުން މިދިޔަ އަހަރު ސަބްސިޑީ ހޭދަ އޭގެ ކުރީ އަހަރަށްވުރެ 471 މިލިއަން ރުފިޔާ މަދެވެ.