about 2 hours 2
މަހްފޫޒް ސައީދު
about 2 hours 2
'އަދަދު' ނޫހުގެ މި ކޮލަމުގައި މިހެން ލިޔެލިޔެ އިންދައި އަހަރެއް ފާއިތުވެގެން ދިޔައީ އެވެ. ދުނިޔެއިން ދުވަހަކާއެކު އުމުރުން ދުވަހެކެވެ. މިކަމުން ވަކި ނަތީޖާއެއް ނުނުކުތަސް މަށަށް ވީވަރެއް ކުރަނީ އެވެ. ފާއިތުވެދިޔަ އަހަރުގެ ކޮންމެ ހުކުރެއްގައި ކޮންމެވެސް މައުލޫއަކަށް ލިޔެވުނުއިރު، އޭގެ ތެރޭގައި ކިޔުންތެރިންނަށް ކަމުދާނޭ ކަހަލަ ލިޔުންތައް ވެސް، ގިނައިން ނޫނަސް، ކޮންމެވެސް ވަރަކަށް ލިޔެވިފައި ހުންނާނޭކަމަށް ހިތަމެވެ. ހުރިހައި ކިޔުންތެރިންނަށް އައު އަހަރުގެ ތަހުނިޔާ އެވެ!
ސޮންގް އިއުން ބިއުލްގެ ނަޒަރު ހުއްޓިފައި ހުރީ، މީހުން ގިނަ މަގެއްގެ އެއްފަރާތުގައި ހުރި ވިޔަފާރި ގާޑިއާއެއްގައި ވިއްކަން ބަހައްޓާފައިހުރި، އުސް ފުންނާބުލީ ބޫޓާއި، ފައިގެ ކަކުލުހުޅަށްވުރެ ކުޑަ ތަންކޮޅެއް ތިރިއަށް ހުންނަވަރުގެ ކަޅުކުލައިގެ ސްކަރޓާއި، ރަތްކުލައިގެ ކުރު ހެދުމަށެވެ. އޭނާ ހިޔާލަށް ގެނައީ އޭނާ އެ ހެދުން ލައިގެން ހުންނައިރު ހުންނާނޭ ގޮތެވެ. ޗާލުވާނެ އެވެ. އެ އަންނައުނު ސެޓަކީ އޭނާގެ އެ ދޮންދޮން މޫނާއި ދަންފުޅި ބައްޓަމުގެ ހަށިގަނޑަށް ދެވޭނޭ އިންސާފުވެރި ހަދިޔާއެއް ކަމުގައި އޭނާ ދުށްޓެވެ. ނޯތު ކޮރެއާގައި، ޗައިނާ ބޯޑަރާ ކައިރި އަވަށެއްގައި ދިރިއުޅޭ ސޮންގް އިއުން ބިއުލް އެތަކެތި ގަތީ އިތުރު ވިސްނުމެއް ނެތި އެވެ.
ގެއަށް ގޮސް، އޭނާގެ އައު ހެދުން ލައިގެން ހަވީރު ފިންޏަށް ބޭރަށް ނުކުތް ވަގުތު އޭނާއަށް މަރުހަބާ ކީ ނޯތު ކޮރެއާގެ ފެޝަން ފުލުހުންނެވެ. ލިޔެވިފައި ނެތް އެސް.އޯ.ޕީ އާ އެއްގޮތަށް، ފުރަތަމަ ފަހަރު ކަމަށްވީތީ އޭނާއަށް އިންޒާރުދީ، ގެއަށް ވައްދައި، ގޭގައި ދިރިއުޅޭ މީހުންނަށް ވެސް ބިރު ދައްކައިގެން އެންމެ ފަހުން އެ އަންނައުނުތައް ވެސް އަތުލީ އެވެ. އޭނާ ދެވަނަ ފަހަރަށް އެފަދަ ކުށެއް ކޮށްފިނަމަ އޭނާއަށް ދެވޭނޭ އަދަބަކީ ޖޫރިމަނާ ކުރުމާއި، ލަދުގެންނެވުމެވެ. އިތުރަށް ތަކުރާރު ކުރާނަމަ، ބުރަ މަސައްކަތާއެކު ޖަލަށްލުމެވެ. އޭނާ އެކަންޏެއް ނޫނެވެ. އެ ކުށުގައި އޭނާއަށް ވާގިވެރިވި، އޭނާގެ އާއިލާ ވެސް ކުށްވެރި ވާނެ އެވެ.
