Advertisement

ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ޕާކިސްތާނަށް އިރާން ދެ ކޯޗުން

1 ޖަނަވަރީ 2026 - 11:38 0


ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ޕާކިސްތާނަށް އިރާން ދެ ކޯޗުން

1 ޖަނަވަރީ 2026 - 11:38 0

މި މަހު ތައިލެންޑުގައި ކުރިއަށްގެންދާ ސާފް އަންހެން އަދި ފިރިހެން ފުރަތަމަ ފުޓްސަލް މުބާރާތުގައި ޕާކިސްތާންގެ އަންހެން އަދި ފިރިހެން ގައުމީ ޓީމުގެ ކޯޗުންގެ ގޮތުގައި އީރާންގެ ދެ ކޯޗުން ހަމަޖައްސައިފި އެވެ.

ދޮޅު މަހުގެ ކޮންޓްރެކްޓެއްގައި، ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ، އެ ގައުމުގެ އަންހެން އަދި ފިރިހެން ޓީމަށް ވެސް އީރާނުގެ ތަޖުރިބާކާރު ދެ ކޯޗުން ގެނެސްފަ އެވެ. މިދިޔަ މަހު މެދުތެރެއިން ފެށިގެން ޕާކިސްތާން ފުޓްސަލް ޓީމުތަކުން ޕްރެކްޓިސް ކުރަމުން އަންނަނީ، އީރާނުގެ އަލީ އިމާނީ އާއި ފާތިމާ ޝަރީފް ނޮގާބީއާ އެކު އެވެ. އީރާނީ ފީފާގެ ރޭންކިންގައި އަންހެން ފުޓްސަލްގައި ދުނިޔޭގެ 10 ވަނަ އެވެ. އަދި، ފިރިހެން ޓީމަކީ، ދުނިޔޭގެ ރޭންކިންގައި ފަސް ވަނަ އެވެ.

އިރާނުގެ ފުޓްސަލް އާއި ފުޓްބޯޅައިގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ އަލީ އިމާނީ ވަނީ އޭއެފްސީ ފުޓްސަލް ކޯޗިންގެ ލެވަލް 1، 2، އަދި 3 ފުރިހަމަކޮށްފަ އެވެ. ޕަބްލިކް އެޑްމިނިސްޓްރޭޝަން (ހިއުމަން ރިސޯސް) އިން ޕީއެޗްޑީ ހާސިލްކޮށްފައިވާ އިމާނީ އަކީ 1998-2001 އަށް އިރާން ފުޓްސަލް ޓީމުގެ ކުޅުންތެރިއެކެވެ. ކޯޗިން ކެރިއަރަށް ބަލާއިރު، އިރާންގެ ފުޓްސަލް ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކެއްގައި ވަނީ މަސައްކަތްކޮށްފަ އެވެ.

އޭއެފްސީގެ ގޯލްކީޕަރު ޓްރެއިނިން ކޯސްތައް ވެސް ފުރިހަމަަކޮށްފައިވާ އިމާނީ ވަނީ، ގޯލްކީޕަރު ޓްރެއިނިންގެ ތަމްރީންތަކެއް ބްރެޒިލްގައި ވެސް ހާސިލްކޮށްފަ އެވެ. ކޯޗިންގައި 15 އަހަރު ހޭދަކޮށްފައިވާ އިމާނީ އަންނަނީ، 2022 އިން ފެށިގެން އިރާންގެ ފުޓްބޯލް ފެޑެރޭޝަނުގެ ފުޓްސަލް ޑިޕާޓްމަންޓުގައި އެޑްވައިޒަރެއްގެ މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާންގެ އަންހެން ފުޓްސަލް ޓީމު ޓްރެއިން ކުރަމުން އަންނަ ނޮގާބީ އަކީ އިރާނުގެ އަންހެން ފުޓްސަލް ޓީމުގެ ސެޓަޕް ހެދުމުގައި އިސްކޮށް ގިނަ އަހަރުތަކެއް ވަންދެން ހަރަކާތްތެރިވި ފަރާތެކެވެ. އޭއެފްސީ ފުޓްސަލް ކޯޗިންގެ މަތީ ފާހެއް ހާސިލްކޮށްފައިވާ ނޮގާބީ އަންނަނީ އޭއެފްސީގެ ފުޓްސަލްގެ ގިނަ ސެމިނާތަކެއްގައި ވެސް މަސައްކަތްކުރަމުންނެވެ.

މި މަހު 13 އިން 27 އަށް ނޮންތަބުރީ ސްޓޭޑިއަމްގައި ކުޅޭ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން މުބާރާތުގައި ޕާކިސްތާނުން ކުޅޭ ފުރަތަމަ މެޗުގައި 13 ވަނަ ދުވަހު ބޫޓާނާ ކުޅޭނެ އެވެ. އަދި، ޕާކިސްތާން ފިރިހެން ފުޓްސަލް ޓީމުން ފުރަތަމަ މެޗުގައި، ޖެނުއަރީ 14 ވަނަ ދުވަހު ބައްދަލުކުރާނީ ރާއްޖެއާ އެވެ.