about 2 hours 0
ސާއިފް ޝިޔާދު
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ހައިދަރު. ގިނަ ދަރިވަރުންތަކެއްގެ ހިތްހަމަނުޖެހުން އެ މިނިސްޓްރީއާ މެދު އެބައޮތް --- އާޓްވޯކް: އަދަދު
about 2 hours 0
ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދޭ ސްކޮލާޝިޕާއި ލޯން ސްކީމްގެ ދަށުން ގޮސް ތިބި ދަރިވަރުންނަށް މިނިސްޓްރީގެ ފަރާތުން ވެފައިވާ އިހުމާލުތައް ހިމަނައި އެ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހަޔާ އެޑިއުކޭޝަނަށް ހާއްސަ ރިޕޯޓެއް ފޮނުވައިފި އެވެ.
މި އަހަރު ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކުރަން ބަޖެޓުގައި ޖެހީ 768 މިލިއަން ރުފިޔާ އެވެ. އޮކްޓޯބަރު ފަހު ހަފުތާއާ ހަމައަށް ދޫކުރީ 453 މިލިއަނެވެ. ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ އެ ދަރިވަރުންނަށް ލޯނާއި ސްކޮލާޝިޕްގެ ސްޓައިޕެންޑު ޖަމާނުވާ ކަމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނަމުންނެވެ.
އެ މައްސަލާގައި މިނިސްޓްރީގެ ފަރާތުން ޖަވާބެއް ހޯދުމަށް މިއަދު ކުޑޫ ވަނީ މިނިސްޓްރީއަށް ޒިޔާރާތްވެސްކޮށްފަ އެވެ. އެ މިނިސްޓްރީގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް އަދަދުއާ ވާހަކަ ދައްކަމުން ކުޑޫ ވިދާޅުވި އެވެ.
އެ ރިޕޯޓުގައި ކުޑޫ ވަނީ ބައެއް ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ވެސް ހިމަނާފަ އެވެ. މިހާރު ދޭ ސްޓައިޕެންޑަކީ މީގެ ގިނަ އަހަރުތަކެއް ކުރީގެ ރޭޓްތަކަކަށްވުމުން، އިންފްލޭޝަންއާ ގުޅިގެން އެ ފައިސާއިން ހަރަދުތައް ހަމަނުޖެހޭކަމުގެ ކަންބޮޑުވުން ދަރިވަރުން ވަނީ ފާޅުކޮށްފަ އެވެ.
"މިނިސްޓްރީއިން ކޯސް ފީ ނުދެއްކުމުގެ ސަބަބުން އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކިޔަވާ ދަރިވަރުންގެ އެކައުންޓްތައް ސަސްޕެންޑްކޮށް، ނަތީޖާ ނުފެނުމާއި ކްލާސްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވުން. ބައެއް ދަރިވަރުންގެ ސްކޮލާޝިޕް ކެންސަލްވާ ހިސާބަށް ކަންކަން ގޮސްފައިވުން،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ހިންގުން ބޮއްސުންލައި ދަރިވަރުން ހުށަހަޅާ ލިޔެކިޔުންތައް ގެއްލުމާއި، އެއް ލިޔުމެއް ތަކުރާރުކޮށް ހުށަހަޅަން އެންގުމާއި ކަމާ ބެހޭ މުވައްޒަފުންނާ ބައްދަލުނުވުމުގެ ކަންބޮޑުވުން ދަރިވަރުން ވަނީ ހިއްސާކޮށްފަ އެވެ.
"މިނިސްޓްރީގެ މަސައްކަތްތައް ހުރި ގޮތުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، ސަރުކާރުގެ ނިޒާމަށް އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފަ."
"ވީސާގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އަހަރެން ޖެހުނީ އާއިލީ ރައްޓެއްސެއްގެ އަތުން ލޯނެއް ނަގަން. އެއީ އެ ފައިސާ ފަހުން ދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާތީ. މިހާރު އެކަމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ. ކޯސް ފެށި ދުވަސްކޮޅު ވަރަށް ގިނައިން އީމެއިލް ކުރިން. ނަމަވެސް އެ މީހުން ދިނީ ބީރު ކަންފަތެއް. މިހާރު އެ ފައިސާ ލިބޭނެ ކަމުގެ އުންމީދު އަހަރެން ކަނޑާލައިފިން. އެ ހަރަދުތައް އެ މީހުންގެ ފީ ސްޓްރަކްޗާގެ ތެރޭގައި ފުރަތަމަވެސް ނުހިމަނަނީ ކީއްވެގެން ކަމެއް އަދިވެސް ނޭނގެ."