ނޯތު ކޮރެއާގައި އަންހެނުންނަށް ލެވޭނީ ދައުލަތުން ފާސްކޮށް، އާންމުކޮށް އިއުލާނުކޮށްފައިވާ ހެދުންތަކެވެ. އަންހެނުންގެ ބޯ ކޮށާނޭ ގޮތްތަކާއި ބޮލުގައި ޖެއްސޭނޭ ކުލަތައް ހުންނަނީ ކަނޑައެޅި އިއުލާނުކޮށްފަ އެވެ. ފިރިހެނުންގެ ބޮލުގެ އިސްތަށިގަނޑާއި މޫނުމަތި ހުންނާންވާނޭ ގޮތް ވެސް އެއޮތީ ދުރާލައި ފާސްކޮށްފަ އެވެ. ހެލްމެޓު ވާގަނޑެއްހެން ތުނބުޅި ބަހައްޓައިގެން އެގައުމުގައި ނުއުޅެވޭނެ އެވެ. އެ ގައުމުގައި މި ހަރުދަނާ ގާނޫނުތައް ތަންފީޒުކުރަނީ އެ ގައުމުގެ ފެޝަން ފުލުހުންނެވެ. ފެޝަން ފުލުހުންނަކީ އާންމު ރައްޔިތުން ހެދުން އެޅުމުގައި އަމަލުކުރުމަށް ދައުލަތުން އެކަށައަޅައިފައިވާ އާންމު މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި، އެ ގަވާއިދުތައް ތަންފީޒުކުރުމަށް އައްޔަނުކޮށްފައިވާ ބައެކެވެ. ދައުލަތުގެ ގަވައިދާ ހިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާ، ނިކަން ބާރުގަދަ ބައެކެވެ.
އަންހެނަކު އަޅާ ހެދުމާމެދު މިވަރަކަށް ކަންބޮޑުވެގެން އުޅެން، ނޯތު ކޮރެއާއަކީ ގައިމު އިސްލާމީ ގައުމެއް ނޫނެވެ. އަމުދުން އެއްވެސް ދީނަކަށް އުޅުމުގެ މިނިވަންކަން ވެސް އޮތް ގައުމެއް ނޫނެވެ. އެ ގައުމުގެ ލީޑަރަކީ ދީނެއް ރައްބެއް ރަސޫލެއް ގަބޫލުކުރާ މީހެއް ވެސް ނޫނެވެ. މަތިމަތިފުށުން އޭނާއަށް ވާރުތަވީ ރަސްކަމެއް ކަހަލަ ވެރިކަމުގައި އަބަދުވެސް އޮތް އުސޫލު އޭނާ ވެސް ދަމަހައްޓަނީ އެވެ. އިސްލާމީ އުސޫލުތަކާ ދުރު އެ ގައުމުގައި، ގަޔަށްބާރު އަންނައުނާއި ބައެއް ކުލަތަކުގެ ހެދުން ވެސް އޮންނަނީ މަނާ ލިސްޓުގަ އެވެ. މިއީ އެ ގައުމުން ކޮން މަގުސަދެއްގައި ތަންފީޒުކުރާ އުސޫލެއްތޯ ދިރާސާކޮށް، އެކަމުގެ މައްޗަށް އެކި ނަޒަރިއްޔާތަކަށް ވާހަކަ ދައްކާފައި ހުރީތީ ފެނެ އެވެ.
