މެންޗެސްޓާ (ޑިސެމްބަރު 25) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަށް ލިބުނު އަނިޔާގެ ސަަބަބުން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފެނާންޑޭސް، 31، ގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ، އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު، އެސްޓަން ވިލާ އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ފެނާންޑޭސް އަށް އަނިޔާވިއިރު، އޭނާ އެ ހާފުގައި ކުޅުން ފުރިހަމަކުރި އެވެ. އެކަމަކު، ޔުނައިޓެޑުން ވަނީ ދެ ވަނަ ހާފަށް ފެނާންޑޭސް ބަދަލުކޮށްފަ އެވެ.
މާދަމާރޭ ލީގުގައި ޔުނައިޓެޑުން ނިއުކާސަލާ ދެކޮޅަށް ކުޅޭ މެޗުގައި ފެނާންޑޭސް އަށް ނުކުޅޭނެކަން އިއުލާނުކޮށް، ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނީ، ފެނާންޑޭސްގެ ބަދަލުގައި އެ ތަަނަށް އެ ފެންވަރަށް ކުޅެވޭނެ ކުޅުންތެރިއަކު ނެތް ކަމަށެވެ. އަދި، ފެނާންޑޭސް އަށް ކުރިއަށް ހުރި މެޗުތަކެއް ގެއްލޭނެ ކަމަށް އަމޮރިމް ވެސް ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑްގެ ވިސްނުމަކީ، އަންނަ މަހުގެ 17 ވަނަ ދުވަހު ލީގުގައި، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ފެނާންޑޭސް ފިޓްކުރުމެވެ. އޭގެ މާނަ އަކީ، އޭގެ ކުރިން ޔުނައިޓެޑުން ކުޅޭ ފަސް މެޗު، ފެނާންޑޭސް އަށް ގެއްލޭނެ އެވެ.
ޔުނައިޓެޑުން މި ވަގުތު ވެސް ކުޅެމުން އަންނަނީ އެކި ސަަބަބުތަކާ ހެދި ޓީމުގެ މުހިންމު ކުޅުންތެރިން ނުލަ އެވެ. އެ ގޮތުން، ނުސައިރު މަޒްރައޮއީ، ބްރަޔާން އެމްބެއުމޯ އަދި އަމަދު ޑިއާލޯ، އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅެން ގައުމީ ޓީމާ އެކު ހުރިއިރު، ފެނާންޑޭސްގެ ބަދަލުގައި ކުޅެން ހުރި އެއް ކުޅުންތެރިޔާ ކޯބީ މައިނޫ އަށް ވެސް ވަނީ އަނިޔާވެފަ އެވެ.
Comment