މެންޗެސްޓާ (ޑިސެމްބަރު 22) - ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް ހިލާލް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު، ރުބެން ނެވޭސްގެ ސޮއި ހޯދުމުގެ ރޭހަށް ވަންނަން މެންޗެސްޓާ ޔުނައިޓެޑުން ނިންމައިފި އެވެ.
ޕްރިމިއާ ލީގުގެ ވުލްވްސް އަށް ކުރިން ކުޅުނު ނެވޭސް، 28، އަލް ހިލާލް އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އަލް ހިލާލް އަށް 112 މެޗު ކުޅެދީފައިވާ ނެވޭސް އެ ކްލަބާ އެކު ކޮންޓްރެކްޓް އާ ނުކުރަން ނިންމައި، އެނބުރި ޔޫރަޕްގެ ލީގެއްގައި ކުޅެން ބޭނުންވާކަން ވަނީ އޭނާގެ އޭޖެންޓަށް އަންގައިފަ އެވެ.
ޔުނައިޓެޑްގެ މިޑްފީލްޑަރު، ކޯބީ މައިނޫ އާއި ބްރޫނޯ ފެނާންޑޭސް އަށް އަނިޔާގެ މައްސަލަ ދިމާވެ، ކަސެމީރޯގެ ކޮންޓްރެކްޓް ވެސް އާ ނުކުރަން ނިންމިއިރު، އެ ޓީމަށް ކުޅޭ އުރުގުއޭ މިޑްފީލްޑަރު، މެނުއަލް އުގާޓޭގެ ފޯމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެހެންވެ، އާ މިޑްފީލްޑަރެއް ހޯދަން ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ހަރަކާތްތެރިވާއިރު، އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބޭނުންވަނީ ޕްރިމިއާ ލީގުގެ ތަޖުރިބާ ހުރި މިޑްފީލްޑަރެއް ގެންނަން އިސްކަން ދިނުމަށެވެ.
އެ ގޮތުން، ނެވޭސް ހޯދަން އަމޮރިމް ވެސް ވަނީ ކްލަބްގެ މެނޭޖްމަންޓް ގާތުގައި ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަލް ހިލާލުން 55 މިލިއަން ޑޮލަރަށް ނެވޭސް ގެންދިޔަ ނަމަވެސް، ޔުނައިޓެޑުން 25 މިލިއަން ޑޮލަރު ދައްކާފައި ނެވޭސް ގަތުމުގެ ފުރުސަތު އެބައޮތެވެ.
ނެވޭސް ހޯދަން އިޓަލީ، ސްޕެއިން އަދި ޕޯޗުގަލްގެ ކްލަބްތަކުން ޝައުުގުވެރިވާއިރު، އޭނާ ޔޫރަޕަށް އެނބުރި އަންނަން ބޭނުންވަނީ، އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ޕޯޗުގަލް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށެވެ.
Comment