Advertisement

މީޑިއާތަކަށް ގްރާންޓް ދޭން އުޅެނީ ރަނގަޅަކަށް ނޫން، އެކަން ހުއްޓާލަން ޖެހޭ: އެމްޖޭއޭ

އެމްޖޭއޭގެ މެންބަރުން ބައިވެރިވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެމްޖެއޭ


މީޑިއާތަކަށް ގްރާންޓް ދޭން އުޅެނީ ރަނގަޅަކަށް ނޫން، އެކަން ހުއްޓާލަން ޖެހޭ: އެމްޖޭއޭ

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް (މީޑިއާ ގްރާންޓް) ދޭން އުޅެނީ ހާމަކަންބޮޑު އުސޫލެއްގެ ތެރެއިން ނޫން ކަމަށް ބުނެ، އެ މަސައްކަތް މިވަގުތަށް ހުއްޓާލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.

އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަވަސް އަރުވާލައިގެން މީޑިއާ ގްރާންޓް ދިނުމުގެ ނަމުގައި އުސޫލެއް ހަދައި، ދެފުށް ފެންނަ ހާމަކަން ބޮޑު ނޫން އުސޫލެއްގެ ތެރެއިން ރައްޔިތުންގެ ޓެކްސް ފައިސާއިން 39 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދޭން ކުރަމުންދާ މަސައްކަތް ހުއްޓާލަން ގޮވަލާ ކަމަށެވެ.

މީޑިއާ ގްރާންޓް ދިނުމުގެ މަސައްކަތް މޯލްޑިވް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އާ ހަވާލުވި ފަހުން މީޑިއާތަކުގެ ހިޔާލު ހޯދުމަށް ބޭއްވީ އެންމެ ބަައްދަލުވުމެއް ކަމަށާއި ފައިސާ ދޭ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް މަސައްކަތް ނުކުރާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.

އަވަސް އަރުވާލައިގެން މީޑިއާތަކަށް ފައިސާ ދޭން މަސައްކަތް ކުރުމުން ގްރާންޓަށް އެދުނު މީޑިއާތަކުގެ ތެރެއިން ގަވާއިދުން ކޮންޓެންޓް ގެނެސް ނުދޭ، އާންމުންނަށް ވެސް ނޭނގޭ އެތައް މީޑިއާއެއް ހިމެނޭ ގޮތަށް ފައިސާ ދޫކުރުމަށް ނިންމާފައިވާކަން އެމްޖޭއޭއިން ފާހަގަކުރި އެވެ.

އެމްޖޭއޭއިން ބުނީ މީޑިއާތަކަށް ޕޮއިންޓް ދިންގޮތް އާންމު ކޮށްފައި ހުރި ނަމަވެސް، ޕޮއިންޓް ދިނުމުގައި އިންސާފުވެރިކޮށް އެކަން ކޮށްފައިވާކަމާ މެދު ޝަކުވާތައް ވެސް ވަނީ ބޮޑުވެފައި ކަމަށާއި ޕޮއިންޓް ދީފައިވާ ގޮތާމެދު ޝައްކު އުފައްދަން އެކަށީގެންވާ ސަބަބުތައް ހުރިކަމަށް ވެސް ފާހަގަކުރެވޭ ކަމަށެވެ.

"ގަވައިދުން ނެރެމުންދާ ނޫހެއް ނުވަތަ މަޖައްލާއެއްކަން ކަށަވަރުކުރަން ކޮމިޝަނުން އެކަށީގެންވާ މަސައްކަތްކޮށްފައި ނުވާކަން ވެސް މި ޖަމިއްޔާއަށް ފާހަގަވެފައިވޭ. އަދި އެއް ފަރާތެއް މަސްއޫލުވެރިކަމުގެ ދަށުން ހިންގާ ދެ މީޑިއާ އައުޓްލެޓަށް ވެސް ފައިސާ ދިނުމަށް ނިންމާފައިވާ ނިންމުމަކީ އިންސާފުވެރި ހަމަޖެހޭ އުސޫލެއް ނޫން،" އެމްޖޭއޭއިން ބުންޏެވެ.

މީގެއިތުރުން ނޫސްވެރިންގެ މަސައްކަތްތެރިކަމުގެ އަސާސީ ހައްގުތަކަށް (ގަވާއިދުން މުސާރަ ދިނުން، ޕެންޝަން ދެމުން ދިޔުން ފަދަ ކަންކަމަށް) އިހުތިރާމްކުރާ މީޑިއާތަކަށް މީޑިއާ ގްރާންޓްގައި ބަލާފައި ނުވާތީ އެކަމާ ވެސް އެމްޖޭއޭއިން ވަނީ ހިތާމަކުރާ ކަމަށް ބުނެފަ އެވެ.

އެމްޖޭއޭއިން ބުނީ ދައުލަތުން އަމިއްލަ މީޑިއާއަށް އެއްވެސް ބާވަތެއްގެ އިނާޔަތެއް ދޭންވާނީ އެ މީޑިއާއެއްގެ މަސައްކަތުގެ ސަބަބުން އާންމު މުޖުތަމައުއަށް ކުރާ ހެޔޮ އަސަރާއި އެ މީޑިއާއެއް ބަލައިގަނެފައިވާ މިންވަރު ނުވަތަ މަގުބޫލު މިންވަރަށް ބެލުމަށްފަހު ކަމަށެވެ.

ނަމަވެސް މިވަގުތަކީ މާލީ ދަތިކަމުގެ ސަބަބުން ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ނުދެވި އިޖުތިމާއީ ސިއްހީ ނިޒާމުން އާންމުނަނަށް ލިބެން ޖެހޭ ސިއްހީ ހިދުމަތްތައް ދިނުމަށް ދަތިވެފައިވާ ދަނޑިވަޅެއްކަމުން މިއީ މީޑިއާތަކަށް ދައުލަތުން ހިލޭ އެހީ ދޭން ޖެހޭ ފަދަ ހާލަތެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.