Advertisement

ބޫޓާން އާއި ބަންގްލަދޭޝް އެއްވަރު، ނޭޕާލް އަތުން އިންޑިއާ އަށް ބޮޑު މޮޅެއް

about 2 hours 0

ބަންގްލަދޭޝް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ސާފް


ބޫޓާން އާއި ބަންގްލަދޭޝް އެއްވަރު، ނޭޕާލް އަތުން އިންޑިއާ އަށް ބޮޑު މޮޅެއް

about 2 hours 0

ތައިލެންޑުގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި މިއަދު ކުޅުނު ފުރަތަމަ ދެ މެޗަށް ބަލާއިރު، ބޫޓާނާއި ބަންގްލަދޭޝް 3-3 އިން އެއްވަރުވިއިރު، އިންޑިއާ އިން 8-1 އިން ނޭޕާލް އަތުން މޮޅުވެއްޖެ އެވެ.

ބޫޓާނުން ފުރަތަމަ މެޗުގައި ޕާކިސްތާނާ އެއްވަަރުވިއިރު، ދެ ވަނަ މެޗުގައި މިއަދު ބަންގްލަދޭޝާ މި ވަނީ އެއްވަރުކޮށްފަ އެވެ. އިންޑިއާ އިން ފުރަަތަމަ މެޗުގައި ރާއްޖެ އަތުން 11-1 އިން މޮޅުވި ނަމަވެސް ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން އިންޑިއާ ބަލިވީ 3-1 އިންނެވެ. ނޭޕާލުން ކުޅުނު ފުރަތަމަ މެޗުގައި، ރާއްޖެ އަތުން 5-0 އިން މޮޅުވި ނަމަވެސް މިއަދު އިންޑިއާ އަތުން ބަލިވީ އެވެ.

ނޮންތަބުރީ އިންޑޯ ހޯލުގައި މިއަދު ކުޅުނު މެޗުގައި ބޫޓާންގެ ޑޭކީ ލަޒޯމް އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ބަންގްލަދޭޝް އިން އެއްވަރުކުރީ މަތުސުޝިމާ ސުމަައްޔާ ޖެހި ގޯލުންނެވެ. އެކަމަކު، ބޫޓާނުން ވަނީ، ދެ ވަަަނަ ހާފުގައި ސޯނަމް ލަމޯ ޖެހި ލަނޑުތަކުން ދެ ގޯލުގެ ލީޑެއް ނަގައިފަ އެެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ނޭޕާލާއި އިންޑިއާ ކުޅުނު މެޗުގެ ތެެރެއިން.---- ފޮޓޯ: ސާފް


ބޫޓާން ފަހަތުން ހެދުނު ގޯސްތަކުގެ ފައިދާނަގައި، ބަންގްލަދޭޝް އިން ވަނީ އެއްވަރުކޮށްފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، ސަބީނާ ކަތުން އާއި މަސޫރާ ޕަރްވީން އެވެ.

އިންޑިއާ އިން ނޭޕާލް ކޮޅަށް ފުރަތަމަ ހާފުގައި ފަސް ލަނޑު ޖެހި އެވެ. އޭގެ ތެރެއިން ހަތަރު ލަނޑު ޖެހީ، ދިތީ ކަމްލޭޝް ކަނުންގޯ އެވެ. އަނެއް ލަނޑު ޖެހީ، ނިޝްކާ ޕަރްކާޝް އެވެ. މެޗުގައި ނޭޕާލުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. މި ލަނޑު ޖެހީ، މަނީޝާ ތާޕާ މަގަރު އެވެ.

ދެ ވަނަ ހާފުގައި އިންޑިއާގެ ލަނޑުތައް ޖެހީ، ރިތިކާ ސިންގް ދެ ލަނޑާއި ހުޝްބޫ ކާޝީރާމް ސަރޯޖް އެވެ.

މުބާރާތުގައި މިރޭ ކުޅެނީ ޕާކިސްތާން އާއި ރާއްޖެ އެވެ.