ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު.--- ފޮޓޯ: އަދަދު ސްޕޯޓްސް
ރިވައިވަލް ސްޕޯޓްސް އިން މިއަދު ފަށާ އަޒަރުބައިޖާން އިންޓަނޭޝަނަލް ޗެލެންޖުގައި ވާދަކުރާ އެންމެ ބޮޑު އަމާޒަކީ، އެ ކްލަބްގެ ވިސްނުމާ އެއްގޮތަށް މަތީ ލެވަލްގެ މުބާރާތްތަކުގައި ވެސް ރާއްޖޭގެ ބެޑްމިންޓަން ކުރިއަށްގެންދިއުމެވެ.
މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު، އަޒަރުބައިޖާނުގައި ކުރިއަށްގެންދާ އަޒަރުބައިޖާން އިންޓަނޭޝަނަލް ޗެލެންޖުގައި ރިވައިވަލް ސްޕޯޓްސްގެ ހައި ޕަފޯމަންސް ޓީމު އަދި ގައުމީ ބެޑްމިންޓަން ޓީމުގެ ހަތަރު ކުޅުންތެރިން ވާދަކުރާނެ އެވެ. އެއީ، ޒަޔާން ޒަކީ، ނިބާލް އަހުމަދު، ފާތިމަތު ނަބާހާ (ނަބާ) އަދި އައިމިނަތު ނަބީހާ (ނަބީ) އެެވެ. ޓީމާ އެކު، ކޯޗު ނަޝްފާން މުހައްމަދު ވެސް ދަތުރުކޮށްފައިވެ އެވެ.
"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނަޝްފާން ބުނީ، އަޒަރުބައިޖާން އިންޓަނޭޝަނަލް ޗެލެންޖަކީ ކުރިން ކުޅުނު މުބާރާތްތަކާ ބަލާއިރު ލެވަލް މާ މަތި މުބާރާތެއް ކަމަށެވެ. އަދި، އަޒަރުބައިޖާން މުބާރާތުގައި ގިނަވާނީ ދުނިޔޭގެ ރޭންކިން ގަދަ 100 އަށް އަރަން މަސައްކަތްކުރާ ކުޅުންތެރިންކަން ނަޝްފާން ފާހަގަކުރި އެވެ. ކުޅުންތެރިންތަކެއް
"މިއީ، މި އަހަރު އަޅުގަނޑުމެން (ރިވައިވަލް އިން) ކުޅޭ ފުރަތަމަ މުބާރާތް، އެހެންކަމުން، ކުޅުންތެރިންނަށް ވަރަށް ރަނގަޅު ޗާންސެއް ދެން ދާން ހުރި މުބާރާތްތަކަށް ވެސް މި މުބާރާތުން އަޅުގަނޑުމެން އެ ލެވަލް އެހާ ޓޮޕް ޕްލޭޔަރުންނާ އެކު ކުޅެލަން ލިބި ދެން ކުރިއަށްދާން ފަސޭހަވެގެންދާނެ، އެ ޕްލޭޔަރުންނާ އެކު ކުޅެގެން ލެވަލް އެނގިގެން ދިޔައީމަ،"
މިދިޔަ އަހަރުގެ މެއި މަހު ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމުން، އެ ސަސްޕެންޝަނާ އެއްގޮތަށް އަމަލުކުރަން ފަށައި، މިދިޔަ އަހަރުގެ ޖޫން މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުން ރިވައިވަލް ސްޕޯޓްސް ކުޅުންތެރިން ބާކީކުރި އެވެ. އެ ގޮތަށް ބީޑަބްލިއުއެފް އިން ނިންމިއިރު، ރިވައިވަލްގެ ކުޅުންތެރިން ވަނީ ޗެކް ރިޕަބްލިކާއި އިޓަލީ މުބާރާތްތަކުން އެންޓްްރީ ވެސް ހަދައިފަ އެވެ.
ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޝަނުގައި އޮއްވައި ދިން ލުޔެއްގެ ބޭނުންހިފައި ރިވައިވަލް އިން އެފްރިކާގައި ކުރިއަށްދިޔަ ބީޑަބްލިއުއެފް ތިން މުބާރާތެއްގައި ކުޅެ، ހަތް މެޑަލް ހޯދި އެވެ. ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ރަން މެޑަލާއި އަންހެން ޑަބަލްސް އިން، ނަބީ އާއި ނަބާގެ ޕެއާ އިން ރިހި މެޑަލް ހޯދި އެވެ.
ބޮޓްސްވާނާ އިންޓަނޭޝަނަލް އިން، އަންހެން ޑަބަލްސް އިން ނަބާ އާއި ނަބީގެ ޕެއާ އިން ރިހި މެޑަލެއް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ ވަނީ ލޯ މެޑަލެއް ހޯދައިފަ އެވެ. ސައުތު އެފްރިކާ އޯޕަންގައި، ނަބާ ވަނީ އަންހެން ސިންގަލްސް އިން ލޯ މެޑަލެއް ހޯދައިފަ އެވެ. އަދި، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ލޯ މެޑަލެއް ހޯދިއިރު، މި ތިން މުބާރާތުގައި ވެސް ނަބާ އާއި ނަބީގެ ޕެއާ އިން އަންހެން ޑަަބަލްސްގައި ލިބިފައިވަނީ ރިހި މެޑަލް އެވެ.
ނަޝްފާން ބުނީ، މިދިޔަ އަހަރު އެފްރިކާ ޓުއާ ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އެ މުބާރާތްތަކުން ރިވައިވަލް އަށް ވަރަށް ރަނގަޅު ނަތީޖާއެއް ލިބިގެންދިޔަ ކަމަށާއި އެއާ އެކު މިދިޔަ އަަހަރުގެ ޓާގެޓަށް ވާސިލްވެވުނުކަން ނަޝްފާން ފާހަގަކުރި އެވެ.
