ހަސަން ޝާކިރު މުހައްމަދު: ދިވެހިބަހުގެ އެކެޑަމީގެ ރައީސަކަށް ވަނީ އިންތިހާބުވެފައި -- ފޮޓޯ: ދިވެހިބަހުގެ އެކެޑަމީ
ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ މަގާމަށް ޅެންވެރިޔާ، ހ. ހުދުފިނިފެންމާގެ، ހަސަން ޝާކިރު މުހައްމަދު (ޝާކިރުބޭ) މިއަދު ހޮވިއްޖެ އެވެ.
ހެރިޓޭޖް މިނިސްޓްރީގައި ބޭއްވި ދިވެހިބަހުގެ އެކަޑެމީގެ މެންބަރުންގެ ބައްދަލުވުމުގައި ރައީސަކު ހޮވަން ނެގި ސިއްރު ވޯޓުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުން ވެސް ވޯޓު ދެއްވީ ޝާކިރުބެއަށެވެ.
މީޑިއާ ކައުންސިލްގެ މެންބަރުކަން ކުރިން ކުރައްވާފައިވާ ޝާކިރުބެ އެންމެ ފަހުން ހުންނެވީ އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.
ޝާކިރުބެއަށް 1998 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ ގައުމީ އިނާމު އަދި 2007 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއިންނާއި ދިވެހިބަހުން ވާހަކަ ދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިފައިވެ އެވެ.
މީގެ އިތުރުން 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝާކިރުބެއަށް ވަނީ ގައުމީ އިނާމު ލިބިފައިކަން ފާހަގަކުރެވެ އެވެ.
ކޮމިޓީގައި ޝާކިރުބެގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ކޮމިޓީގެ ނައިބުރައީސް ޒުލްފާ އިބްރާހިމް އަދި މެންބަރުންގެ ގޮތުގައި އިޔާޒް ޖާދުﷲ ނަސީމް، އިބްރާހިމް ވަހީދު އަދި ފާތިމަތު އައްޒަ އެވެ.
ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.
ދިވެހިބަހުގެ އެކަޑަމީގެ ރައީސްގެ މަގާމުގައި އަޝްރަފް ހުންނަވަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އެތަން ހިންގުމަށް މަށް ދިވެހި ލޭންގުއޭޖު، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އައްޔަންކޮށްފަ އެވެ.
ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގެ ދަށުން 2009 ގައި އުފެއްދި ބަހުގެ އެކަޑަމީ ހިންގަން ފަސް މެންބަރުންގެ ބޯޑެއް އައްޔަން ކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ނަމަވެސް އެ ބޯޑުގައި ހިމެނޭ ރައީސާއި ނައިބުރައީސް ހޮވަން ޖެހެނީ ބޯޑުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
Comment