Advertisement

ސަރުކާރު ދެ ކުންފުންޏަކުން ޕެންޝަނަށް ފައިސާ ނުދައްކާ، ވެމްކޯއިން ޕެންޝަން ނުދައްކާތާ 14 މަސްދުވަސް


ސަރުކާރު ދެ ކުންފުންޏަކުން ޕެންޝަނަށް ފައިސާ ނުދައްކާ، ވެމްކޯއިން ޕެންޝަން ނުދައްކާތާ 14 މަސްދުވަސް

ސަރުކާރު ހިއްސާވާ ދެ ކުންފުންޏަކުން ގަވާއިދުން ޕެންޝަނަށް ފައިސާ ނުދައްކާކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ ސަރުކާރު ކުންފުނިތަކުން އެންމެފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީހާއި އަދަދު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އާރުޓީއައި އެކްޓިވިސްޓު، އަފްރަހު އިސްމާއިލް ހުށަހެޅި ސުވާލުގެ ޖަވާބުގައި ޕެންޝަން އޮފީހުން ދިން މައުލޫމާތުންނެވެ.

ޕެންޝަން އޮފީހުން ދިން މައުލޫމާތު އެނގޭ ގޮތުގައި ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ޕެންޝަނަށް އެންމެފަހުން ފައިސާ ދައްކާފައި ވަނީ އޮކްޓޫބަރު 16، 2024 ގަ އެވެ. އޭގެފަހުން މި ފާއިތުވި 14 މަސްދުވަހު ވެސް ވެމްކޯއިން ޕެންޝަނަށް ފައިސާ ދައްކައިފައެއް ނުވެ އެވެ.

ބިޒްނެސް ކޯޕަރޭޝަން ސެންޓަރު (ބީސީސީ) އިން އެންމެފަހުން ޕެންޝަން އޮފީހަށް ފައިސާ ދައްކާފައި ވަނީ މިދިޔަ ސެޕްޓެމްބަރު 18، ގަ އެވެ. އޭގެފަހުން މިދިޔަ ތިން މަސްދުވަހު ވެސް ބީސީސީން ޕެންޝަނަށް ފައިސާ ދައްކައިފައެއް ނުވެ އެވެ.

ވެމްކޯއިން ޕެންޝަނަށް ފައިސާ ނުދައްކާ އޮތް ނަމަވެސް، އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވެސް ޕެންޝަނަށްވާ ފައިސާ އުނިކުރާ ކަމަށް އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ބުންޏެވެ.

"އެންމެފަހުން ޕެންޝަން ފަންޑަށް ފައިސާ ޖަމާވެފައި ހުރީ މިދިޔަ އަހަރުގެ މެއި މަހު، އެކަމަކު ކޮންމެ މަހަކު ވެސް މުސާރައިން ކަނޑާ،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަދެެއްކި ވެމްކޯގެ މުވައްޒަފަކު ބުންޏެވެ.

ވެމްކޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ގެންގުޅޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ދޭ ކުނި އުކުމުގެ ހިދުމަތަށް ގޭބިސީތަކުން ފައިސާ ނުދައްކާތީ، 2023 ގައި މާލެ ސަރަހައްދުގެ ކުނި ބިލު ވަނީ ކަރަންޓު ބިލާ އެއްކޮށްލައިފަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަދެއްކި ބީސީސީގެ މުވައްޒަފު ވެސް ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ގަވާއިދުން ފައިސާ އުނިކުރާ ކަމަށެވެ.

"ގަވާއިދުން މުސާރައިން އުނިކުރޭ ޕެންޝަން ފައިސާ، ނޭނގެ ޕެންޝަނަށް ފައިސާ ދައްކާ ކަމެއް ނޭނގޭ،" ބީސީސީގެ މުވައްޒަފަކު ބުންޏެވެ.

ކޮންމެ މުވައްޒަފެއްގެ ވެސް އަސާސީ މުސާރައިގެ ހަތް ޕަސެންޓު މުވައްޒަފުގެ މުސާރައިން ޕެންޝަނަށް އުނި ކުރެ އެވެ. އަދި ހަމަ އެ އަދަދަށްވާ ފައިސާ ވަޒީފާ ދޭ ފަރާތުން ޕެންޝަނަށް ދައްކަން ޖެހެ އެވެ. އެއީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ކުރަން ލާޒިމު ވެސް ކަމެކެވެ.