Advertisement

ކުޅުން ރަނގަޅުކުރި ނަމަވެސް ނޭޕާލް އަތުން ވެސް ރާއްޖެ އަށް ނާކާމިޔާބު

about 2 hours 0


ކުޅުން ރަނގަޅުކުރި ނަމަވެސް ނޭޕާލް އަތުން ވެސް ރާއްޖެ އަށް ނާކާމިޔާބު

about 2 hours 0

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ރާއްޖޭން ކުޅުނު ދެ ވަނަ މެޗުގައި ނޭޕާލް އަތުން 5-0 އިން ބަލިވެއްޖެ އެވެ.

މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން 11-1 އިން ބަލިވި މެޗަށް ވުރެން ރާއްޖޭން މިއަދު ނޭޕާލާ ދެކޮޅަށް ޖުމްލަކޮށް ބަލާއިރު ރަނގަޅު ކުޅުމެއް ދެއްކި އެވެ. ނޭޕާލުން ވަނީ ފުރަތަމަ މެޗުގައި، 2-2 އިން ސްރީ ލަންކާއާ އެއްވަރުވެފަ އެވެ.

ފުރަތަމަ މެޗު، ނޮންތަބުރީ ސްޓޭޑިއަމްގެ އިންޑޯ ހޯލުގައި ކުޅުނުއިރު، މިއަދުގެ މެޗު ކުޅެފައިވަނީ، ހުއަ މަކް އިންޑޯ ސްޓޭޑިއަމްގަ އެވެ. މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ރާއްޖޭން ހަތަރު ވަރަކަށް މިނިޓް ނޭޕާލުގެ ކައިރީގައި ޑިފެންސިވްކޮށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު، ހަތަރު މިނިޓްވިތަނާ ނޭޕާލުން ފުރަތަމަ ލަނޑު ޖެހިއިރު، އޭގެ ފަހުން، ފުރަތަމަ ހާފުގައި އެ ޓީމުން އިތުރު ތިން ގޯލު ޖެހި އެވެ. އޭގެ ތެރޭގައި ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެއް ވެސް ހިމެނެ އެވެ.

ފުރަތަމަ ހާފުގައި ރާއްޖޭގެ ކެޕްޓަން، ފާތިމަތު ސާލިޔާ (ޝާ) ރަނގަޅު އެޓޭކެއްކޮށް، އޭރިއާ ރޮނގުކައިރިން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ދެ ވަނަ ހާފުގައި ރާއްޖޭން ކޮންފިޑެންސާ އެކު ކުޅެ، އެޓޭކަށް ގިނަ ބޯޅަތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރެއިން ދެ ހަމަލާއެއް، ގޯލުގެ ދަނޑިއަށް ވެސް އަމާޒުވި އެވެ. ފުރަތަމަ މެޗުގައި، ރާއްޖޭގެ ގޯލު އިންޑިއާ ކޮޅަށް ޖެހި، މަރިޔަމް ނޫރާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ދަނޑިއަށެވެ.

ދެ ވަނަ ހާފުގައި ރާއްޖޭގެ ގޯލު ބެލެހެއްޓި ފާތިމަތު ސައުޝަން ވަނީ ނޭޕާލުގެ ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.

ބަދަލަކަށް ކުޅެން އަރައި ރާއްޖޭގެ ރާނިޔާ އިބްރާހިމް އަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅައެއް އަމާޒުވީ ނޭޕާލްގެ ކީޕަރު އަތަށެވެ. އެކަމަކު މެޗުގެ ފަހު ކޮޅުގައި، ނޭޕާލުން ވަނީ އެ ޓީމުގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ގައުމީ އަންހެން ފުޓްސަލް ޓީމުން ކުޅޭ ތިން ވަނަ މެޗުގައި، އަންނަ ހޮނިހިރު ދުވަހު ޕާކިސްތާނާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި މި މަހު 21 ވަނަ ދުވަހު ބޫޓާނާ ބައްދަލުކުރާނެ އެވެ. އޭގެ ފަހުން، ފަސް ވަނަ މެޗުގައި، މި މަހު 23 ވަނަ ދުވަހު ބޫޓާނާ ކުޅުމަށް ފަހު، ފަހު މެޗުގައި މި މަހު 25 ވަަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.