5 ޖަނަވަރީ 2026 - 14:02 2
ލީވާން އަލީ ނާސިރު
ށް މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) ގެ މެންބަރުން: އެ ކޮމިޝަނުން ވަނީ މީޑިއާ ގްރާންޓް ދޭން ނިންމި 39 މީޑިއާއެއްގެ ތެރެއިން ދެ މީޑިއާއަކަށް ދޭން ނިންމި ފައިސާ ހިފަހައްޓާފައި -- ފޮޓޯ: ކޮންޓްރޯލް ކޮމިޝަން
5 ޖަނަވަރީ 2026 - 14:02 2
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިިކަން (މީޑިއާ ގްރާންޓް) ދޭން ނިންމި ދެ މީޑިއާއެއްގެ ފައިސާ ހިފަހައްޓައި 37 މީޑިއާއަކަށް ފައިސާ ދޫކުރަން ޔޫތު މިނިސްޓްރީއަށް މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ފޮނުވައިފި އެވެ.
ކޮންޓްރޯލް ކޮމިޝަނުގެ އިތުބާރުކުރެވޭ މަސްދަރަކުން އަދަދު އަށް ބުނީ ފައިސާ ދޫކުރަން ނިންމި 39 މީޑިއާއެއްގެ ތެރެއިން ދެ މީޑިއާއަކަށް ދޭން ނިންމި ފައިސާ ހިފަހައްޓައި، ބާކީ 37 މީޑިއާއަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ކޮމިޝަނުން ފައިސާ ދޫނުކުރަން ނިންމީ ކޮން ދެ މީޑިއާއެއްގެކަން މިހާތަނަށް ސާފުވެފައެއް ނުވެ އެވެ. ބަރާބަރަށް ނުހިންގާ މީޑިއާތަކަށް ފައިސާ ދޫކުރާތީ އެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އޮތެވެ.
މީޑިއާ ގްރާންޓަށް 41 މީޑިއާއެއް ޝަރުތު ހަމަވިކަން ހާމަކޮށް ޕޮއިންޓް ދިން ގޮތާއެކު ލިސްޓް ހާމަކުރި އެވެ. އޭގެ ފަހުން ކޮމިޝަނުން ހާމަކޮށްފައިވަނީ ފައިސާ ދޫކުރަން ނިންމީ 39 މީޑިއާއަކަށް ކަމަށެވެ.
މީޑިއާ ގްރާންޓުން އެންމެ ގިނައިން ފައިސާ ލިބެނީ މިހާރު އާއި މިހާރުގެ އިނގިރޭސި ބައި ކަމަށްވާ ދަ އެޑިިޝަންއަށެވެ. މިހާރަށް 793،214.45ރ. ލިބޭއިރު، ދަ އެޑިޝަނަށް ލިބެނީ 633,292.18ރ. އެވެ. އެހެންކަމުން އެ ދެ މީޑިއާ އެއްކޮށްލުމުން 1،426،506.63ރ. ލިބެ އެވެ.
މީޑިއާ ގްރާންޓަށް ކުރިމަތިލައިގެން ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން ފައިސާ ދޫކުރަން ނިންމި 39 މީޑިއާގެ ތެރެއިން 1،081،074.53 މިލިއަން ރުފިޔާއާއެކު ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ ސަންގު އޮންލައިނަށެވެ. ތިންވަނައަށް 1،068،280.75ރ. އާއެކު އެންމެ ގިނައިން ފައިސާ ލިބެނީ ސަންއަށެވެ.
މިއީ މީޑިއާ ގްރާންޓަށް ޝަރުތު ހަމަވާ މީޑިއާތައް އިއުލާންކުރި ދެވަނަ ފަހަރެވެ. ޔޫތު މިނިސްޓްރީން މީގެ ކުރިން މީޑިއާ ގްރާންޓަށް ހުޅުވާލުމުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދިނުމަށް ނިންމި އެވެ. ނަމަވެސް އަމާޒުވި ފާޑުކިޔުންތަކާއެކު ކުއްލިއަކަށް އެ ލިސްޓު މިނިސްޓްރީން ބާތިލުކުރި އެވެ.
ފަހުން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މީޑިއާތަކަށް ފައިސާ ދޫކުރުމަށް އެންމެ ރަނގަޅީ ކޮންޓްރޯލް ކޮމިޝަން ކަމަށް ދެކޭތީ އެ ޒިންމާ އެ ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކޮންޓްރޯލް ކޮމިޝަނުން މީޑިއާ ގްރާންޓަށް ކުރިމަތިލާން ހަފްތާ ބަންދު ހިމެނޭ ގޮތަށް ދެ ދުވަހުގެ މުއްދަތެއް ދިނުމުން އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Comment