މި ލިޔުމުގައި ބަލައިލާން މިއުޅެނީ ނޯތު ކޮރެޔާގެ ފެޝަން ރެގިއުލޭޝަންގެ ފަހަތުގައިވާ ސިޔާސީ އުސޫލުތަކަށެވެ. އެކަމުގައި ބޭނުންކުރާނީ މައިގަނޑު ދެ ނަޒަރިއްޔާއެކެވެ. އެއީ ޓޯޓަލިޓޭރިއަނިޒަމް ނުވަތަ އެއްވެސް ހައްދެއް ނެތް ބާރުވެރިކަމާއި، ޑިސިޕްލިނަރީ ޕަވަރ ނުވަތަ ތަރުބަވީ ބާރުގެ ނަޒަރިއްޔާ އެވެ. ފެޝަން ރެގިއުލޭޝަންގެ ސަބަބުން، އުތުރު ކޮރެއާގައި ކިމް ޖޮން އުންގެ ވެރިކަމަށް ރައްޔިތުންގެ ވަފާތެރިކަން އިތުރުވަނީ ކީއްވެގެންކަން މި ނަޒަރިއްޔާތަކުގައި ކިޔައިދެ އެވެ.
ޓޯޓަލިޓޭރިއަނިޒަމްގެ ކްލެސިކް ނަޒަރިއްޔާތައް ތަރައްގީކުރުމުގައި ސިޔާސީ ފަލްސަފާވެރިޔާ ހަންނާ އާރެންޑްގެ ދައުރު ބޮޑެވެ. އޭނާ ވަނީ، ޑިކްޓޭޓަރުން ބާރު ހޯދާ ގޮތް ދިރާސާކޮށް އެތައް ފޮތެއް ލިޔެފަ އެވެ. އޭނާގެ ނަޒަރިއްޔާ ބުނާ ގޮތުން، ސިޔާސީ ބާރުވެރިކަން ހޯދަން މަސައްކަތްކުރާ ޑިކްޓޭޓަރުން ރައްޔިތުންގެ ކިބައިން ބޭނުންވަނީ ހަމައެކަނި ސިޔާސީ ކިޔަމަންތެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި މުޅި ދައުލަތުގެ މައްޗަށް މުތުލަގު ބާރު ހޯދުމަށް ޑިކްޓޭޓަރުން މަސައްކަތްކުރާނެ އެވެ. ޓޯޓަލިޓޭރިއަން ވެރިކަންތަކުގެ މަގުސަދަކީ ގައުމުގެ އަފުރާދުންގެ އާންމު ދިރިއުޅުމާއި އެމީހުންގެ ޒާތީ ދިރިއުޅުމުގެ ދެމެދުގައިވާ ފަރަގު ނައްތާލުމެވެ. މި ފިކުރުން ބަލާއިރު ރައްޔިތުންގެ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ އަމަލުތަކާއި، ޒާތީ ދިރިއުޅުމުގެ ނިންމުންތައްވެސް އެއީ ސިޔާސަތާ އެއްގޮތަށް ކުރެވޭންވާނޭ، ސިޔާސީ ކަންކަމެވެ. ޒާތީ ދިރިއުޅުމުގެ މިނިވަންކަމަކީ އޮތުން ހެޔޮވެގެންވާނޭ އެއްޗެއް ނޫނެވެ.
މި ނަޒަރިއްޔާއިން ބަލާއިރު، ފެޝަން ކޮންޓްރޯލްކުރުމަކީ ޓޯޓަލިޓޭރިއަން ވެރިކަމެއްގެ ލިސާނެކެވެ. ހެދުން އެޅުމާއި އިސްތަށިގަނޑުގެ ސްޓައިލްތަކަކީ ސިޔާސީ އަމުރަކުން (ގާނޫނަކުން ނުވަތަ ގަވާއިދަކުން) ރެގިއުލޭޓުކުރެވޭ ކަމެއް ކަމަށް ނިންމުމުން ދައުލަތުން އެ ވަދެގަންނަނީ އާންމު ރައްޔިތުމީހާގެ ޒާތީ މިނިވަންކަމުގެ ދާއިރާގެ ތެރެއަށެވެ.
