Advertisement

ޕަރީގެ ޕްރިމިއާއަށް ބޮލީވުޑްގެ ތަރިއެއް އަންނަނީ


ޕަރީގެ ޕްރިމިއާއަށް ބޮލީވުޑްގެ ތަރިއެއް އަންނަނީ

އަންނަ ބުދަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ޕަރީ" ޕްރިމިއާ ކުރުމަށް ބޮލީވުޑްގެ މަޝްހޫރު ފަންނާނަކު އަންނާނެކަން އެ ފިލްމު އުފެއްދި ސީޒަން އަލީ ޕްރޮޑަކްޝަންސް އިން ހާމަކޮށްފި އެވެ.

ސީޒަން އަލީ ޕްރޮޑަކްޝަނުން ބުނީ ފިލްމްގެ ޕްރިމިއާ ނައިޓަށް ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް އަންނާނެ ކަމަށެވެ. އެކަމަކު އެއީ ކޮން ފަންނާނެއް ކަމެއް އެ ޓީމުން ހާމައެއް ނުކުރެ އެވެ.

ސީޒަން އަލީ ޑައިރެކްޓްކުރާ ބިރުވެރި ފިލްމު "ޕަރީ" ގެ ޓިކެޓް މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން އޮލިމްމަހުން ގެންދަނީ ވިއްކަމުންނެވެ.

ސީޒަންގެ އިތުރުން އަހުމަދު އަހުސަން ޕްރޮޑިއުސްކޮށްފައިވާ ޕަރީ ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އަވައްޓެރި ސްރީ ލަންކާއަށް ދާ ދިވެހި އާއިލާއަކަށެވެ.

އެ އާއިލާއަށް ލަންކާގައި ދިމާވާ ނާމާން އަދި ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ ބެލުންތެރިންގެ ގައިން ހީބިހި ނަގުވާލާނެ ފަދަ ތަފާތު މަސައްކަތެކެވެ.

ފިލްމުގެ މައިގަނޑު ރޯލުން ފެންނާނީ މަރްޔަމް ލަމްސާ ލަތީފް (ޕަރީ)، އާއި އައިޝަތު ރިޝްމީ، ސީޒަން، ޖުމައްޔިލް ނިމާލް އަދި ޝީލާ ނަޖީބް އެވެ.

ލަންކާގެ މޭކަޕް އާޓިސްޓުންނާއި ޝޫޓިންގް ކުރޫގެ އެހީތެރިކަން މި ފިލްމަށް ހޯދާފައިވާއިރު، ސީޖީއައި އާއި ވިޝުއަލް އިފެކްޓްސް އަދި 7.1 ސަރައުންޑް ސައުންޑް މިކްސިންގްގެ މަސައްކަތް ކުރިއަށް ދިޔައީ އިންޑިއާގެ މަޝްހޫރު ސްޓޫޑިއޯތަކުގައެވެ.

ފިލްމުގެ ޓިކެޓް މިހާރުވެސް ދަނީ ވިއްކަމުންނެވެ. ޓިކެޓު ގަތުމަށް 9331242 ނަންބަރަށް ގުޅުމަށް ވަނީ އެދިފަ އެވެ.