Advertisement

ސުކޫކުގެ އަގު 92 ސެންޓުން މަތީގައި ހަމަޖެހިލައިފި


ސުކޫކުގެ އަގު 92 ސެންޓުން މަތީގައި ހަމަޖެހިލައިފި

އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ސުކޫކަށް އިންވެސްޓު ކުރި ފައިސާ އަނބުރާ ލިބޭނެ ކަމާ މެދު އިންވެސްޓަރުންގެ އޮތް ޔަގީންކަން ބޮޑުވެ، ސުކޫކުގެ އަގު މަޑުމަޑުން އިތުރުވަމުން އައިސް ޑޮލަރަކަށް 92 ސެންޓަށް ވުރެ މަތީގައި ހަމަޖެހިލައިފި އެވެ.

މި ސުކޫކު ލިސްޓުކޮށްފައިވާ އެކްސްޗޭންޖުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނުގެ ސްޓޮކް މާކެޓު، ޑޮއިޗަ ބޯޒާ، ގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި މި އަހަރުގެ ކުރީކޮޅު ވަރަށް ބޮޑަށް އަގު ވެއްޓުމަށް ފަހު، އަހަރުގެ މެދަކާ ހިސާބުން ފެށިގެން ސުކޫކުގެ އަގު ވަނީ ހަމައަކަށް އެޅިފަ އެވެ.

ރާއްޖޭގެ ސުކޫކުގެ އަގު ވެއްޓެން މެދުވެރިވީ، ސުކޫކު އަނބުރާ ދެއްކި ދާނެ ކަމާ މެދު އިންވެސްޓަރުންގެ އިތުބާރު ކުޑަވުމެވެ. މިހެން ދިމާވީ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން، ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް ބޮޑު ކަމަށް ލަފާކޮށް، ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމާ ގުޅިގެންނެވެ.

ނަމަވެސް އެ ފަހުން، ހާލަތު ބަދަލުވެ، މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ސުކޫކު ޓްރޭޑު ކުރާ އަގު 90 ސެންޓަށް އެރި ފަހުން 90 އިން ދަށަކަށް ނުވެއްޓެ އެވެ. އެންމެ ފަހުން ސުކޫކެއް ޓްރޭޑު ކުރި އަގު ހުރީ ޑޮލަރަކަށް 93 ސެންޓަށް އަރާފަ އެވެ.

ޖުލައި މަހުގެ ތެރޭގައި ސުކޫކުގެ އަގު މައްޗަށް ދާން ފެށި އެއް ސަބަބަކީ، ސުކޫކު ރީފައިނޭންސް ކުރަން އުޅޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު ބައިނަލްއަގުވާމީ މީޑީއާގައި ވިދާޅުވުމެވެ. އެ ފަހުން ސުކޫކުގެ އަގަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

ސުކޫކުގެ އަގަށް ހަ މަހުގެ ތެރޭގައި އައި ބަދަލު: ޖުލައިގެ ފަހުން ސުކޫކުގެ އަގު ވަނީ އެއްވަރެއްގައި ހަމަޖެހިލާފައި --- މައުލޫމާތު: ޑޮއިޗެ ބޯޒާ


އޭގެ އިތުރުން އޮކްޓޫބަރުގައި ސުކޫކުގެ ކޫޕަން ޕޭމަންޓަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު ދެއްކުމާ އެކީ، އިންވެސްޓަރުންނަށް ވަނީ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފަ އެވެ. މި ފައިސާ ދެއްކިއިރު ސަރުކާރުން ވަނީ އަންނަ އޭޕްރިލްގައި، އެންމެ ފަހު ކޫޕަން ޕޭމަންޓު ހިމެނޭހެން، ސުކޫކަށް 525 މިލިއަން ޑޮލަރު ދައްކާނެ ކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް އަރުވާފަ އެވެ.

ކޫޕަން ޕޭމަންޓަށް ފައިސާ ދެއްކި ފަހުން، ދުނިޔޭގެ ބޮޑު ދެ ރޭޓިން އެޖެންސީގެ ތެރެއިން އެއް ރޭޓިން އެޖެންސީ، މޫޑީސްއިން ވަނީ ކްރެޑިޓް ރޭޓިން "ޖަންކް" ގައި ދެމެހެއްޓި ނަމަވެސް އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފަ އެވެ. މިއީ ވެސް އިންވެސްޓަރުންގެ އިތުބާރު ހޯދަން ބާރުލިބުނު ކަމެކެވެ.

ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި 500 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކީ 9.875 ފައިދާގަ އެވެ. އެއީ އަހަރުގެ ދެ ކޮޅު ކޫޕަން ޕޭމަންޓުތައް ހަދާ ގޮތަށެވެ. މިހާތަނަށް ދިވެހި ސަރުކާރުން ވަނީ ނުވަ ފަހަރެއްގެ މަތިން، ޖުމްލަ 225 މިލިއަން ޑޮލަރު ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކާފަ އެވެ.

އަންނަ އަހަރު މި ސުކޫކު އެއްކޮށް ދައްކާ ނިމޭއިރު، މި ސުކޫކަށް ހަރަދުވާ ވަރު 750 މިލިއަން ޑޮލަރަށް އަރާނެ އެވެ. މީގެ ތެރެއިން 250 މިލިއަން ޑޮލަރަކީ އިންވެސްޓަރުންނަށް ފައިދާގެ ގޮތުގައި ބެހި ފައިސާ އެވެ.