12 ޖަނަވަރީ 2026 - 23:39 0
އޮޑި މޮޅުކޮށްދިން ގޯލު ޖެހި ސާމިރު: ސާމިރު އަކީ މި ފަަހަރުގެ ޓްރާންސްފާގައި އޮޑި އަށް ބަދަލުވި ކުޅުންތެރިއެއް.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
12 ޖަނަވަރީ 2026 - 23:39 0
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ މުހައްމަދު ސާމިރު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ގޯލުން ކްލަބް ގްރީން ސްޓްރީޓްސް އަތުން 2-1 އިން އޮޑި ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު, ލީގުގެ ދެ ވަނައިގައި އޮޑިން ވަނީ 14 މެޗުން 32 ޕޮއިންޓް ހަމަކޮށްފަ އެވެ. އަދި, އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ 14 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އޮތީ 14 މެޗުން 27 ޕޮއިންޓެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓް ތެރޭގައި ގްރީން ސްޓްރީޓްސް އިން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ގްރީން ސްޓްރީޓްސްގެ މިސްރު ކުޅުންތެރިޔާ، އެލް ސައީދު އެވެ. މިއީ، މުހައްމަދު ސަހާއު (ބޭލް) އޭރިއާތެރެއަށް ނެގި ހުރަހަކަށް އަރައި އެލް ސައީދު ޖެހި ގޯލެކެވެ.
އޮޑިން އެއްވަރުކުރީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ އަހުމަދު އައިހަމް އެވެ. އެ ގޮތުން، އަރިމަތީގައި ހުރެފައި އައިހަމް ނެގި ބޯޅަ ގޯލަށް ވަނީ ގްރީން ސްޓްރީޓްސްގެ ކީޕަރު، އަހުމަދު ރަމީޒް އަތްމަތިން އައިސް ދަނޑީގައި ޖެހިފަ އެވެ.
މެޗުން އޮޑި މޮޅުވި ގޯލު 90 ވަނަ މިނިޓްގައި ޖެހީ ސާމިރު އެވެ. އަރިމަތިން ލިބުނު ހިލޭޖެހުމަކުން ސާމިރު ފޮނުވާލި ބޯޅަ ގޯލަށް ވަނީ އެއްވެސް ކުޅުންތެރިއަކު ގައިގައި ނުޖެހި އެވެ. ކީޕަރު ރަމީޒް އަށް މި ބޯޅަ މަތަކުރަން ވެސް މާ ބޮޑުކަމެއް ނުކުރެވުނެވެ. އޭގެ ފަހުން، ކީޕަރު ރަމީޒްގެ ބަދަލުގައި ގްރީން ސްޓްރީޓްސް އިން އެ ޓީމުގެ ނައިޖީރިއާ ކީޕަރު، އޯޖޯ ކުޅެން ނެރުނެވެ.
ގްރީން ސްޓްރީޓްސް އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެ ޓީމުގެ އުޒްބެކިސްތާން ޑިފެންޑަރު، ޝުކުރާލީ ޕުލާޓޯވް އަށް ވަނީ ސީދާ ރަތެއް ދައްކައިފަ އެވެ. ޝުކްރާލީ އަށް ރަތެއް ދެއްކީ، އޮޑީގެ ފޯވާޑް، ކިއާނޫ މާޝް ބްރައުން އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.
މި ނަތީޖާ އަށް ފަހު، ގްރީން ސްޓްރީޓްސް އޮތީ 14 މެޗުން އަށް ޕޮއިންޓާ އެކު، 10 ޓީމު ވާދަކުރާ ލީގުގެ އަށް ވަނައިގަ އެވެ.
ލީގުގެ ކޮންމެ ޓީމަކަށް ބާކީ ހަތަރު މެޗު އޮތްއިރު، ދެން މެޗުތައް ފަށާނީ، އަންނަ ހުކުރު ދުވަހު ހަވީރު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ކްލަބުން ކުޅޭނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ އެވެ.
Comment