އާރެންޑް ވިދާޅުވަނީ ޓޯޓަލިޓޭރިއަނިޒަމް އެންމެ ރަނގަޅަށް ހިންގޭނީ، ސިޔާސީ އަމުރަކީ ހަމައެކަނި ފިކުރެއްގެ ބަދަލުގައި، އަމަލީ ދިރިއުޅުމުގެ ވެސް ހަގީގަތަކަށްވުމުން ކަމަށެވެ. ބޭރަށް ފެންނަ މަންޒަރުން ވެސް ރައްޔިތުން ވެރިކަމަށް ބަހައްޓަންޖެހޭ ވަފާތެރިކަން ތަމްސީލުކޮށްދޭންޖެހޭ ކަމަށް މި ފިކުރުގައި ދެކެ އެވެ. މިސާލަކަށް، އޮފީސް މާހައުލުން ފެންނަ އެންމެން ހެދުން އަޅަނީ އެއްގޮތަކަށް ކަމަށްވާނަމަ، އެހެން ގަބޫލުކުރުންތަކުގައި ވެސް އެމީހުންގެ ވިސްނުން އެއްގޮތްވާންޖެހޭނޭ ކަމަށް ރައްޔިތުންގެ ސިކުނޑިއަށް ވިސްނޭނެ އެވެ. ހިޔާލު ތަފާތުވުމެއް އަންނަ ކޮންމެ ކަމެއްގައި އެ ދެމެދަށް ވަދެ، ގަބޫލުކުރަންވީ އާންމު ހަމަ ދައްކާނީ ދައުލަތުގެ ސިޔާސީ އަމުރަކުންނެވެ.
އާރެންޑް ވިދާޅުވާ ގޮތުން، ރައްޔިތުން އަމަލުކުރަންޖެހޭނޭ މިކަހަލަ 'ކޫސަނި' ގަވާއިދެއް އެކުލަވައި ތަންފީޒުކުރަން ފެށުމުން ދައުލަތުގެ ހަގީގީ ވަފާތެރިންނަކީ ކޮބައިކަން ސާފުކޮށް ދެނެގަންނަން ފަސޭހަވެ އެވެ. އެ ގަވާއިދާ މެދު އެއްވެސް ސުވާލެއް ނުއުފައްދައި ކިޔަމަންތެރިކަން ދައްކާ މީހުންނަކީ 'ވަފާތެރިންނެވެ.' އެ ގަވާއިދަށް ފާޑުކިޔައި، ގަވާއިދު މުގުރައިލަން މަސައްކަތްކުރާ މީހުންނަކީ ދައުލަތާ އިދިކޮޅު މީހުންނެވެ. މި ތަފާތު ދެނެގަނެވުމުން އެމީހުންގެ އެހެން އަމަލުތަކަށް ވެސް އިތުރަށް ފާރަލައި، ފާރަވެރިވުމަށް ދައުލަތަށް މަގުފަހިވެގެންދެ އެވެ.
ފަރަންސޭސި ފަލްސަފާވެރިއެއް އަދި ސިޔާސީ އިލްމުވެރިއެއް ކަމަށްވާ މިޝެލް ފޫކޯ، އޭނާގެ 'ޑިސިޕްލިން އެންޑް ޕަނިޝް 1975' ފޮތުގައި ކިޔައިދެނީ، ޑިކްޓޭޓަރުން 'ތަރުބަވީ ބާރުވެރިކަން' އުފައްދައިގެން ރައްޔިތުން ކޮންޓްރޯލް ކުރާ ގޮތެވެ. މިކަމުގެ މުހިންމު އުކުޅަކީ ކަންކަމުގައި ރައްޔިތުންނަށް ކުރާ މަޖުބޫރުގެ ޒަރީއާއިން އެބައިމީހުންގެ ނަފުސު ވަކިގޮތަކަށް ހޭނުވުމެވެ. ވަކި މުއްދަތަކަށް ހިންގާ މިލިޓަރީ ކޭމްޕުތަކުގައި ބައިވެރިވުން މަޖުބޫރުކުރުމާއި، ހަށިގަނޑު ވަކިގޮތަކަށް ބެހެއްޓުން ލާޒިމުކުރުމާއި، ވަކި ގޮތަކަށް ހެދުން އެޅުން ލާޒިމުކުރުން ފަދަ ކަންކަމަކީ މި ނަޒަރިއްޔާގެ ތެރެއިން ރައްޔިތުން ކޮންޓްރޯލްކުރުމުގެ އުކުޅެއްކަމަށް ފޫކޯ ވިދާޅުވެ އެވެ.
