Advertisement

"ވަން މޭން ޝޯ" އެއް ކަމަށް ބުނެ "ޓޫ އޮފް އަސް" އިން ޝަހީދު ވަކިވެއްޖެ

ޓޫ އޮފް އަސް ބޭންޑްގައި އެންމެ ފުރަތަމަ ހިމެނުނު ފަސް މީހުން: އޭގެ ތެރެއިން ޝަހީދު (ކ) އަދި ނަސޫހު (ވ) ވަނީ ބޭންޑުން ވަކިވެފައި


"ވަން މޭން ޝޯ" އެއް ކަމަށް ބުނެ "ޓޫ އޮފް އަސް" އިން ޝަހީދު ވަކިވެއްޖެ

"ވަން މޭން ޝޯ" އެއް ކަމަށް ބުނެ ދާދި ފަހުން މަޝްހޫރުވި "ޓޫ އޮފް އަސް" އިން އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) މިއަދު ވަކިވެއްޖެ އެވެ.

ޝަހީދު ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ޓޫ އޮފް އަސްއާ ދުރުވާން ޖެހުނީ ކުރިއެރުމަށް ފުރުސަތުތަކެއް ނެތުމުގެ އިތުރުން ބޭންޑުގެ މިސްރާބު އޭނާގެ ސްޓައިލާ ބީރައްޓެހިވެ އެކަކު ބޭނުންވާ ގޮތަށް ގޮތް ނިންމާ ތަނަކަށް މުޅިން ބަދަލުވުމުން ކަމަށެވެ.

މިއުޒިކީ ދާއިރާގެ 25 އަހަރުގެ ތަޖުރިބާއާއެކު ޓޫއޮފް އަސްއާ ގުޅި އެ ތަޖުރިބާ ހިތުން ރުހުމުން ހިއްސާކުރުމުން އެކަންތައް ބަލައިނުގަނެ އިހުތިރާމު ކުޑަކުރި ކަމަށް ވެސް ޝަހީދު ބުންޏެވެ.

"އިހުތިރާމަކީ ދެފަރާތަށް އޮންނަން ޖެހޭ އެއްޗެއް. އެކަން ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފައި. ބޭންޑުގެ މިސްރާބު އަހަރެންގެ ސްޓައިލާ ބީރައްޓެހިވި. ފަހުން އައު ލަވަތަކާއި އައު ކަންކަން މަދުވުމުން އަހަރެންނަށް ރަނގަޅު ގޮތުގައި ކުރިއަށްދެވޭނެ ގޮތް ހުސްވި. ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ބަދަލުގައި ފަހުން މުޅި ބޭންޑް ވަން މޭން ޝޯއަކަށްވެގެންދިޔައީ،" އޭނާ ބުންޏެވެ.

މީގެއިތުރުން ޝަހީދު ބުނީ ޓޫ އޮފް އަސް ބޭންޑުގައި މާލީ ގޮތުން ދެފުށް ފެންނަ ނިޒާމެއް ނެތުމާއި މަސައްކަތް ކުރުވާފައި ފައިސާ ދިނުން ލަސްވުން ފަދަ މައްސަލަތައް ވެސް ހުރި ކަމަށެވެ.

އޭނާ ބުނީ މި ޓޫ އޮފް އަސްއާ ވަކިވާން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް، އެއީ މިވަގުތަށް ނިންމަންޖެހިފައި އޮތް ނިންމުމެއް ކަމަށެވެ.

ޓޫ އޮފް އަސްއާއެކު ބެޓްލް އޮފް ދަ ބޭންޑް އިންޓަނޭޝަނަލްގައި ކުރެވުނު ބުރަ މަސައްކަތާއި ހޯދުނު ކާމިޔާބީއާމެދު ހިތްހަމަޖެހޭ ކަމަށް ޝަހީދު ބުންޏެވެ.

ޓޫ އޮފް އަސް މަޝްހޫރުވެގެންދިޔައީ އިންޑިއާގެ ބެޓްލް އޮފް ދަ ބޭންޑް އިންޓަނޭޝަނަލް އިން ތިންވަނަ ހޯދުމާ ގުޅިގެންނެވެ. އެއާއެކު އެ ބޭންޑަށް ގިނަ އަދަދެއްގެ ޕްރޮޖެކްޓްސްތަކާއި ފުރުސަތުތައް ވެސް ލިބިގެންދިޔަކަން ފާހަގަކުރެވެ އެވެ.

ނަމަވެސް އެ ބޭންޑުގައި މައްސަލަތަކެއް އުޅޭކަން ފާހަގަވީ ބެޓްލް އޮފް ދަ ބޭންޑް އިންޓަނޭޝަނަލްއަށް ފަހު ބޭންޑުގައި ހިމެނޭ މުހައްމަދު ނަސޫހު ބިން ނަސްރުއްދީން ވެސް ވަކިވުމާ ގުޅިގެންނެވެ. އެއަށްފަހު އެ ބޭންޑުން މަސައްކަތް ކުރުވާފައި ފަިއސާ ނުދޭކަމުގެ އަޑުތައް ފެތުރިފައިވެ އެވެ.

މިކަމާ ގުޅިގެން މިހާތަނަށް ޓޫ އޮފް އަސް އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.