Advertisement

ޑްރޯން ޝޯގައި މުއިއްޒުގެ ސޫރަ ދެއްކުމުން ގިނަބައެއްގެ ފާޑުކިޔުން

ޑްރޯން ޝޯގައި މުއިއްޒުގެ ސޫރަ ދެއްކުން: ގިނަ ބަޔަކު ބުނީ އެއީ ހުދުމުހުތާރު ގައުމުތަކުގައި ކުރާ ކަމެއް ކަމަށް


ޑްރޯން ޝޯގައި މުއިއްޒުގެ ސޫރަ ދެއްކުމުން ގިނަބައެއްގެ ފާޑުކިޔުން

އާ އަހަރު ފާހަގަކުރުމަށް ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޑްރޯން ޝޯގައި މުހައްމަދު މުއިއްޒުގެ ސޫރަ ދެއްކުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޑްރޯން ޝޯގައި މުއިއްޒު ސިފަވާ ގޮތަށް ދެއްކުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުނަމުންދަނީ އެއީ ހުދުމުހުތާރު ގައުމުތަކުގައި ވެރިންގެ ހައިބަތު ބޮޑުކަމަށް ދެއްކުމަށް ކުރާ ކަމެއް ކަމަށެވެ.

ބައެއް މީހުން ބުނާ ގޮތުގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރޭ އެއްޗެއްގެ ސިފައިގައި ބުދު، މޮނިއުމެންޓް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހެދުމާއި ބެހެއްޓުމަކީ ދީނީ ގޮތުން ހުއްދަ ނޫން ކަމަށެވެ.

އެހެންކަމުން ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގެ ދަށުން މުއިއްޒުގެ ސޫރަ ޑްރޯން ޝޯގެ ތެރެއިން ދެއްކިގެން ނުވާނެ ކަމަށް މީހުން ބުނަމުންދާއިރު، އެ މައްސަލަ ފަތުވާ މަޖިލީހުން ބެލުމަށް ވެސް ބައެއް މީހުން ވަނީ ގޮވާލާފަ އެވެ.

"ރަށްރަށުގާ ބަހައްޓާފަ ހުންނަ މޮނިއުމަންޓް ހަރާމްވެފަ މި މޮނިއުމަންޓް ނުވަތަ ސޫރަ ހަލާލުވާނެ ސަރުއީ އެއްވެސް ދަލީލެއް ނޫނީ ހުއްޖަތަކީ ކޮބާތޯ،" މީހަކު ބުންޏެވެ.

މީގެއިތުރުން ބައެއް މީހުން ބުނެފައިވަނީ އަހަރަކަށްވުރެ އަހަރެއް ރާއްޖެ ޑިމޮކްރަސީގައި ފަހަތަށް ގޮސް ހުދުމުހުތާރު ވެރިކަމެއްގެ ސިފަ ޖެހެމުންދާ ކަމަށެވެ.

ޑްރޯން ޝޯގައި މުއިއްޒުގެ ސޫރަ ދެއްކުމުގެ އިތުރުން ރާއްޖޭގެ ރީތިކަން ފެންނަ މަންޒަރުތަކާއި އާސަންދަ އާއި ފުލުހުންގެ ލޯގޯވެސް ދައްކާލާފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވަން ބޭއްވި ޑްރޯން ޝޯގެ ތެރެއިން "ޝުކުރިއްޔާ ރައީސް ޑރ. މުއިއްޒު" އެރުވުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އާ އަހަރު ފާހަގަކުރުމަށް ރޭ ސެންޓްރަލް ޕާކުގައި ބޭއްވި ހަރަކާތުގައި ޑްރޯން ޝޯގެ އިތުރުން ބޮޑުބެރުގެ ހަރަކާތްތަކާއި ހަވާ އެރުވުން ވެސް ކުރިއަށް ގެންދިޔަ އެވެ.