about 16 hours 0
ލަނޑު ޖެހުމަށް ފަހު، ހޯޑެއްދޫ ޓީމުގެ ރޮނާބެ އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
about 16 hours 0
އުމުރުން 45 އަހަރުގެ އާދަމް ލަރީފް (ރޮނާބެ)ގެ ހެޓްރިކާ އެކު، 5-1 އިން ގދ. ރަތަފަންދޫ ބަލިކޮށް، ގދ. ހޯޑެއްދޫން، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ މި އަހަރުގެ މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ގދ. ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި، ކުޅޭ ގދ އަތޮޅުގެ ހަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެެވެ.
ގދ އަތޮޅުގެ ގްރޫޕް ބީގައި ހޯދެއްޑޫން ކުޅުނީ އެންމެ މެޗެކެވެ. އެ މެޗުން މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކުރިއިރު، ތަރި އަކީ ރޮނާބެ އެވެ. ރަތަފަންދޫ އަތުން ހޯޑެއްދޫ މޮޅުވިއިރު، ރޮނާބެގެ ހެޓްރިކުގެ އިތުރުން އެ ޓީމުން ދެން ލަނޑުތައް ޖެހީ، އަހުމަދު އަޝްފާން މުހައްމަދު އާއި އަހުމަދު ޝާނިއު އަބްދުލް ގަނީ އެވެ. ރަތަފަންދޫގެ ލަނޑު ޖެހީ އަލީ އުމައިދު އެވެ.
މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި ފިޔޯރީ އާއި ރަތަފަންދޫ އޮތީ އެއްވަރުވެފަ އެވެ. މި ގްރޫޕުން ހޯޑެއްދޫ އާ އެކު ސެމީ އަށް ދާ ޓީމެއް އެނގޭނީ، އެ ޓީމުން ފިޔޯރީއާ ކުޅޭ މެޗުންނެވެ.
ވާދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އިޔާދު (ކ)، ނާއިލް (މ) އަދި އަޔާ އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ
މި އަަތޮޅުގެ އެންމެ ފަހުން ހަތަރު ފަހަރުގެ ވެސް ތަށި އުފުލާލި ވާދޫން މި ފަހަރުގެ މުބާރާތް ފެށީ ފަހަތުން އަރައި 3-2 އިން މަޑަވެލި ބަލިކޮށްގެންނެވެ. މަޑަވެލިން ވަނީ ފުރަތަމަ މެޗުގައި ގައްދޫ އަތުން މޮޅުވެފަ އެވެ.
ރޭގެ މެޗުގައި މަޑަވެލިން ވަނީ ފުރަތަމަ ލަނޑު ޖެހީ، އެ ޓީމުގެ ކެޕްޓަން، ޔައިޝް މުސްތަފާ ފޮނުވާލި ބޯޅައެއްގައި ވާދޫ ކީޕަރު މޫސާ ރަޝީދު އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ވާދޫން ދެ ވަަނަ ހާފުގައި ކުޅެން އަރައި ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން، މުހައްމަދު އިޔާދު އަލީ ، ވާދޫ އަށް އެއްވަރުކޮށްދިންއިރު، ލީޑުނެގީ މުސައްނިފް މުހައްމަދު (މުއްސެ) ޖެހި ގޯލުންނެވެ. އަދި، ބެންޗުން އެރި ވާދޫގެ ތަރި، އަޔާޒް އަހުމަދު (އަޔާ) އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހިއިރު، މަޑަވެލީގެ ދެ ވަނަ ލަނޑު ޖެހީ، ޔައިޝް އެވެ.
މި ގްރޫޕްގެ ފަހު މެޗުގައި، ގައްދޫން ކުޅޭނީ ވާދޫއާ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.
16:00 - ކ. ހިންމަފުށި - ކ. މާފުށި
16:00 - ގއ. ދެއްވަދޫ - ގއ. ނިލަންދޫ
17:00 - ކ. ގުރައިދޫ - ކ. ކާށިދޫ
17:00 - ކ. ދިއްފުށި - ކ. ގުޅި
--------------------------------------------
20:00 - އއ. ހިމަންދޫ - އއ. ތޮއްޑޫ
20:00 - އއ. މާޅޮސް - އއ. މަތިވެރި
21:00 - ލ. މާވަށް - ލ. މުންޑޫ
21:00 - ލ. ފޮނަދޫ - ލ. އިސްދޫ
22:00 - ލ. ގަން - ލ. ދަނބިދޫ
22:00 - ލ. ކުނަހަންދޫ - ލ. ކަލައިދޫ
23:00 - ގއ. ގެމަނަފުށި - ގއ. ކޮލަމާފުށި
23:00 - ގއ. ކަނޑުހުޅުދޫ - ގއ. ދާންދޫ
Comment