Advertisement

ގައުމީ ބޮޑީބޯޑިން ޓީމު މޮރޮކޯގެ މުބާރާތަކަށް؛ މިއީ ތާރީހީ ކަމެއް

6 ޖަނަވަރީ 2026 - 14:43 0

މިއަދު ބޮޑީބޯޑިން ގައުމީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: (ކ،ވ)، ކައިފް، އާމިން، ކުޑަ އައްޔަ، އިޔަން އަދި ރަޝް: ގައުމީ ޓީމުގެ އަޝްރަފް އަށް މާލޭގައި ނެތުުމުން މި އިވެންޓްގައި ބައިވެރިއެއްނުވެވުނު.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ގައުމީ ބޮޑީބޯޑިން ޓީމު މޮރޮކޯގެ މުބާރާތަކަށް؛ މިއީ ތާރީހީ ކަމެއް

6 ޖަނަވަރީ 2026 - 14:43 0

މޮރޮކޯގައި މި މަހު ފަށާ މޮރޮކޯ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ޓީމުގެ ފަސް އެތުލީޓުން ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖޭގެ ބޮޑީބޯޑިންގައި ތާރީހީ ކަމެއް ހާސިލްވާ މުބާރާތެއް ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބުނެފި އެވެ.

މޮރޮކޯގައި މި މަހުގެ 31 އިން އަންނަ މަހުގެ 12 ވަނަ ދުވަހަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ޓީމުން ބައިވެރިވާއިރު، މިއީ، ޓީމެއްގެ ސިފައިގައި ރާއްޖޭން ބޭރުގައި ގައުމީ ބޮޑީބޯޑިން ޓީމެއް ވާދަކުރާނެ ފުރަތަމަ ފަހަރެެވެ.

މީގެ ކުރިން، އިންޑިވިޖުއަލް އެތުލީޓުން/ބޮޑީބޯޑަރުން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ރާއްޖެ ތަމްސީލްކޮށްފަ އެވެ. އެކަމަކު، މި ފަހަރު ތަފާތަކީ، ޓީމެއްގެ ގޮތުގައި، މުބާރާތެއްގައި ވާދަކުރަން ފުރުސަތު ލިބުމެވެ.

އެ ގޮތުން، މޮރޮކޯ މުބާރާތުގެ ޖޫނިއާ މެންސް ރައިސިން ސީރީސްގައި ވާދަކުރާނީ، އެންމެ ފަހުގެ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ލީގު ޗެމްޕިއަން، އިޔަން އަހުމަދު އެވެ. އަދި، ޕްރައިމް ސީރީސްގައި ވާދަކުރާނީ ގައުމީ ބޮޑީބޯޑިން ޓީމުގައި ހިމެނޭ އަލީ ހުޝްރުވާން (ކުޑަ އައްޔަ)، އާމިން އުމަރު މޫސާ، މުހައްމަދު ކައިފް އަދި، އަޝްރަފް ހަސަން އެވެ.

މިއަދު ބޮޑީބޯޑިން ގައުމީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މި އިވެންޓަށް ސްޕޮންސަ ދިން ފަރާތްތަކާ އެކު، އެމްބީބީއޭ އާއި ގައުމީ ބޮޑީބޯޑީން ޓީމުން ނެގި ފޮޓޯއެއް.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


މީގެ ކުރިން، އިޔަން އާއި ކުޑަ އައްޔަ އަދި އާމިން ވަނީ، އައިބީސީ ލެވަލްގެ މުބާރާތްތަކުގައި ރާއްޖޭން ބޭރުގައި ވާދަކޮށްފަ އެވެ. އެ އެތުލީޓުން ފާހަގަކުރާގޮތުގައި، އަމިއްލަ އަށް ގޮސް މުބާރާތެއްގައި ވާދަކުރުމަށްވުރެން މި ގޮތަށް ޓީމެއްގެ ގޮތުގައި ގޮސް، ރާއްޖެ އަށް ރީތިނަން ހޯދައިދޭން ފުރުސަތު ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ، ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް)، މޮރޮކޯ މުބާރާތުގައި ބައިވެރިވުމަކީ، އެމްބީބީއޭގެ ސްޕޮންސަރުންގެ ފަރާތުން ލިބިގެންދިޔަ ވަރަށް ބޮޑު ސަޕޯޓަކާ އެކު، ރާއްޖޭގެ ބޮޑީބޯޑިންގެ ކުރިމަގަށްޓަކައި ލިބުނު ބޮޑު ފުރުސަތެއް ކަމަށެވެ.

އަދި، މުބާރާތުގައި ވާދަކުރަން ސްލޮޓް ހަމަޖެހިގެންދިޔަ މިންވަރަށް އެތުލީޓުން ގެންދިއުމަށް ކަންކަން ރޭވިގެންދިޔައިރު، ސީނިއާ އާއި ޖޫނިއާ ލެވަލްގެ އެތުލީޓުން ގެންދެވުމަކީ ވެސް ހިތްހަމަޖެހުމެއްގެ ގޮތުގައި ރަޝް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އެތުލީޓުންނަށް ޓީމެއްގެ ގޮތުގައި ގޮސް ބައިނަލްއަގުވާމީ ރަނގަޅު ލެވަލްއެއްގެ މުބާރާތެއްގައި ވާދަކުރަން ލިބުމަކީ، މީގެ ކުރިން ރޭންކިންގައި ހޯދާފައިވާ ކާމިޔާބީތަކަށް ވުރެން ރަނގަޅު ވަނައެއް ހޯދަން އުންމީދުތައް ކުރެވޭ ކަމެއް ކަމަށް ރަޝް ވިދާޅުވި އެވެ.

އެ ގޮތުން، މީގެ ކުރިން 2023 ވަނަ އަހަރު އާމިން، ވަނީ ދުނިޔޭގެ ޖޫނިއާ ރޭންކިންގެ 10 ވަނަ އަށް ޖެހިލަައިފަ އެވެ. އައިބީސީ ވޯލްޑް ޓުއާގައި 11 މުބާރާތެއް ހިމެނޭއިރު އޭގެ ތެރެއިން ހަ މުބާރާތެއްގައި ޖޫނިއާ ޑިވިޝަން ހިމެނެ އެވެ. މި ހަ މުބާރާތުގެ ތެރެއިން ހަތަރު މުބާރާތެއްގައި، އެ ފަހަރު އާމިން ވާދަކުރި އެވެ. އެއީ، ރާއްޖޭގައި އޮތް މޯލްޑިވްސް ޕްރޯ އާއި ފްރާންސްގައި އޮތް ލަ ސަލީ ޕްރޯ އާއި ޕޯޗުގަލްގެ ސިންޓްރާ ޕްރޯ އާއި ޓުއާގެ ފަހު މުބާރާތްކަމަށްވާ ފްރޮންޓޮން ކިންގް 2023 އެވެ.

ރާއްޖެ އަށް ބައިނަލްއަގުވާމީ ގޮތުން، ބޮޑީބޯޑިންގެ ގިނަ ފުރުސަތުތައް ލިބެން ފެށީ، 2022 ވަނަ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ވިޒިޓް މޯލްޑިވްސް ޕްރޯ އަށް ފަހު އެވެ. މީގެ ތިން އަހަރު ކުރިން، ބޭއްވި ފުރަތަމަ ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކޮށް، ކުޑަ އައްޔަ ވަނީ ޑްރޮޕްނީ ޑިވިޝަނުން ދުނިޔޭގެ ރޭންކިން 12 ވަނަ އަށް ޖެހިލައިފަ އެވެ.