about 2 hours 0
ރާއްޖޭގެ ނޫރާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް
about 2 hours 0
ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ފުރަތަމަ ގޯލު ޖެހުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ގައުމީ އަންހެން ފުޓްސަލް ޓީމުގެ ތަރި، މަރިޔަމް ނޫރާ ބުނެފި އެވެ.
މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، އިންޑިއާ އަތުން 11-1 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ނޭޕާލް އަތުން ވަނީ 5-0 އިން ބަލިވެފަ އެެވެ. ރޭގެ މެޗުގައި، ޕާކިސްތާން އަތުން 3-1 އިން ބަލިވި ނަމަވެސް ރާއްޖޭން ވަނީ ޖުމްލަކޮށް ބަލާއިރު، ކުރިއެރުންތަކެއް ހޯދައި ރަނގަޅު ވާދައެއްކޮށްފަ އެވެ، މުޅިން އަލަށް އިންޑޯ ޕިޗެއްގައި މުބާރާތެއް ކުޅޭ ރާއްޖޭގެ ކުޅުންތެރިން އަންނަނީ މެޗުން މެޗަށް ކުރިއެރުން ހޯދަމުންނެވެ.
މި މުބާރާތުގައި ރާއްޖޭން އިންޑިއާ ކޮޅަށް ލަނޑު ޖެހީ ނޫރާ އެވެ. ނޫރާ ނެގި ކޯނަރެއް އިންޑިއާ ކުޅުންތެރިއަކު ގައިގައި ޖެހިފައި ގޯލަށް ވަންއިރު، ރޭ ނޫރާ ވަނީ ހިލޭޖެހުމަކުން ޕާކިސްތާން ކޮޅަށް ގޯލެއް ޖަހައިފަ އެވެ.
"ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ގޯލު އަޅުގަނޑަށް ކާމިޔާބު ކުރެވުމުން އަޅުގަނޑު ވަރަށް އުފާވޭ. އެއް ގޯލު ޖަހައި، ދެ ވަނަ ގޯލު ވެސް އަޅުގަނޑަށް ކާމިޔާބު ކުރެވުނީ، ދެން، އަސްލު ވަރަށް ޗާންސް ވެސް ލިބުނު ހުރިހާ ކުދިންނަށް ވެސް، ދެން، އެއްޗެހިތަން ނިންމާލެވުނު ނަމަ، މި މެޗަކީ، (ޕާކިސްތާން މެޗަކީ) އަޅުގަނޑުމެންގެ މެޗެއް،" ރޭގެ މެޗަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ނޫރާ ބުންޏެވެ.
ރޭގެ މެޗުގައި ނޫރާ ހިމެނޭ ގޮތަށް ރާއްޖޭގެ ގިނަ ކުޅުންތެރިންނަށް ލަނޑުޖަހަން ރަަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ކުރިއަށް ހުރި މެޗުތަކުގައި އެކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށް ނޫރާ ވެސް ގަބޫލުކުރެ އެެވެ.
"ދެން، ކުރިއަށް އޮތް މެޗުތަކުގައި އަޅުގަނޑުމެން ރަނގަޅުކުރާނަން، ރަނގަޅުކުރަން ބޭނުންވަނީ ފިނިޝިން (ގޯލު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުންހިފަން) އެ ލިބޭ އެއްޗެހި ނިންމާލެވުނީމަ ރަނގަޅުވާނެ، ފުރުސަތުގެ ބޭނުން ނުހިފުނީ، އެހެންވެ، ބައިކޮޅަށް ވަންނަނީ، އިންޝާﷲ މި އަށް ވުރެން ރަނގަޅުވާނެ ކުރިއަށް އޮތް މެޗުތައް،" ނޫރާ ބުންޏެވެ.
ސާފްގެ އަންހެން ފުޓްސަލް މުބާރާތުގައި ރާއްޖޭން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު ރާއްޖޭން ބައްދަލުުކުރާނީ ބޫޓާންއާ އެވެ. އެ އަށް ފަހު، ދެން ރާއްޖެ އަށް އޮންނާނީ 23 ވަނަ ދުވަހު ސްރީ ލަންކާއާ ކުޅޭ މެޗާއި 25 ވަނަ ދުވަހު ބަންގްލަދޭޝާ ބައްދަލުކުރާ މެޗެވެ.
Comment