Advertisement

ހުއްދަ ނުނަގައި ޕީއެންސީ ހަރުގެ ހެދުމުން ކުރި ޖޫރިމަނާ ދައްކައި، އައު ކުރެހުމެއް ހުށަހަޅައިފި

ވެރިކަން ކުރާ ޕީއެންސީން މާލޭގައި އެންމެ ފަހުން ހުޅުވި ހަރުގެ: އެ ޕާޓިން ބުނާ ގޮތުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މައި ކެމްޕެއިން ޖަގަހައަކީ މިއީ --- ފޮޓޯ: އިބްރާހިމް ޝާފިއު/އަދަދު


ހުއްދަ ނުނަގައި ޕީއެންސީ ހަރުގެ ހެދުމުން ކުރި ޖޫރިމަނާ ދައްކައި، އައު ކުރެހުމެއް ހުށަހަޅައިފި

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މައި އޮފީހުގެ ގޮތުގައި ހ. ވެޔޮވިލާ ހުއްދަ ނުނަގައި ފަސް ބުރިއަށް އިމާރާތް ކުރި މައްސަލައިގައި މާލެ ސިޓީ ކައުންސިލުން ކުރި ޖޫރިމަނާ ދައްކައި އައު ކުރެހުން އެ ކައުންސިލަށް ހުށަހަޅައިފި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދާ ހިލާފަށް، ހުއްދަ ހޯދުމަކާ ނުލައި އެ ގޯތީގައި މަސައްކަތް ކޮށްފައިވާތީ، ހ، ވެޔޮވިލާ ގޭގެ ވެރިފަރާތް މިދިޔަ ޑިސެމްބަރު 25، ގައި ޖޫރިމަނާ ކުރީ ޖުމުލަ 128,545ރ. އިންނެވެ. އެ ފައިސާ މިހާރު ދައްކާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވި އެވެ.

"އެ ފައިސާ ދައްކާފައި ވަނީ، އަދި އައު ކުރެހުން ވެސް އެބަ އޮތް ހުށަހަޅާފައި،" އާޒިމް ވިދާޅުވި އެވެ.

ޕީއެންސީ ހަރުގެ އިމާރާތް ކޮށްފައި ހުރީ ކައުންސިލަށް ހުށަހެޅި އައު ކުރެހުމާ އެއްގޮތަށްތޯ ބަލާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ޕީއެންސީ ޖަގަހަ އިމާރާތް ކުރީ އިމާރާތް ކުރުމުގެ ގަވާއިދުގެ 13، 14 އަދި 15 ގެ ހ. އާ ހިލާފަށެވެ. އެހެންކަމުން އެ ހަރުގެ އިމާރާތް ކޮށްފައިވާ ގޭގެ ވެރިފަރާތް ޖޫރިމަނާ ކުރީ އިމާރާތް ކުރުމުގެ އިދާރީ ގަވާއިދުގެ 132، 134 އަދި 137 ވަނަ މާއްދާގެ ދަށުންނެވެ.

މަރާމާތަށް ފަހު ޕީއެންސީ ހަރުގެ މިދިޔަ ބުރާސްފަތި ދުވަހު ހުޅުއްވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.