about 2 hours 0
އަހުމަދު އާއިދު
ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިއްކަމުން ދަނިކޮށް ފުލުހުން ހައްޔަރުކުރި މީހާ ---- ފޮޓޯ: ފުލުހުން
about 2 hours 0
ގަވާއިދާ ހިލާފަށް ހުޅުމާލޭގައި ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މި މީހާ ހައްޔަރުކުރީ އާ އަހަރާއި ދިމާކޮށް މިހާރު ފަށާފައިވާ އޮޕަރޭޝަން "ރިވެލި" ގެ ތެރެއިން ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގަލްދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުކޫރު އަލީ، 44، އެވެ.
ރޭ ފުލުހުން އޭނާ ހައްޔަރުކުރީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން ގަވާއިދާ ހިލާފަށް އިތުރު ވިޔަފާރިކޮށް ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބަލައިފާސްކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓު ފޮއްޓާއި 3،200 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 2،900 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވެ އެވެ. މީގެ އިތުރުން އޭނާ ދިރިއުޅުނު ތަން ބަލައިފާސްކުރިއިރު އެތަނުން 32 ކާޓަން އަދި 13 ފޮށި ސިނގިރޭޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަކުރި މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނޮވެމްބަރު އަދި ޑިސެމްބަރު، 2024، އިން ފެށިގެން ވޭޕް މަނާކޮށް، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމުން ރާއްޖެ އެތެރެ ކުރާ ވަގު ސިނގިރޭޓު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކުރިން ސިނގިރޭޓު ލިބެން ހުރި އަގަށް ވުރެ ހެޔޮކޮށް ވަގު ސިނގިރޭޓު ގަންނަން ވެސް ލިބެ އެވެ. މާލޭގައި އެންމެ ފުޅާކޮށް ދައުރު ކުރާ ވަގު ސިނގިރޭޓަކީ މެންޗެސްޓާ އެވެ. މެންޗެސްޓާ ސިނގިރޭޓު ފޮއްޓެއް 100 ރުފިޔާއަށް ލިބެ އެވެ.
ގަވާއިދުން އެތެރެކޮށްގެން ވިއްކާ ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބެނީ 240 ރުފިޔާއަށެވެ. ރޯލިން ޓޮބޭކޯ އާންމުކޮށް ލިބެނީ 200 ރުފިޔާއަށެވެ. ޓެކްސް ބޮޑު ކުރުމުގެ ކުރިން ސިނގިރޭޓު ފޮއްޓެއް ލިބުނީ 140 ރުފިޔާއަށެވެ.
ސިނގިރޭޓާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުން ވަނީ ވަރަށް ހަރުކަށި ގަވާއިދެއް ވެސް ފެބްރުއަރީ، 2025، ގައި ގެޒެޓުކޮށްފަ އެވެ. އެކަމަކު، އާންމު ތަންތަނުގައި ސިނގިރޭޓު ބޭނުން ކުރުން ފަދަ އެ ގަވާއިދުގައި ހިމެނޭ މުހިންމު ކަންކަން ސަރުކާރުން ތަންފީޒެއް ނުކުރެ އެވެ.
މާލެ އެތެރެ ކުރަން އުޅެނިކޮށް އޭޕްރީލް، 2025، ގައި ހިފެހެއްޓި 13 މިލިއަން ސިނގިރޭޓު ހުޅުމާލޭ ބަނދަރުގައި ހުއްޓައި ވަގަށް ނެގި މައްސަލައެއް ވެސް މިދިޔަ އޮކްޓޯބަރު މަހު ފެންމަތިވި އެވެ.
Comment