Advertisement

ކައުންސިލް އިންތިހާބަށް ފަހު ވަޒީފާތަކުން މީހުން ކަނޑާލަން މި ސަރުކާރު ފަސްނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވެއްޖެ


ކައުންސިލް އިންތިހާބަށް ފަހު ވަޒީފާތަކުން މީހުން ކަނޑާލަން މި ސަރުކާރު ފަސްނުޖެހޭނެ ކަމަށް ޔާމީން ވިދާޅުވެއްޖެ

ކުރިއަށް އޮތް އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ވަޒިފާ ދޭ މީހުން އެ އިންތިހާބަށް ފަހު އެ މަގާމުތަކުން ކަނޑާލާނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ސަރުކާރުން އެތައް ހާސް ވަޒީފާއެއް އެ އިންތިހާބާ ދިމާކޮށް ބަހާނެ ކަމަށް ވިދާޅުވެފަ އެވެ. ބަޔަކަށް ވަޒީފާ ދިނުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި ނަމަވެސް އެ ވަޒީފާތައް ދެމެހެއްޓޭނެ ކަމާމެދު ޔާމީން ސުވާލު އުފެއްދެވި އެވެ.

"ކައުންސިލް އިންތިހާބު ނިމި މި މީހުން ބޭނުންވާ ނަތީޖާ ނުނުކުތީމާ އަލަށް ވަޒީފާތަކުގައި ތިބި މީހުން މަގާމުން ކަނޑާލާއި އުކާލާނެ ހެއްޔޭ؟ މިވަރުގެ ބަޔަކު އެކަން ކުރާކަށް ފަހަކަށް ނުޖެހޭނެ، އެ ކަން ކުރުމަކީ އެކަށީގެންވާ ކަމެއް،" ޔާމީން ވިދާޅުވި އެވެ.

އެހާ ގިނަ ސަރުކާރުގެ ވަޒީފާއަށް މީހުން ނެގުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެވަރަށް ރާއްޖެއަށް ފައިސާ ނުވަންނަ ކަމަށް 2013 އިން 2018 އަށް ވެރިކަން ކުރެއްވި ޔާމީން ވިދާޅުވި އެވެ.

"ރާއްޖެއަށް އިތުރަށް ބޭރު ފައިސާ ނުވަންނަ ކަމަށްވަންޏާ ދިވެހި ރުފިޔާއަކީ އަގެއް ހުރި އެއްޗެއް ނޫން. ހުރިހާ ކަމެއް ކުރަން ލާރި ޖަހާ ކަމަށްވަންޏާ، ކިރު ފެލައި ހުސްވެފައި އޮތް ބަކަރިއަކަށް ވާނީ، ދެން ނުކުންނާނެ ފައިސާއެއް ނުހުންނާނެ، ޖެހޭނީ ނޫޓު ޖަހަން،" ޔާމީން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ރަށްރަށަށް ކަންކަން ދިމާވުމުން އެކަމެއް ހައްލު ނުކުރެވޭނެ ކަމަށް ވިދާޅުވެ ޔާމީން ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ފާހަގަކުރައްވާފަ އެވެ. އެއީ ރިކަރަންޓު ހަރަދަށް ލާރި ހަރަދުކުރުމުން ކެޕިޓަލް ހަރަދުތަކަށް ފައިސާ ނުހުންނާނެތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ވެސް އެކި މިނިސްޓްރީތަކުންނާއި ކުންފުނިތަކުން އަންނަނީ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް އެތަކެއް ވަޒީފާއެއް އިއުލާނު ކުރަމުންނެވެ.

އިންތިހާބާ ދިމާކޮށް ސަރުކާރުން ވަޒީފާތައް ދެމުންދާއިރު އޭގެއިން އެއްވެސް މައްސަލައެއް ބަލާކަން އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ. އެ ކޮމިޝަނުން ކޮންމެ އިންތިހާބާ ދިމާކޮށް ވެސް މައްސަލަތައް ބަލާނެ ކަމުގެ ޔަގީންކަން ދޭއިރު، މިދިޔަ މަޖިލިސް އިންތިހާބާ ގުޅިގެން ހުށަހެޅި މައްސަލަތައް ވެސް ނުބަލަ އެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ދަނީ އެކި ވަޒީފާތައް އުފައްދައި މީހުންނަށް ދެމުންނެވެ. އޭގެއިތުރުން އިންތިހާބަށް ނުފޫޒު ފޯރާނެ ގޮތަށް ދާދި ފަހުން ސަރުކާރުން ވަނީ ހިރިމަރަދޫ ކައުންސިލް އުވާލައި، އެ ރަށުގެ ރައްޔިތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހަނިމާދޫ ރައްޔިތުންގެ ގޮތުގައި އެ ދާއިރާއަށް ވޯޓުލާ ގޮތަށް ހަމަޖައްސާފަ އެވެ.