about 2 hours 0
ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު އާތީ: މެޗުން މެޗަށް ކުރިއެރުން ފެންނަކަން ވަނީ ފާހަގަކޮށްފައި.---- ފޮޓޯ: އަދަދު ސްޕޯޓްސް
about 2 hours 0
ގައުމީ އަންހެން ފުޓްސަލް ޓީމަށް މިހާރު ކުރިއަށްދާ، ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި ކުރިއަށްދިއުމުގައި އޮތީ މެޗަކަށް ފަހު މެޗެއްގައި ކުޅުމާއި ނަތީޖާ ރަނގަޅު ކުރުން ކަމަށް ޓީމުގެ ކޯޗު އާތިފް މުހައްމަދު (އާތީ) ބުނެފި އެވެ.
މިއީ، ރާއްޖޭގެ އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ޓްރެއިނިން މެޗެއް ވެސް ކުޅެފައިނުވާއިރު، މުބާރާތް ކުޅުމަށް ތައިލެންޑަށް އައުމުގެ ކުރިން އިންޑޯއެއްގައި ޕްރެކްޓިސްކޮށްފައެއް ވެސް ނުވެ އެވެ. ތައިލެންޑަށް އައުމަށް ފަހު، އިންޑޯގައި ޓްރެއިނިން ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އަދި، ފުރަތަމަ މެޗުގައި، އިންޑިއާ އަތުން 11-1 އިން ބަލިވި އެވެ. އެ އަށް ފަހު، ދެ ވަނަ މެޗުގައި، ރާއްޖޭން ނޭޕާލް އަތުން 5-0 އިން ބަލިވިއިރު، މި މެޗުގައި ނޭޕާލް ކައިރީގައި ރާއްޖޭން ރަނގަޅު ކުުޅުމެއް ދެއްކި އެވެ.
"ފުރަތަމަ މެޗުގައި ބޮޑު ނަތީޖާ އަކުން ބަލިވި ކަމުގައި ވިޔަސް، ދެން އޭގެ ދިމާވި ކަންކަން އިސްލާހުކޮށްގެން މި މެޗަށް (ނޭޕާލް އަތުން 5-0 އިން ބަލިވި މެޗަށް) ނުކުތީ. ފުރަތަމަ ހާފުގައި ދިމާވީ ތަންކޮޅެއް ދަށްކޮށް، ދެން، ފަހު ހާފުގައި އޭތި ރަނގަޅު ކޮށްލައިގެން،" ނޭޕާލް މެޗަށް ފަހު ދިން އިންޓަވިއުއެއްގައި އާތީ ބުންޏެވެ.
"ފަހު ހާފު ވަރަށް ރަނގަޅަށް ދިޔައީ، ފަހު ހާފުގައި ފުދޭ ވަރަކަށް ގިނަ ޗާންސްތަކެއް ލިބުނު ނިންމާނުލެވުމުގެ ސަބަބުން ސްކޯއެއް މިދިޔައީ، އެ ކޮޅަށް އެކަތި ވެސް ވައްދާލެވުނު ނަމަ އަޅުގަނޑަށް ހީވަނީ ހަމަ ޑިފަރެންސް ކުޑަކޮށްލައި ދޭން ނޫނީ ތިނެއް، އެ އަށް ވުރެން ވެސް ގިނަ ޗާންސް ލިބިގެންދިޔަ،"
ގައުމީ އަންހެން ފުޓްސަލް ޓީމުން ކުޅޭ ތިން ވަަނަ މެޗުގައި މިއަދު ބައްދަލުކުރާނީ ޕާކިސްތާންއާ އެވެ. އެއީ، ރާއްޖެ ގަޑިން 18:00 ގަ އެވެ. ޕާކިސްތާނުން ފުރަތަމަ މެޗުގައި ބޫޓާނާ 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ވަނީ 2-1 އިން ސްރީ ލަންކާ ބަލިކޮށްފަ އެވެ.
"އިރާދަކުރެއްވިއްޔާ، މެޗަކަށް ވުރެން މެޗެއް ރަނގަޅުވަމުން އަންނާނީ،" ކުރިއަށް ހުރި މެޗުތަކާ ބެހޭގޮތުން އަންހެން ޓީމުގެ ކޯޗު އާތީ ބުންޏެވެ.
ޕާކިސްތާން މެޗަށް ފަހު، އަންހެން ޓީމަށް ތިން ދުވަހުގެ ބްރޭކެއް ލިބިގެންދާނެ އެވެ. ދެން، އެ ޓީމުން ކުޅޭ މެޗުތަކުގައި ބައްދަލުކުރާނީ މި މަހު 21 ވަނަ ދުވަހު ބޫޓާނާއި 23 ވަނަ ދުވަހު ސްރީ ލަންކާގެ އިތުރުން 25 ވަނަ ދުވަހު ބަންގްލަދޭޝްއާ އެެވެ.
Comment