Advertisement

އުމްރާއަށް ގޮސް އުޅުނު ދެ ދިވެއްސަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަން އަދާކުރަން މީގެ ކުރިން ފުރި ދިވެހިންތަކެއް މޯލްޑިވިއަންގެ ބޯޓަށް އަރަނީ ---- ފޮޓޯ: މޯލްޑިވިއަން


އުމްރާއަށް ގޮސް އުޅުނު ދެ ދިވެއްސަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއާއަށް ގޮސް އުޅުނު ދެ ދިވެއްސަކު ނިޔާވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ނިޔާވެފައިވަނީ ދެ ފިރިހެނުން ކަމަށެވެ. އެއީ ސަފާ ގްރޫޕާއި ހިޖާޒް ގްރޫޕާއެކު އުމްރާގެ އަޅުކަން އަދާކުރަން ދިޔަ ދެ މީހުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ދެ މީހުން މަރާއި ގުޅޭ އިތުރު އެއްވެސް ތަފުސީލެއް މިނިސްޓްރީން މިހާތަނަށް ދީފައެއް ނުވެ އެވެ. އަދި، އެ ދެ މީހުންގެ ވަނަވަރު ނުވަތަ އުމުރު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިނިސްޓްރީން ބުނީ އެ ދެ މީހުންގެ ޖަނާޒާގެ ކަންކަން ފުރިހަމަކުރެވިފައިވާ ކަމަށެވެ. އެ މީހުން މަރުވީ ސައުދީގެ ކޮން ސިޓީއެއްގައި ކަމެއް ސާފެއް ނޫނެވެ.

ސްކޫލު ބަންދާއި އައު އަހަރުގެ ބަންދާއި ދިމާކޮށް އެތައް ހާސް ދިވެހިންނެއް މިހާރު ތިބީ އުމްރާގެ އަޅުކަން އަދާކުރަން ސައުދީގަ އެވެ. މިފަހަރުގެ ޗުއްޓީގައި ސައުދީއަށް ދިޔަ ދިވެހިންގެ ޖުމްލަ އަދަދެއް ސާފެއް ނޫނެވެ.

ހައްޖާއި އުމްރާއަށް ގޮސް އުޅެނިކޮށް މީގެ ކުރިން ވެސް ދިވެހިން ނިޔާވެފައިވެ އެވެ.