Advertisement

ނަންޓޮންގްގެ ހުށަހެޅުން: ބިމުގެ އަގު ދެބައިކުޅަ އެއްބައި މައާފުކޮށް، އެޗްޑީސީއާއެކު ޖޭވީ އަކަށް

ހުޅުމޭލޭ ޗެނަލް ޕާކް ސަރަހައްދުން ޗައިނާގެ ކުންފުންޏަކަށް ބޮޑު ބިމެއް ދޫކޮށްލަން އެޗްޑީސީގެ ބޯޑު ނިންމިއިރު، އެ ކުންފުނިން ހުށަހަޅާފަިއ ވަނީ ބިމުގެ އަގުން 50 ޕަސެންޓު އުނިކޮށްދޭން. -- ފޮޓޯ: އެޗްޑީސީ


ނަންޓޮންގްގެ ހުށަހެޅުން: ބިމުގެ އަގު ދެބައިކުޅަ އެއްބައި މައާފުކޮށް، އެޗްޑީސީއާއެކު ޖޭވީ އަކަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޗެނެލް ޕާކް ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ ލަގްޒަރީ ހައުސިން މަޝްރޫއު، ޗައިނާގެ ނަންޓޮންގް ޒިންހުއާ ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކުރަން އެޗްޑީސީއިން ނިންމިއިރު، އެ މަޝްރޫއަށް ދޭ ބިމުގެ އަގުން 50 ޕަސެންޓު ކުޑަކޮށްދޭން އެ ކުންފުނިން އެދިފައިވާކަން ހާމަވެއްޖެއެވެ.

މި މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އެޗްޑީސީއިން ހުޅުވާލީ 18 ޑިސެމްބަރުގަ އެވެ. އެ އިއުލާނުގައި އީއޯއޭ ހުށަހެޅުމަން އޮތް ސުންގަޑިއަކީ ޑިސެމްބަރު 24، ގެ 12:00 އެވެ. ނަންޓޮންގް ކުންފުންޏަށް މަޝްރޫއު ދޭން ނިންމީ ހުށަހެޅުންތައް ލިބުނުތާ 24 ގަޑިއިރު ވެސް ނުވަނީސް ޑިސެމްބަރު 25، ގައި ބޭއްވި އެޗްޑީސީގެ ބޯޑު ބައްދަލުވުމުގަ އެވެ.

މި މަޝްރޫއު އަށް ޝައުގުވެރިވެ ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ލިޔުންތައް ފުރިހަމަ ކަމަށް އެޗެޑީސީން ނިންމީ ތިން ކުންފުންޏެއްގެ އެވެ. އެއީ، އިއުލާނު ކުރުމުގެ ކުރިން ވެސް ޝައުގުވެރިކަން ފާޅުކޮށް ލިޔުންތައް ހުށަހަޅާފައި އޮތް ނަންޓޮންގްގެ އިތުރުން ޗައިނާގެ ރޮޓައިމް އާއި ރާއްޖޭގެ އެސްޖޭ ކޮނސްޓްރަކްޝަން އެވެ.

މި ތިން ކުންފުނީގެ ތެރެއިން ތަފްސީލްކޮށް ލިޔުންތައް ހުށަހަޅާފައި ވަނީ ނަންޓޮންގް އާއި އެސްޖޭ އެވެ. މި ދެ ކުންފުނީގެ ހުށަހެޅުމުގައި ބޮޑެތި ތަފާތުތަކެއް ފާހަގަކުރެވެއެވެ.

ހުށަހެޅުންތަކުގެ އަޅާކިޔުމެއް:

ނަންޓޮންގް ޒިންހުއާ (ޗައިނާ)

  • ބިމުގެ ބޮޑުމިން: 125,387 އަކަފޫޓު
  • ބިމުގެ އަގު: 50 ޑިސްކައުންޓެއް އެދިފައިވޭ
  • މަޝްރޫއުގެ އޮނިގަނޑު: އެޗްޑީސީއަށް 30 ޕަސެންޓު އޮންނަ ޖޭވީއެއް ހެދުން
  • ސީއެސްއާރު: 25 މިލިއަން ރުފިޔާ (ސްޓްރަކްޗަ ނިމުމުން)

އެސްޖޭގެ ހުށަހެޅުން

  • ބިމުގެ ބޮޑުމިން: 41,795.93 އަކަފޫޓު
  • ބިމުގެ އަގު: އަކަފޫޓަކަށް 3,001 ރުފިޔާ
  • މަޝްރޫއުގެ އޮނިގަނޑު: އެސްޖޭގެ އަމިއްލަ މަޝްރޫއެއް
  • ސީއެސްއާރު: 11 މިލިއަން ރުފިޔާ

