about 2 hours 0
about 2 hours 0
ލަންޑަން (ޖެނުއަރީ 12) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުުރުގައި ޕޯޓްސްމައުތު އަތުން 4-1 އިން މޮޅުވެ، އާސެނަލް އަނެއް ބުރަށް ދަތުރުކުރިއިރު، އަމިއްލަ ދަނޑުގައި ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަތުން 2-1 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފި އެވެ.
އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ޕޯޓްސްމައުތު ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ އާސެނަލް ކޮޅަށް ތިން ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ކޯލްބީ ބިޝޮޕް އެވެ. އެކަމަކު، ފަސް މިނިޓް ފަހުން އާސެނަލުން ވަނީ އެއްވަރުކޮށްފަ އެވެ. އާސެނަލްގެ ކްރިސްޓިއަން ނޯގާޑް ލަނޑެއް ޖަހަން ކުރި މަސައްކަތުގައި، މި ލަނޑު ވަނީ ޕޯޓްސްމައުތުގެ އަންްޑްރޭ ޑޮޒެލް އަތުން ބައިކޮޅަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ގަބްރިއެލް މާޓިނެލީ ވަނީ އާސެނަލަށް ލީޑުނަގައިދީފަ އެވެ. އަދި، ދެ ވަނަ ހާފުގައި އިތުރު ދެ ގޯލު ޖަހައި އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ޔުނައިޓެޑުން މި ފަހަރުގެ މުބާރާތުގެ ތިން ވަނަ ބުރުން ކެޓިއިރު، މިއީ މިދިޔަ 44 އަހަރުގެ ތެރޭގައި އެފްއޭ ކަޕްގައި މިހާ އަވަހަށް އެ ޓީމު ކެޓި ފުރަަތަމަ ފަހަރެވެ. ޔުނައިޓެޑްގެ ކޯޗު ކަމުން ރުބެން އަމޮރިމް ވަކިކޮށް ވަގުތީ ކޯޗަކަށް ޑަރެން ފްލެޗާ ހަމަޖެއްސި ފަހުން އެ ޓީމަށް ދެ މެޗުން ވެސް މޮޅެއް ނުލިބެ އެވެ.
ބްރަޖަން ގްރޫޑާ ވަނީ ފުރަތަމަ ހާފުގައި ބްރައިޓަން އަށް ލީޑުނަގައިދީފަ އެވެ. އަދި، ދެ ވަނަ ހާފުގައި ކުރިން ޔުނައިޓެޑަށް ކުޅުނު ފޯވާޑް، ޑެނީ ވެލްބެކް ޖެހި ގޯލުން ބްރައިޓަން އިން ލީޑުފުޅާކޮށްފައިވަނިކޮށް، ބެންޖަމިން ސެސްކޯ ވަނީ ލަނޑެއް ޖަހައި އުންމީދެއް ހޯދައިދީފަަ އެވެ. އެކަމަކު، މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ޔުނައިޓެޑްގެ ޝެއާ ލޭސީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
Comment