2 ޖަނަވަރީ 2026 - 18:59 1
އަހުމަދު އާއިދު
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ އުމަރު
2 ޖަނަވަރީ 2026 - 18:59 1
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ސަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އެ އޮފީހުން އެދުނީ މިއަދު ކަމަށާއި ކޯޓުން އަމުރު ނެރުނީ ވެސް މިއަދު ކަމަށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތަހުގީގު ކުރަމުންދާ ކަމަށާއި ތަހުގީގުގެ މުއްދަތުގެ ގާނޫނީ ގޮތުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން މިއަދު ބުންޏެވެ.
މި ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ޑިސެމްބަރު 30، ގައި ފުލުހުން ވެސް ވަނީ ބުނެފަ އެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން އޭނާ ރާއްޖެ ދޫކޮށް ފިލި އެވެ. ނަމަވެސް ޑިސެމްބަރު 1، ގައި އެނބުރި ރާއްޖެ އައެ އެވެ.
ސަނީ އުމަރު އެނބުރި ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، ސުވާލު ކުރުމަށް ޕޮލިސް ސްޓޭޝަނަކަށް ގެންގޮސްފަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ ދޫކޮށްލީ އެވެ.
އަދި ޑިސެމްބަރު 1، ގެ ރޭ މާލެއިން އަވައްޓެރި ސްރީ ލަންކާއަށް ފުރަން އޮތް މަތިންދާބޯޓަކަށް އަރައި އިންދާ ފުލުހުން އޭނާ ހައްޔަރުކޮށް އަނެއްކާ ވެސް ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ތިންވަނަ ފަހަރަށް ހައްޔަރުކުރީ ޑިސެމްބަރު 2، ގަ އެވެ.
ސަނީގެ ފަރާތުން އަނިޔާ ލިބުނު ކުދިންގެ އާއިލާގެ މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ސަނީ އުމަރު ވަނީ މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ފަށާފައި ކަމަށެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ދަ ޓްރެވެލް ގައިސް, މޯލްޑިވްސް ހަލާލް ޓްރެވަލް، ހަލާލް ވީކްލީ، ޓެލެންޓް އެމްވީ، އައިލެންޑް ޕޯސްޓް އަދި ކަވި ޕްރައިވެޓް ލިމިޓެޑަކީ ސަނީ އުމަރު އުފެއްދި ބައެއް ކުންފުނިތަކެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ވިޔަފާރިތަކުގައި އޭނާ މަސްލަހަތު އޮވެ އެވެ.
ސަނީ އުމަރުގެ މައްސަލަތައް ފެންމަތިވުމުން ޓްރެވަލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އެހީއަކަށް ފުލުހުން އެދެފި ނަމަ ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.
Comment