މި ބާވަތުގެ މަޖުބޫރުކުރުމުން އުފައްދަނީ އާދައެކެވެ. ފުރަތަމަ ކޮޅުގައި ތަންފީޒުކުރުން ދަތިވީނަމަވެސް، ދޫ ނުދީ ހިފަހައްޓައިފިނަމަ އެއީ އާދައިގެ ކަންކަމަށްވެ، އެ އާދައަކީ ރައްޔިތުންގެ ގަބޫލުކުރުމަށް ބަދަލުވެ އެވެ. ގިނަފަހަރު މި ބަދަލު އަންނާނީ ލައްކަ ޒަމާނުންކަމަށާއި އެހެންނަމަވެސް، ދެކޮޅުހެދުން ކުޑަ މުޖުތަމައުތަކުގައި މި ބަދަލުތަކަށް އަހުލުވެރިކުރުވުން ފަސޭހަ ކަމަށް ފޫކޯ ދެކެ އެވެ. ކާމިޔާބުވެއްޖެނަމަ، މިކަމުގެ އެންމެ މޮޅު ކަމަކީ، ރައްޔިތުންނަށް އިތުރަށް މަޖުބޫރުކުރުމެއްނެތި، އެ ތަރުބިއްޔަތުގެ ސަބަބުން ކިޔަމަންތެރިކަން ހޯދޭ ކަމެވެ.
މި ދެ ނަޒަރިއްޔާގެ އަލީގައި އުތުރުކޮރެއާގެ ފެޝަން ރެގިއުލޭޝަންގެ ސިޔާސަތު ދިރާސާކުރާއިރު، މި ނަޒަރިއްޔާތައް ތަތުބީގުކުރުމުގައި އެ ގައުމުން ކާމިޔާބު ހޯދައިފިކަމަށް ގަބޫލުކުރަންޖެހެ އެވެ. މި ނަޒަރިއްޔާތަކާ ގުޅޭގޮތުން ފުރަތަމަ ވާހަކަ ދެކެވުނު ޒަމާނުގައި އުތުރު ކޮރެޔާއަކީ މިސާލެއް ވެސް ނޫނެވެ. އޭރު މިސާލަކީ ނާޒީ ޖަރުމަނެވެ.
އުތުރު ކޮރެއާގައި ފެޝަން ކޮންޓްރޯލް ކުރުމަކީ، ދީނީ ނުވަތަ ސަގާފީ ރައްކާތެރިކަމަކަށްޓަކައި ކުރާ ކަމެއް ނޫނެވެ. އެއީ މި ނަޒަރިއްޔާތަކުގެ މައްޗަށް ބިނާވެފައިވާ ވަރަށް ފުރިހަމަ ސިޔާސީ ރޭވުމެކެވެ. ބޭނުމަކީ، ރައްޔިތުންގެ ފުރިހަމަ ކިޔަމަންތެރިކަން ހޯދުމެވެ.
