Advertisement

ގޮތް ނޭނގޭ ވައިގެ އުޅަނދެއް ރާއްޖެ މަތިން ބުރު އަޅައިފި

އާޓް ވޯކް: އިސްމާއިލް އިމްދާދު/އަދަދު


ގޮތް ނޭނގޭ ވައިގެ އުޅަނދެއް ރާއްޖެ މަތިން ބުރު އަޅައިފި

ގޮތް ނޭނގޭ ވައިގެ އުޅަނދަކުން ރާއްޖެ ކައިރިއަށް އައިސް އެތައް ގަޑިއިރެއް ވަންދެން ބުރު އަޅައިފި އެވެ.

ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުންނާއި އެހެން މަސްދަރުތަކުން މި ނޫހުގެ ޓީމުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އުޅަނދު ރާއްޖެ މަތިން ދަތުރުކުރީ އިއްޔެ އާއި ރޭގެ ވަގުތުތަކެއްގަ އެވެ.

ނަމަވެސް އެ އުޅަނދުގެ ބާވަތާއި ރެޖިސްޓްރޭޝަން ނަންބަރާއި ނިސްބަތްވާ ގައުމު ފަދަ ތަފުސީލުތައް ހުރީ ސިއްރުކޮށްފަ އެވެ. އެހެންކަމުން މިއީ ސީދާ ކޮން އުޅަނދެއް ކަމެއް ޔަގީންވެފައެއް ނުވެ އެވެ.

އިތުރަށް ބެލި ބެލުމުން މި އުޅަނދު ރާއްޖެ ކައިރިއަށް އައުމުގެ ކުރިން ފުރީ އިންޑިއާގެ ޗެންނާއީ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ބެލެވެ އެވެ. އެއީ އިއްޔެ މެންދުރު 12:00 ހާއިރު އެވެ. އެ އުޅަނދަށް ރާއްޖެ ކައިރިއަށް އާދެވުނީ އިރުއްސެނިކޮށެވެ.

ރާއްޖޭގެ ރަށްތަކާ އެންމެ ގާތުން އެ އުޅަނދު ދަތުރުކުރީ ރޭ 10:30 ހާއިރު އެވެ. އޭރު އެ އުޅަނދު ދުއްވަމުން ދިޔައީ މާލެ އަތޮޅުގެ އިރުމަތިންނެވެ. އެ އުޅަނދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އައީ ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުން ދުއްވައިފަ އެވެ.

އިއްޔެގެ ދަތުރަށް އުޅަނދު ފުރި ޗެންނާއީ އެއާޕޯޓަކީ އިންޑިއާގެ އަސްކަރިއްޔާއިން ގަވާއިދުން ބޭނުންކުރަމުންދާ އެއާޕޯޓެކެވެ. އިއްޔެ އާއި މިއަދު ވެސް އެ އެއާޕޯޓުން އިންޑިއާގެ ކޯސްޓުގާޑާއި އަސްކަރިއްޔާގެ އެތައް އުޅަނދެއް ފުރާފައިވާ ކަމަށް ފްލައިޓު ރެކޯޑުތަކުން ދައްކަ އެވެ.

ރޭ ރާއްޖެ މަތިން ދުއްވި އުޅަނދު (އޮރެންޖު ކުލައިގައި) ދުއްވި ގޮތް ދައްކުވައިދޭ ޗާޓު --- ފޮޓޯ: ފްލައިޓު ރާޑަރު


އިންޑިއާގެ އަސްކަރީ އުޅަނދުތައް ރާއްޖެ ސަރަހައްދުގައި ދޭތެރެއަކުން ދުއްވަ އެވެ.

އިންޑިއާގެ އަސްކަރީ އުޅަނދެއް ރާއްޖެ މަތިން އެންމެ ފަހުން ދަތުރުކުރީ ޑިސެމްބަރު 21، 2025، ގަ އެވެ. އެ ދުވަހު ލ. އަތޮޅު ކައިރިން ހުވަދޫ ކަނޑާއި ދިމާލުން ދުއްވީ އިންޑިއާގެ އަސްކަރިއްޔާގެ P-81 Neptune މަރުކާގެ އުޅަނދެކެވެ. އެ އުޅަނދާއެކު ދުއްވުމަށް ހަނިމާދޫގައި މަރުކަޒު ކޮށްފައި އޮންނަ ޑޯނިއާ ވަނީ އެ ރަށުން ފުރައިގެން ދިގު ދަތުރެއްކޮށް އެ ސަރަހައްދަށް ގޮސްފަ އެވެ.

އޭގެ ކުރިން، އިންޑިއާގެ ވާދަވެރި ޕާކިސްތާނުގެ ދެ މަނަވަރެއް ރާއްޖޭގައި އޮތް ދުވަސްވަރު، ދެ ފަހަރަކު އިންޑިއާގެ މަތިންދާބޯޓުތައް ރާއްޖޭގައި ދުއްވި އެވެ.

އެގޮތުން ނޮވެމްބަރު 1، 2025، ގައި ޕާކިސްތާނު އަސްކަރިއްޔާގެ "ޕީއެންއެސް ސައިފް" ރާއްޖޭގައި އޮއްވައި އަދި މިދިޔަ އަހަރުގެ މާޗު މަހު ޕާކިސްތާނު އަސްކަރިއްޔާގެ މަނަވަރު "ޕީއެންއެސް އަސްލަތު" ރާއްޖެ އައިސް ދިވެހި ސިފައިންނާއެކު ތަމްރީނުތަކެއް ކުރިއަށް ގެންދަނިކޮށް މި މަރުކާގެ ދެ ބޯޓެއް ރާއްޖެ ކައިރިން ދުއްވި އެވެ.

މި ތިން ފަހަރު ވެސް އުޅަނދުތައް ފުރި އައިއެންއެސް ހަންސާ އަކީ ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ހުޅަނގު ސަރަހައްދާއި އަރަބި ކަނޑު އަދި އިންޑިއާގެ ހުޅަނގު އައްސޭރީގައި ޖާސޫސް ކުރުމަށް އަދި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންކުރާ ޕޮސައިޑަން މަރުކާގެ ބޯޓުތައް މަރުކަޒުކޮށް ބަހައްޓާ ތަނެވެ.

އިންޑިއާ އަސްކަރިއްޔާގެ މި އުޅަނދަކީ ސަބްމެރިންތަކާ ދެކޮޅަށް ބޭނުންކުރުމަށާއި، ސާވޭލެންސް އަދި ޖާސޫސް ކުރުމަށް އެމެރިކާގެ ބޮއިން އިން އިންޑިއާގެ އަސްކަރިއްޔާއަށް ހާއްސަކޮށް ޑިޒައިން ކޮށްފައިވާ އުޅަނދެކެވެ. ސަބްމެރިން އަދި ކަނޑު އުޅަނދުތަކާ ދެކޮޅަށް ބޮމުގެ ހަމަލާ ދިނުމާއި ބޮން އުފުލުމުގެ ގާބިލުކަން ވެސް މި އުޅަނދަށް ލިބިގެންވެ އެވެ.