ނޭޕާލުގެ އާ ކޯޗުގެ ޓާގެޓަކީ ސާފް ޗެމްޕިއަންޝިޕް

4 މާރިޗު 2025 - 12:58 0


ނޭޕާލުގެ އާ ކޯޗުގެ ޓާގެޓަކީ ސާފް ޗެމްޕިއަންޝިޕް

4 މާރިޗު 2025 - 12:58 0

ކަތުމަންޑޫ، ނޭޕާލް (މާޗް 4) - ނޭޕާލުގެ އާ ކޯޗު އޮސްޓްރޭލިއާގެ މެޓް ރޮސް އެ ޓީމާ އެކު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރަން ޓާގެޓްކޮށްފި އެވެ.

ނޭޕާލުގެ ކޯޗަކަށް ހުރި އިޓަލީގެ ވިންޗެންޒޯ އަލްބާޓޯ އަނެސޭގެ އެއްބަސްވުން ހަމަވުމުން އޭނާ އެ ޓީމު ދޫކޮށްލުމުން، ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަނުން އެ ޓީމުގެ ކޯޗުކަން ހަވާލުކުރި ރޮސް އަކީ ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗެކެވެ.

ސައުތު ކޮރެއާ، ސައުދީ އަރަބިއްޔާ އަދި ޗައިނާގައި ކޯޗިން މަސައްކަތްކޮށްފައިވާ ރޮސް، ނޭޕާލާ އެކު ސޮއިކޮށްފައިވަނީ އެއް އަހަަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ، ކޮންޓްރެކްޓްގެ މި މުއްދަތުގެ ތެރޭގައި ރޮސް ކުރާ މަސައްކަތްތައް އިވެލުއޭޓްކުރުމަށް ފަހު، މުސްތަގުބަލާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ރޮސް ބުނީ ނޭޕާލުގައި ފުޓްބޯޅަ ފޯރި އޮތް މިންވަރު މިދިޔަ ދުވަސްތަކުގައި އެ ގައުމުގައި އޮތް އަންހެން ފުޓްބޯޅަ މުބާރާތުން ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ފިރިހެން ޓީމުގެ މެޗުތަކުގެ ވީޑިއޯ ބަލާލުމުން، ނޭޕާލްގެ ފިރިހެން ޓީމުގެ ފެންވަރު ވެސް އެނގިގެން ގޮސްފައިވާ ކަމަށާއި ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރޮސް ވަނީ ބުނެފަ އެވެ.


"އަހަރެން ވަރަށް ބޮޑު އަމާޒެއް، މި ޓީމަށް ސާފް ޗެމްޕިއަންޝިޕް ހޯދައިދިނުމަކީ، އެއީ ވަރަށް ދުވަސްވީ އުންމީދަކަށް ވެފައި އެ އޮތީ، އެހެންވީމަ، އަހަރެން ޓާގެޓް ކުރާނީ އެކަން ހާސިލްކުރެވޭތޯ،" ރޮސް ބުންޏެވެ.

ނޭޕާލުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅެފައިވަނީ، 2021 ވަނަ އަހަރު އެވެ. މި ވަގުތު ސްރީ ލަންކާ ޓީމުގެ ކޯޗަކަށް ހުރި، ކުވޭތުގެ އަބްދުﷲ އަލްމުތައިރީއާ އެކު، ނޭޕާލުން އެ ފަހަރު ފައިނަލަށް ދަތުރުކޮށް، ފައިނަލުގައި ބަލިވީ އިންޑިއާ އަތުންނެވެ.

ވިންޗެންޒޯ އަލްބާޓޯގެ ކޯޗުކަމުގައި 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެ، ނޭޕާލް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެއީ، އިންޑިއާ އާއި ކުވެއިތު އަތުން ބަލިވުމުންނެވެ. މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ޝެޑިއުލްކޮށްފައި އޮތީ ޖޫން އާއި ޖުލައި މަހަށެެވެ.

ރޮސްގެ ކޯޗުކަމުގައި ނޭޕާލް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 21 ވަނަ ދުވަހު އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރާ ކުޅޭނެ އެވެ. އަދި، އޭގެ ފަސް ދުވަސް ފަހުން، އޭޝިއަން ކަޕް ކޮލިފައިންގައި މެލޭޝިއާއާ ބައްދަލުކުރާނެ އެވެ.