Advertisement

އެކްސަސައިޒް ދޯސްތީގައި ބައިވެރިވާން ރާއްޖެ އައި އިންޑިއާގެ މަނަވަރެއް ފަރަށް އަރައިފި

އިންޑިއާގެ މަނަވަރު ފަރަށް އަރާފަ: އެމްއެންޑީއެފް އިން ބުނީ މަނަވަރު މިހާރު ފުންކޮށްފައިވާ ކަމަށް --- ފޮޓޯ: އެމްވީ ކްރައިސިސް


އެކްސަސައިޒް ދޯސްތީގައި ބައިވެރިވާން ރާއްޖެ އައި އިންޑިއާގެ މަނަވަރެއް ފަރަށް އަރައިފި

ދިވެހި އަސްކަރިއްޔާ އާއި އަވައްޓެރި ސްރީ ލަންކާ އަދި އިންޑިއާގެ ސިފައިން ގުޅިގެން ހިންގާ އެކްސަސައިޒް ދޯސްތީގައި ބައިވެރިވާން ރާއްޖެ އައި އިންޑިއާގެ މަނަވަރެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ފަރަށް އަރާފައިވަނީ އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަދި ވީޑިއޯތަކުން އެނގޭ ގޮތުގައި މަނަވަރު އެރީ ހިންމަފުށްޓާއި އެހެން ދެ ރިސޯޓެއް އޮންނަ ފަރަކަށެވެ.

އެ ފަރުގައި އޮންނަ ދެ ރިސޯޓަކީ ވިލާ ނޯޓިކާ މޯލްޑިވްސް އަދި ގިލި ލަންކަންފުށި އެވެ. މަނަވަރު ފަރަށް އެރީ ވިލާ ނޯޓިކާ ރިސޯޓުގެ ވޯޓާ ވިލާތަކާ ދިމާލުން އިރުމައްޗަށެވެ.

އެމްއެންޑީއެފް އިން މިއަދު 10:30 ހާއިރު ބުނި ގޮތުގައި ފަރަށް އެރި މަނަވަރު މިހާރު ވަނީ ފުން ކޮށްފަ އެވެ. މި ހާދިސާގައި މަނަވަރަށް ބޮޑު ގެއްލުމެއް ނުލިބުނަސް ފަރަށް ގެއްލުންތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

މި އަހަރުގެ ތަމްރީނުގައި ބައިވެރިވާން އިންޑިއާއިން ދެ މަނަވަރެއް އައެވެ. އެއީ އައިސީޖީއެސް އަތުލްޔާ އަދި އައިސީޖީއެސް ވަޖްރާ އެވެ. މީގެ އިތުރުން އިންޑިއާ ކޯސްޓުގާޑުގެ ޑޯނިއާ މަތިންދާބޯޓެއް ވެސް މި ތަމްރީނުގައި ބައިވެރިވުމަށް އައިސްފައިވެ އެވެ.

ލަންކާ އަސްކަރިއްޔާގެ ފަރާތުން ތަމްރީނުގައި ބައިވެރިވާން އައީ އެސްއެލްއެންއެސް ސުރަނިމިލާ އެވެ. މި ތަމްރީނުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކުރަނީ ކޮން އުޅަނދުތަކަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.