Advertisement

އިންޑިއާ އާއި ނޭޕާލް އެއްވަރު، ބަންގްލަދޭޝާއި ޕާކިސްތާނަށް މޮޅެއް

about 2 hours 0

ލަންކާ އާއި ޕާކިސްތާން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ސާފް


އިންޑިއާ އާއި ނޭޕާލް އެއްވަރު، ބަންގްލަދޭޝާއި ޕާކިސްތާނަށް މޮޅެއް

about 2 hours 0

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި މިއަދު، އިންޑިއާ އިން ފަހު ވަގުތު ނޭޕާލާ 3-3 އިން އެއްވަރުކުރިއިރު، ބަންގްލަދޭޝް އާއި ޕާކިސްތާން ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

ހަތް ޓީމު ވާދަކުރާ ލީގު ފޯމެޓަށް ކުރިއަށްދާ މި މުބާރާތުގައި، މި ބުރުގައި ރާއްޖޭގެ މެޗެއް ނެތެވެ. ބަންގްލަދޭޝް އިން 4-1 އިން ބޫޓާން ބަލިކުރިއިރު، ޕާކިސްތާނުން ވަނީ ސްރީ ލަންކާ އަތުން 5-2 އިން މޮޅުވެފަ އެވެ.

ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ކުޅުނު މެޗުގައި، ނޭޕާލުން ލީޑުނެގީ ބިކުރާންތު ނާސިންގް ޖެހި ގޯލުންނެެވެ. އިންޑިއާ އިން ލަލްޓްލުއަންޒޭލާ ޖެހި ގޯލުން އެއްވަރުކުރި އެވެ. އަމިތު ލާމާގެ ގޯލުން ދެ ވަނަ ފަހަރަށް ނޭޕާލުން ލީޑުނެގިއިރު، އިންޑިއާ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ އަންމޯލް އަދިކާރީ އެވެ. އިންޑިއާ އިން މެޗުގެ ފަހު ވަގުތުގައި ނިކިލް ރަޖެންދުރަގެ ލަނޑުން ލީޑުނެގި ނަމަވެސް، ނޭޕާލުން ވަނީ ބިޖޭ ޝްރެސްތާގެ ގޯލުން އެއްވަރުކޮށްފަ އެވެ.

ލަންކާ އަތުން ޕާކިސްތާން މޮޅުވިއިރު، ލަނޑުތައް ޖެހީ ހަމްޒާ ނުޒްރަތު، މުހައްމަދު ހަސަން ޒަފަރު ހާން، އާސިފް އަހުމަދު ޗައުދަރީ އަދި އަލީ އާގާ އެވެ. ލަންކާގެ ލަނޑުތައް ޖެހީ އާކިބް މުހައްމަދު އާއި އަބްދުލް އަޒީޒް އެވެ.

ބޫޓާން އަތުން ބަންގްލަދޭޝް މޮޅުވިއިރު، ލަނޑުތައް ޖެހީ މޮއީން އަހުމަދު ދެ ގޯލާއި ފައިސަލް ހުސެއިން އަދި ކާޒީ އިބްރާހިމް ލަނޑެކެވެ. ބޫޓާންގެ ލަނޑު ޖެހީ، ކިންގާ ވަންޗުކް އެވެ.

ސާފްގެ ފިރިހެން ޑިވިޝަނުގެ ތާވަލަށް ބަލާއިރު، ރާއްޖެ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކު އެއް ވަަނައިގައި އޮތީ ދެ ވަނައިގައި އޮތް ޕާކިސްތާނާ އެއްވަރަށް ހަ ޕޮއިންޓް ހޯދައިގެންނެވެ. ޕާކިސްތާނުން ތިން މެޗު ކުޅުނުއިރު، ރާއްޖޭން ކުޅުނީ ދެ މެޗެވެ. ތިން ވަނައިގައި އޮތް ނޭޕާލާއި ހަތަރެއްގައި އޮތް ބަންގްލަދޭޝް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ނޭޕާލުން ކުޅުނީ ދެ މެޗެވެ. އެކަމަކު، ބަންގްލަދޭޝުން ތިން މެޗު ކުޅެފައިވެ އެވެ. އިންޑިއާ ފަސް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން އެއްވަރުވެ، ދެ ޕޮއިންޓާ އެކު އެެވެ. ހަ ވަނައިގައި އޮތް ބޫޓާނާއި އެންމެ ފުލުގައި އޮތް ލަންކާ އަށް ތިން މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންސްގެ ފިރިހެން ޑިވިޝަނުގެ މެޗުތައް ދެން އޮތީ އަންގާރަ ދުވަހު އެވެ. އެ ދުވަހު، ފުރަތަމަ މެޗުގައި ޕާކިސްތާން އާއި ނޭޕާލް ކުޅުނުއިރު، ދެ ވަނަ މެޗުގައި، ރާއްޖޭން ކުޅޭނީ އިންޑިއާއާ އެވެ. ތިން ވަަނަ މެޗުގައި، ބަންގްލަދޭޝް ކުޅޭނީ ބޫޓާންއާ އެެވެ.