about 2 hours 0
ލީވާން އަލީ ނާސިރު
އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ފްލެޓްތައް ހަވާލު ކުރުމަށް ގޮވާލާ މީހަކު ޝުއޫރު ފާޅުކުރުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
about 2 hours 0
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓްގެ ތެރެއިން މިހާތަނަށް ތަޅުދަނޑި ހަވާލުކުރީ އެންމެ 399 ފްލެޓެއްގެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ 4،000 ފްލެޓްގެ ތެރެއިން 3،879 މީހަކާ ފްލެޓް އެއްބަސްވުން ހަދާފައިވާއިރު، އެއްބަސްވުން ހެދި މީހުންގެ ތެރެއިން ފްލެޓްގެ ތަޅުދަނޑި ހަވާލުކުރީ 399 މީހަކާ ކަމަށެވެ.
"މިދެންނެވި 4،000 ފްލެޓްގެ ތެރެއިން 3،879 ފަރާތަކަށް ފްލެޓް އެއްބަސްވުން ވަނީ ސޮއިކުރެވިފައި. އަދި 399 ފަރާތަކާ ފްލެޓް ތަޅުދަނޑި ކުރެވިފައިވޭ. އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކާ އިރާދަކުރެއްވިއްޔާ މި ޖެނުއަރީ މަސް ތެރޭގައި ތަޅުދަނޑި ހަވާލުކޮށް ނިމޭނެ،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ފްލެޓްތައް ހަވާލުކުރުން ލަސްވެގެންދަނީ ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ މަސައްކަތްތަކާއި ލޭންޑްސްކޭޕިން މަސައްކަތްތައް ބައެއް ޔުނިޓްތަކުގައި ކުރިއަށްދާތީ ކަމަށެވެ.
ނަމަވެސް އެއްބަސްވުން ހެދި 3،879 މީހަކާ ތަޅުދަނޑި ހަވާލުކޮށް ނިމޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އޭގެއިތުރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 400 އަށްވުރެ ގިނަ މީހުންގެ ޝަރުތު ހަމަނުވާކަން ފަހުން ފާހަގަވެގެން އެކަން އަންގައި ރިވިއުކުރަމުންދާ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު 4،000 ފްލެޓްގެ ނިމިފައިވަނީ 33 ޕަސަންޓު ކަމަށާއި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ފްލެޓްތަކުގެ 68 ޕަސަންޓުގެ މަސައްކަތް ނިންމީ މި ސަރުކާރުން ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންނަށް އެ ތަންތަން ސަރުކާރުން ހަވާލު ކުރަނީ 25 އަހަރުދުވަސް ވަންދެން އެފްޑީސީއަށް ކުލި ދެއްކުމުން މިލްކުވާ ގޮތަށެވެ.
ހުޅުމާލެ ފޭސް 2 އިން 709 ގޯތި ދީފައިވާއިރު، 699 ގޯތި ވަނީ ހަވާލުކުރެވިފައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ. މުއްތަލިބު ވިދާޅުވީ ހުޅުމާލެ ފޭސް 3 އިން 798 ގޯތި ދީފައިވާއިރު، ލޭންޑް ޔޫޒް ޕްލޭނަށް ގެނައި ބަދަލާއެކު އަލުން ގުރު ނަގާފައިވާ ކަމަށެވެ.
ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާއިރު، އަންނަ މަހުގެ ތެރޭގައި ރަޖިސްޓްރީ ހަދައި އިންވަކިކޮށް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment