Advertisement

ސާފް ފުޓްސަލް: ޕާކިސްތާނަށް މޮޅެއް، ބަންގްލަދޭޝް އަތުން އިންޑިއާ ބަލި

about 1 hour 0

ޕާކިސްތާންގެ އަޒްވާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ސާފް


ސާފް ފުޓްސަލް: ޕާކިސްތާނަށް މޮޅެއް، ބަންގްލަދޭޝް އަތުން އިންޑިއާ ބަލި

about 1 hour 0

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ސްރީ ލަންކާ އަތުން 3-2 އިން ކުރިހޯދައި، ޕާކިސްތާނުން ފުރަތަމަ މޮޅު ހޯދިއިރު، ބަންގްލަދޭޝް އިން 3-1 އިން އިންޑިއާ ބަލިކޮށް ވަރުގަދަކޮށް ފަށައިފި އެވެ.

ލަންކާ ވަނީ ފުރަތަމަ މެޗުގައި ނޭޕާލާ 2-2 އިން އެއްވަރުވެފަ އެވެ. އަދި، މިއަދުގެ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ވެސް ލަންކާ އިން ރަނގަޅު ވާދައެއް ކުރި އެވެ. އެކަަމަކު، ޕާކިސްތާންގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި މެޗުން މޮޅުވެފަ އެވެ.

މި މެޗުގައި ޕާކިސްތާންގެ ތިން ގޯލު ޖަހައި، ހެޓްރިކް ހަދައިދިނީ، ވެސްޓް ހޭމް ޔުނައިޓެޑް އެކަޑަމީ ޓީމަށް ކުރިން ކުޅުނު އަޒްވާ ޗޯދަރީ އެވެ. ޕާކިސްތާނުން ފުރަތަމަ މެޗުގައި ބޫޓާނާ ކުޅެ 1-1 އިން އެއްވަރުވިއިރު، ލަންކާ އަތުން ލިބިފައި މި ވަނީ އެ ގައުމުގެ ތާރީހުގައި ފުޓްސަލް އިން ހޯދި ފުރަތަމަަ މޮޅެވެ.

ހަތް ޓީމު ވާދަކުރާ މުބާރާތުގެ ލީގު ބުރުގެ އެއް ވަނައިގައި އޮތީ މިއަދު ރާއްޖެ އަތުން 5-0 އިން މޮޅުވި ނޭޕާލް އެވެ. އެއް ވަަނައިގައި އޮތް ނޭޕާލާއި ދެ ވަނައިގައި އޮތް ޕާކިސްތާނަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އިންޑިއާ އާއި ހަތަރެއްގައި އޮތް ބަންގްލަދޭޝް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މީގެ ތެރެއިން ބަންގްލަދޭޝް ކުޅެފައިވަނީ އެއް މެޗެވެ. އަދި، އެއް މެޗު ކުޅެގެން އެއް ޕޮއިންޓް ހޯދި ބޫޓާން އޮތީ ފަސްވަނައިގަ އެވެ. އަދި، ހަ ވަނައިގައި އޮތް ލަންކާ އަށް ދެ މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ރާއްޖެ އަށް ދެ މެޗު ކުޅެގެން ޕޮއިންޓެއް ނުލިބެ އެވެ.

ބަންގްލަދޭޝް އިން ކުޅުނު ފުރަތަމަ މެޗުގައި، އިންޑިއާގެ މައްޗަށް ކުރިހޯދިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ، ރާއްޖޭގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅެފައިވާ ދެ ކުޅުންތެރިން ކަމަށްވާ ސަބީނާ ކަތުން އާއި މަތުސުޝިމާ ސުމައްޔާ އެވެ. މީގެ ތެރެއިން ސަބީނާ ދެ ގޯލު ޖެހި އެވެ.

އިންޑިއާ އިން ފުރަތަމަ މެޗުގައި ރާއްޖެ އަތުން 11-1 އިން މޮޅުވި ނަމަވެސް ދެ ވަނަ މެޗުގައި ބަންގްލަދޭޝް ކޮޅަށް ޖެހުނީ އެންމެ ގޯލެކެވެ. އެ ޓީމުގެ ލަނޑު ޖެހީ، އަރްޔާ ދަނާޖީ މޯރް އެވެ.