"އެހެންވެގެން، މި ފަހަރު ލެވަލް މަތިކޮށްލީ، އިރާދަކުރެއްވިއްޔާ، މި ޗެލެންޖުގައި ނަތީޖާ ރަނގަޅުވެއްޖިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ،" ނަޝްފާން ބުންޏެވެ. "ޗެލެންޖް މިއީ އަބަދުވެސް އަޅުގަނޑުމެންގެ ޓާގެޓް، އަހަރަކަށް ފަހު އަހަރެއް އަޅުގަނޑުމެން މި ދަނީ ލެވަލް މަތިކުރަމުން. އެހެންވީމަ. މި އަހަރުގެ ޓާގެޓަކީ، މި މުބާރާތަށް ބަލާފައި ކުރިއަށްދާންވި ގޮތް ވަރަށް ސާފުކޮށް އެނގޭނެ ކުރިއަށް ހުރި މުބާރާތްތަކުގައި،"
އަޒަރުބައިޖާން މުބާރާތުގައި ވާދަކުރާ ރިވައިވަލް ޓީމުގެ އިތުރުން ކޯޗު ނަޝްފާން.---- ފޮޓޯ: އަދަދު ސްޕޯޓްސް
އަޒަރުބައިޖާން މުބާރާތުގެ ކުރިން ރިވައިވަލްގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ، ޒަޔާން ބުނީ، މި މުބާރާތުގައި ޓާގެޓަކަށް މި އޮތީ 2028 ވަަނަ އަހަރުގެ އޮލިމްޕިކްސް އަށް އަމާޒުކޮށް ރޭންކިން ރަނގަޅު ކުރުމުގެ އަމާޒެއް ކަމަށެވެ. އެހެންވުމާ އެކު، ކުރިއަށް ވުރެން ވަރުގަދަކޮށް މި އަހަރު ދެން ހުރި މުބާރާތްތަކަށް ދިއުމަށް މަސައްކަތް ކުރާނެ ކަމަށާއި އަމާޒަކީ އޮލިމްޕިކްސް އަށް ކޮލިފައިވާން މަސައްކަތްކުރާ ހުރިހާ ކުޅުންތެރިން ސިންގަލްސް ރޭންކިންގެ ގަދަ 200 ކުޅުންތެރިން ތެރޭގައި މި އަހަރު ހިމެނުން ކަމަށް ޒަޔާން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު އެފްރިކާ ތިން މުބާރާތުގައި ވަރަށް ރަނގަޅު ނަތީޖާ އެއް ނެރެވުމުން ކޮންފިޑެންސް ކުޅުންތެރިންގެ ރަނގަޅުވާނެ ކަމަށް ރިވައިވަލްގެ ނަބީ ވަނީ ބުނެފަ އެވެ. އެކަމަކު، އެ މުބާރާތްތަކާ އަޅާކިޔާއިރު، ކުރިއަށް މި އޮތް އަޒަރުބައިޖާން މުބާރާތް ގިނަ ގޮތްގޮތުން ތަފާތުވާއިރު، އެކި ސްޓައިލްގެ ކުޅުންތެރިންނާ ދެކޮޅަށް ތަފާތު މާހައުލެއްގައި ކުޅެލަން ލިބި އޭގެއިން ކުރިއަށް އޮތްތަނުގައި ފައިދާކުރާނެ ކަމަށް ވެސް ނަބީ ވަނީ ބުނެފަ އެވެ.
އަނިޔާގައި ހުރެފައި، ނަބާ އަށް މިދިޔަ އަހަރު ވާދަކުރި އެފްރިކާ ޓުއާގެ އިވެންޓްތަކުން މެޑަލް ލިބުނީ އެއް މަސް ދުވަހުގެ ޕްރެކްޓިހަށް ފަހު މުބާރާތުގައި ކުޅެގެންނެވެ. އަޒަރުބައިޖާން ޗެލެންޖަށް ކުރިއަށް ވުރެން ރަނގަޅަށް ތައްޔާރުވެގެން ދާތީވެ، ނަބާ އަށް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ އުންމީދު ބޮޑެވެ.
ޔޫރަޕްގައި މުބާރާތެއް ކުޅެލަން ލިބުމަކީ ކެރިއަރަށް ބަލާއިރު ކުރިއެރުން އަންނާނެ ކަމެއް ކަމަށް ފާހަގަކޮށް ނަބާ ބުނީ، މީގެ އެއް އަހަރު ކުރިން، ސީރީީސް މުބާރާތެއްގައި ތިން ރަން މެޑަލް ލިބުނު ކަމަށާއި އެންމެ ބޮޑު އަމާޒަކީ ޗެލެންޖް ލެވަލް މުބާރާތެއްގައި ރާއްޖެ އަށް ރަން މެޑަލް ހޯދުން ކަމަށެވެ.
ނިބާލް ދެކޭގޮތުގައި އަޒަރުބައިޖާން މުބާރާތުގެ ޑްރޯ އަށް ބަލާއިރު ވެސް ފެންނަން އޮތީ ގިނަ ގައުމުތަކުން ފެންވަރު ރަނގަޅު ކުޅުންތެރިން ވާދަކުރާ ޗެލެންޖިން މުބާރާތެއް ގޮތަށް ކަމަށެވެ. އަދި، އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ކަންކަމަށް ބަލާއިރު ވެސް އަޒަރުބައިޖާން މުބާރާތުން ރޭންކިން ކަންކަމާއި މެޑަލް ޓާގެޓްގެ ކަންކަމަށް ވެސް މުހިންމުވާނެ ކަމަށް ނިބާލް ވަނީ ބުނެފަ އެވެ.
Comment