ނަންޓޮންގް ކުންފުނިން އެދިފައިވަނީ އެޗްޑީސީއިން މިހާރު ބިން ވިއްކާ އަގުން 50 ޕަސެންޓު އުނިކުރުމަށެވެ. ހުޅުމާލެ ފޭސް 2 އިން އާންމުކޮށް އަކަފޫޓެއް ވިއްކާ އެންމެ ކުޑަ އަގު ކަމަށްވާ 4,000ރ. އިން ބެލި ނަމަވެސް، މި ލުއި ދީފިނަމަ އެޗްޑީސީއަށް 250 މިލިއަން ރުފިޔާގެ އާމްދަނީއެއް ގެއްލޭނެއެވެ.

އެ ކުންފުނިން މި ލުޔަށް އެދެނީ އެޗްޑީސީއާއެކު އުފައްދާ ޖޮއިންޓް ވެންޗާގައި އެ ކޯޕަރޭޝަނަށް ދާއިމީ ހިއްސާ ދޭ ގޮތަށް ހުށަހަޅާތީއެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ނަންޓޮންގް އިން ހުށަހަޅާފައި ވަނީ ގޮތަކީ، 30 ޕަސެންޓު ހިއްސާ އެޗްޑީސީ އަށް ދޭ ގޮތަށް އުފައްދާ ކުންފުންޏަކުންނެވެ.

އެސް.ޖޭ އިން ހުށަހަޅާފައިވަނީ 41,795.93 އަކަފޫޓުގެ ބިމަކަށް އަކަފޫޓަކަށް 3,001 ރުފިޔާ މަގުން އަގު ދެއްކުމަށެވެ. މީގެ އިތުރުން، މަޝްރޫއުގެ ތެރެއިން އުފެދޭ ވިޔަފާރި ޖާގަތައް އަކަފޫޓެއް 1,000-1,200 ރުފިޔާގެ ހެޔޮ އަގުގައި އެޗްޑީސީއަށް ބަދަލުކޮށްދޭންވެސް އެ ކުންފުނިން ވަނީ ހުށަހަޅާފައެވެ.

އެސްޖޭގެ ހުށަހެޅުމަށް ދިޔަ ނަމަ އެޗްޑީސީ އަށް ވަގުތުން 136 މިލިއަން ރުފިޔާ ލިބިފައި، ކުޑަ އަގެއްގައި ވިޔަފާރި ޖާގަތައް ވެސް ލިބޭނެ އެވެ. އަދި އެސްޖޭއަށް ބިން ދިނުމަށް ފަހު ވެސް 100،000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ބާކީ އޮންނާނެ އެވެ.

އެ ބިންތައް ވަކިން ދޫކޮށްލައިގެން އެޗްޑީސީއަށް ލިބޭނެ ފައިސާ މާ ބޮޑުވާނެ ކަމަށް، މައުލޫމާތު އެނގޭ ބައެއް މަސްދަރުތަކުން ބުނެ އެވެ. ނަމަވެސް އަވަސް އަރުވާލާފައި މި މަޝްރޫއު ނަންޓޮންގްއަށް ދިނީ ރައީސް އޮފީހުގެ މިނިސްޓަރަކު ބާރު އަޅައިގެންކަމަށް މައުލޫމާތު އެނގޭ މީހަކު މި ނޫހަށް ބުންޏެވެ.

މި މަޝްރޫއު ހަވާލުކުރުމުގައި ކަން ހިނގާފައިވާ އަވަސްމިނުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެޗްޑީސީއިން މަޝްރޫއަށް އިއުލާނު ކުރީ ނަންޓޮންގް ކުންފުނިން ޝައުގުވެރިކަން ފާޅުކޮށް އީމެއިލް ފޮނުވިތާ އެންމެ ދެ ދުވަސް ފަހުންނެވެ. އަދި ބިޑު ހުށަހަޅަން އެންމެ 6 ދުވަސް ދީ، ސުންގަޑި ހަމަވިތާ 24 ގަޑިއިރުވެސް ނުވަނީސް ވަނީ އެ ކުންފުންޏަށް މަޝްރޫއު ދޭން ނިންމާފައެވެ.

ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި ފަންނީ ދިރާސާތައް ހަދައި ބިޑު ހުށަހެޅުމަކީ އާންމު އިންވެސްޓަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ ކުރިން މައުލޫމާތު ލިބި، ތައްޔާރުވެގެން ތިބި "ވަކި ބަޔަކަށް" މަގުފަހިކޮށްދޭން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ ބޮޑުކަން މިހާރު ލިބިފައިވާ ލިޔެކިޔުންތަކުން ކަށަވަރުވެއެވެ.