އުތުރުކޮރެޔާގައި މީހުންގެ އަމިއްލަ ދިރިއުޅުމާއި، ހެދުން އެޅުމުގެ ވައްޓަފާޅިއާއި، ބޮލުގެ އިސްތަށިގަނޑު ބަހައްޓަންޖެހޭ ގޮތް ކޮންޓްރޯލް ކުރުމަކީ އެ ގައުމުގެ ޑިކްޓޭޓަރަށް މުހިންމު ކަމަކަށް ވަނީ ކީއްވެގެންކަން މި ލިޔުމުގައި ވާހަކަ މި ދެކެވުނު މެކޭނިޒަމްތަކުން ސާފުކޮށްދެ އެވެ. ފެޝަނަކީ މީހާގެ ޒާތީ އިހުތިޔާރެއް ކަމަށްވާއިރު، އެއީ ވެސް ދައުލަތުން ކޮންޓްރޯލް ކުރާ ކަމަކަށް ހެދުމުން އުތުރު ކޮރެއާގެ ދައުލަތުން ނުސީދާ ގޮތެއްގައި އެ ކޮންޓްރޯލްކުރަނީ އެ ގައުމުގެ ރައްޔިތުންގެ ވިސްނުމެވެ.
އަޅުގަނޑުމެންގެ ގައުމުގައި މިކަހަލަ ކަމެއް ކުރާނަމަ ކުރާނީ އުތުރުކޮރެޔާއިން ގެންގުޅޭ ވިސްނުމުގައި ކަމަށް ބަޔަކު ދުށްޓަސް އެއީ ނިކަން ގޯސް ވިސްނުމެކެވެ. މި އިސްލާމީ ދައުލަތުން އެފަދަ ކަމެއް ކުރާނީ އިސްލާމް ދީނުގެ ހިމާޔަތުގައިކަން އަޅުގަނޑުމެން އެންމެވެސް ހިތުން ތެދުކޮށް ގަބޫލުކުރަން ޖެހެ އެވެ. އެކަމަކު މިކަމުގައި ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައި ހުންނަ ސުވާލުތަކުގެ ސަބަބުން އަޅުގަނޑުގެ މި ހަރުދަނާ އީމާނަށް ވެސް ގުޑުން އަރާގޮތް އެބަ ވެ އެވެ.
ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ސިވިލް ސަރވިސްގެ އަންހެން މުވައްޒަފުންގެ އިސްލާމް ދީނާއި ފުލުހުންގެ އަންހެން ބޭކަނބަލުންގެ އިސްލާމް ދީނާ ހުރި ތަފާތަކީ ކޮބައިބާވަ އެވެ. ދައުލަތުގެ ކުންފުނިތަކުގެ ޔުނިފޯމުގެ ފުރަގަހުން އެންމެ ތިރީގައި، ބަލާ މީހުންގެ ސަމާލުކަން ބޮޑަށް ލިބޭނޭ ގޮތަށް ލިޔެފައި އެ ހުންނަ ލިޔުންތަކާއި ނިޝާންތައް ހުރުން ހަމަ އެންމެ ރަނގަޅުތޯ ވެސް އެކި މީހުން އެބަ ސުވާލު އުފައްދަ އެވެ. އަންހެން މުވައްޒަފުން ބޮލުގައި ޖައްސާ ކުލައަކީ ސިވިލް ސަރވިސްގެ ހިދުމަތަށް ހުރަހަކަށް ވަނީތޯ އެވެ؟ ސިވިލް ސަރވިސް ނޫންނަމަ އަންހެނުން ބޮލުގައި އެކި ކުލަ ޖެއްސުމުގެ ހުކުމަކީ ކޮބައިބާވައެވެ؟
ރައްޔިތުންގެ ތެރެއިން ދައުލަތަށް ވަފާތެރި ނޫން މީހުން މިކަހަލަ ކިތަންމެ ސުވާލެއް އެބަކުރެ އެވެ. މި ސުވާލުތަކަށް ދައުލަތުން ކޮންމެވެސް ކަހަލަ ހަމަޖެހޭ ޖަވާބެއް ދެއްވައިފިނަމަ މި ގައުމަކީ ވެސް އިސާހިތަކު ނޯތު ކޮރެއާ ފަދަ ސުލްހަވެރި، އަދި ދައުލަތަށް ވަފާތެރި ރައްޔިތުން ދިރިއުޅޭ ގައުމަކަށް ހެދޭނޭކަން ގައިމެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ދައުލަތުގެ ސަރުކާރުން ކުރައްވާ މަސައްކަތަށް ތައުރީފު ހައްގެވެ.
Comment