Advertisement

ޒަކާތު ފަންޑު ބެލެހެއްޓުން އެމްއެމްއޭއާ ހަވާލުކޮށްފި

6 ޖަނަވަރީ 2026 - 12:29 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޒަކާތު ހައުސް އާއި އެމްއެމްއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ: އެމްއެމްއޭ


ޒަކާތު ފަންޑު ބެލެހެއްޓުން އެމްއެމްއޭއާ ހަވާލުކޮށްފި

6 ޖަނަވަރީ 2026 - 12:29 1

ޒަކާތު ފަންޑު ބެލެހެއްޓުމުގެ ކަންކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލުކޮށް، މޯލްޑިވްސް ޒަކާތު ހައުސް އާއި އެ އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގެ ދަށުން ޒަކާތު ފަންޑުން ޕަބްލިކް ބޭންކް އެކައުންޓުގެ ބޭރުން ވަކި ބޭންކް އެކައުންޓެއް އުފައްދައި، ހާމަކަން ބޮޑު ގޮތެއްގައި ދެފުށް ފެންނަ ގޮތަށް ޒަކާތުގެ ފައިސާ ބަހާނެ އެވެ.

މީގެއިތުރުން ޒަކާތު ފަންޑު މެދުވެރިކޮށް އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން އިންވެސްޓްކޮށް، ފައިދާ ހޯދޭނެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތުގެ ކަންކަން އާ މަރުހަލާއަކަށް ގެންދިޔުމުގައި އެމްއެމްއޭއިން ބައިވެރިވުމަކީ އެކަން ހަރުދަނާކޮށް ކުރިއަށް ގެންދަން އެލޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ޒަކާތުގެ ގާނޫނެއް އެކުލަވައިލައި، އައު މަރުހަލާ އަކަށް ޒަކާތުގެ ކަންކަން ގެންދިއުމުގައި ހަގީގަތުގައި އެމްއެމްއޭ، މީގައި ބައިވެރިވެގެން ދިއުމަކީ، މިހާރަށްވުރެ ފުޅާކޮށް އަދި ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެއްބަސްވުމުގެ ދަށުން އެމްއެމްއޭ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ނަތީޖާ ނެރެދޭނެކަމުގެ ޔަގީންކަން ޝަހީމް ވަނީ ދެއްވައިފަ އެވެ.

ޒަކާތާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ތަސްދީގުކުރީ ޑިސެމްބަރު 6، 2025، ގަ އެވެ. އެ ބިލުގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ދަށުން ޒަކާތު ހައުސް ވަނީ އުފައްދާފަ އެވެ.