ރައީސް މުހައްމަދު މުއިއްޒު އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސަރުކާރަށް ފައިސާ ހޯދުމުގެ ކަަންކަމުގެ މަޝްވަރާތަކުގެ އިސްކޮށް އުޅުއްވަނީ ޒަމީރު --- ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމާއި އެކަމުގެ ސަބަބުން ހަރަދުތައް ފޫބެއްދުމަށް ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމުގެ މަޝްވަރާ ކުރަމުން އަންނަކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ސަރުކާރާއި މާލީ އިދާރާތަކުގެ މަތީ ފަންތީގައި މިފަދަ މަޝްވަރާތަކެއް ކުރިއަށްދާކަން އަދަދު އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ. އެ ލޯނު ނަގަން ހަމަޖެހިފައިވަނީ ކޮން ތަނަކުން ކަމެއް، އެއީ ކިހާ ވަރެއްގެ އިންޓްރެސްޓެއްގައި ނަގާ ލޯނެއް ކަމެއް ނޭނގެ އެވެ. 300 މިލިއަން ޑޮލަރަކީ 4.6 ބިލިއަން ރުފިޔާ އެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އަދި ބަހެއް ނުލިބެ އެވެ.
މުއިއްޒުގެ ސަރުކާރުގެ ތިންވަނަ އަހަރަށް ފާސްކުރީ 64 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. އޭގެ ތެރެއިން ދަރަނި ދެއްކުމަށް އަންނަ އަހަރު 12.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓު ފޮތުން އެނގެ އެވެ. ހަމައެކަނި އެޕްރީލް މަހުގެ ތެރޭގައި 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދަަރަނީގެ ގޮތުގައި ދައްކަން ޖެހެ އެވެ.
އޭގެ ތެރެއިން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކަށް ފައިސާ ދައްކަން ޖެހެނީ އެޕްރީލް 8، 2026 ގަ އެވެ. އަދި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑަށް ފައިސާ ދައްކަން ޖެހޭ މުއްދަތަކީ އެޕްރީލް 26، 2026 އެވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ދަރަންޏާއެކު އަންނަ އަހަރު ދަރަނި ދެއްކުމަށް އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ހޭދަވާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރެ އެވެ.
އެމްޑީޕީ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް އެޕްރީލް 2021، ގައި ވިއްކީ ޕީޕީއެމްގެ ސަރުކާރުން 2017 ވަނަ އަހަރު ޖީއެމްއާރަށް ފައިސާ ދައްކާށާއި ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތްކުރަން ވިއްކި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑް" ރީފައިނޭންސް ކުރުމަށާއި ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ގެއްލުމުން ހަރަދުތައް ފޫބެއްދުމުގެ ގޮތުންނެވެ.
ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް މުއިއްޒު އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ވިދާޅުވެފަ އެވެ.
"ޑިފޯލްޓްނުވެ، ފައިސާ ޗާޕުނުކޮށް، ރާއްޖޭގެ އިޤްތިޞާދު ނަގައި ކޮޅަށްޖަހައި، ރާއްޖޭގެ ދަރަނިތައް އަދާކުރަމުން، ރާއްޖޭގެ އެތެރޭގެ ދަރަނިތަކާއި، ބޭރުގެ ދަރަނިތައް އަދާކުރަމުން، ހުރިހާ ކަމެއް ކުރަމުން މިގެންދަނީ،" ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރުމަށް ޑިސެމްބަރު 21، ގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.
ބިލިއަނެއްހާ ޑޮލަރުގެ ދަރަނި އަދާކުރުމުން އެކަމުގެ ސަބަބުން އިގުތިސޯދަށް ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރާވާފައި އޮތް ގޮތް ހާމަނުކުރާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދާދިފަހުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
Comment