"ލޯނު ސްކީމުގެ ދަށުން ކިޔަވަން ފެށީ ޖެނުއަރީ މަހު، ހަމަ އެ މަހު ކޯސް ފީ ދައްކަން ޖެހޭ. ނަމަވެސް ފުރަތަމަ ޕޭމަންޓް ލިބުނީ މާޗުގައި. އެ ސެމެސްސްޓާގެ ފީ ދެއްކީ އަމިއްލައަށް."
"ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ކުލި ދައްކަން ޖެހޭއިރު، މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވޭ. ދެވަނަ އަހަރުގެ އެހެން ދަރިވަރުންނަށް މީގެ މަހެއްހާ ދުވަސް ކުރިން ސްޓައިޕެންޑް ލިބިފައިވީ ނަމަވެސް، މިނިސްޓްރީއަށް އަޅުގަނޑުމެން ފޮނުވާ އީމެއިލްތަކަށް އެއްވެސް ޖަވާބެއް ނުލިބޭ."
"ޕައިލެޓް ކޯސް ހަދަން ސްޕެއިންއަށް ބަދަލުވީ 2024 ވަނަ އަހަރު. ފަސް މަސް ވެގެން ދިޔައިރުވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯނު ފައިސާ ފޮނުވާފައެއް ނުވޭ. އެތައް އާދޭހެއް ކުރަންޖެހުނުއިރު، ފައިސާ ދެއްކުން އެކި ފަހަރު މަތިން ލަސްކުރަން ޖެހުނު. އަދި ލޯނު ފައިސާ ލިބުމާ ހަމައަށް، ބައްޕަ އެހީވެގެން ސްކޫލަށް ފީ ދެއްކީ."
"މިދިޔަ ތިން އަހަރުގެ ތެރެއިން ދެ އަހަރު، އަހަރެންގެ ޔުނިވާސިޓީ އެކައުންޓް ބްލޮކް ކުރި. އެއީ ކިޔަވާ ފީ ދެއްކުން ލަސްވެގެން. އަހަރެން ކިޔަވަނީ ސްކޮލާޝިޕެއްގަ، ފީ ދައްކަން ޖެހެނީ ސަރުކާރުން ކަމަށް ވިޔަސް މިކަން މިހެން ވަނީ. ކޮންމެ އަހަރަކުވެސް މި ޖެހެނީ އެއް ތަކުލީފެއް. ފީ ނުދައްކައިގެން މުއްދަތު ހަމަވެއްޖެ ކަމަށް ބުނެ ޔުނިވާސިޓީން އީމެއިލް އާދޭ. އެކައުންޓް ހިފަހައްޓާ. އެއް ފަހަރަކު، ފީ ނުދައްކާތީ އަހަރެންގެ ނަތީޖާވެސް ނުބެލުނު، އަދި ޕޯޓަލްއަށް ވެސް ރަނގަޅަކަށް ނުވަދެވުނު."
"ވީސާ ފީއާއި ޓިކެޓަށް މިނިސްޓްރީން ވަގުތަށް ފައިސާ ދައްކާނެ ކަމުގެ އިތުބާރެއް ނެތީމާ، އަހަރެން އަމިއްލައަށް ހުރިހާ އެއްޗަކަށް ފައިސާ ދެއްކީ. އެކަމަކުވެސް، އަހަރެން ފުރަން ނެގި ޓިކެޓުގެ ފައިސާ އަނބުރާ ނުދީ ހަތަރު މަސް ވެއްޖެ."
"އީމެއިލް ކޮށްގެން ވަރަށް މަސައްކަތް ކުރިން، އެކަމަކު އެއްވެސް ޖަވާބެއް ނުލިބޭ. ހަމައެކަނި ބޭންކް ސްޓޭޓްމަންޓް ފޮނުވަން ބުނެފައި އޮތް މެސެޖެއް ފިޔަވައި އިތުރު އެއްވެސް ހަބަރެއް ނެތް. ސުމެއް! އަމިއްލައަށް ފައިސާ ދެއްކީމާ އަހަރެމެންނަކީ މާ މުއްސަނދި ބައެއް ކަމަށް އެމީހުން ހީކުރަނީތަ؟ ފައިސާ އަނބުރާ ދިނުން އެމީހުން ލަސްކުރަނީ އެހެންވެގެންތަ؟"
މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ޝަކުވާތަކެއް ކުޑޫގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ. ނަމަވެސް އެއްވެސް ދަރިވަރަކަށް ސަރުކާރުން ދޭ ސްޓައިޕެންޑް ނުލިބިގެން މިނިސްޓްރީއަށް މައްސަލަ ހުށަނާޅާ ކަމަށް ހަޔާ އެޑިއުކޭޝަންގެ އޮފިޝަލަކު ވަނީ އިއްޔެ "މިހާރު" ނޫހަށް ބުނެފަ އެވެ.
Comment