Advertisement

ކުރިން އެރި ފަދަ ލޮޅުމެއް ދެން ނާރާނެ، ބައިބައިވުމެއް އައުމަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން: ސޯލިހު

ރައީސް ސޯލިހު އަދި ރައީސް ނަޝީދު ...


ކުރިން އެރި ފަދަ ލޮޅުމެއް ދެން ނާރާނެ، ބައިބައިވުމެއް އައުމަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން: ސޯލިހު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ދެ ބޭފުޅުންގެ ގުޅުމަށް އަދި އެމްޑީޕީއަށް ދެން ލޮޅުމެއް ނާރާނެ ކަމަށާއި ބައިބައިވުމަށް ދެ ރައީސުން ވެސް ފުރުސަތު ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނަޝީދު އާއި ސޯލިހުއަކީ ތުއްޕުޅުއިރުން ފެށިގެން ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ. ސިޔާސީ މަސައްކަތުގައި ވެސް ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވެ ހައްލު ނުކުރެވޭ ވަރަށް މައްސަލަ ގޯސްވީ 2023 ވަނަ އަހަރުގެ ރިޔާސީ ވާދައިގަ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ސޯލިހު ކާމިޔާބުކުރިއިރު އެ ޕްރައިމަރީއަށް ފަހު އެ ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ނަޝީދު ޕާޓީއެއް އުފެއްދެވި އެވެ. ނަމަވެސް، އެ ޕާޓީއާ ފެއަށް ޖެހި ނަޝީދު ވަނީ އަލުން މި އަހަރު ތެރޭ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

އެމްޑީޕީގެ މެންބަރުންގެ މެދުގައި އޮތް ދެ ރައީސުން އެކުގައި މަސައްކަތް ނުކުރުމުގެ ކަންބޮޑުވުމަށް ހައްލު ހޯދުމަށް ނަޝީދު އާއި ސޯލިހު ވަނީ މިއަދު އެމްޑީޕީގެ އޮފީހުގައި ބައްދަލުކުރައްވާފަ އެވެ. އެއަށް ފަހު ދެ ރައީސުން ވެސް ވަނީ އެކުގައި މަސައްކަތް ކުރާނެކަން އިއުލާންކޮށްފަ އެވެ.

"އެއީ ވެގެންވާނެ ކަންކަމެއް ނޫން އެއީކީ، އޭރު އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ދެކެވެން ހުރި ވަރަށް ގިނަ ވާހަކަތަކެއް ނުދެކެވި ހުރީމައި އެ ހިސާބަށް ދިޔަ ކަމަށް ގަބޫލުކުރެވެނީ. ދެން އެކަހަލަ ކަމެއް ދިމާނުވާނެ ގޮތަށް އެއަށް ވުރެ ކައިރިން ވާހަކަ ދެއްކިއްޖިއްޔާ އެ ކަހަލަ ލޮޅުމެއް ދެނެއް ނާރާނެ،" ސޯލިހު މިއަދު ވިދާޅުވި އެވެ.

މިވަގުތު އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ކުރިއަށްދާއިރު އެ ކަމުގައި ފެކްޝަން ވާދަވެރިކަން އޮތް ކަމަށް ދެކެވޭ ވާހަކަތަކަށް ދެ ރައީސުން ވެސް ޖަވާބު ދެއްވި އެވެ. ވިދާޅުވީ ޕްރައިމަރީއަށް ފަހު އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެންމެން އެކީގައި ކުރިއަށްދާ ގޮތަށް، އެއާއެކު ޕާޓީ އެެތެރޭގައި ބައިބައިވުމެއް އަންނާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެ ޖާގައެއް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ނުދޭނަން،" ސޯލިހު ވިދާޅުވި އެވެ.

އެހެން ސޯލިހު ވިދާޅުވުމާއެކު އެ ވާހަކަތަކަށް ވަރަށް ބޮޑަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ސޯލިހާއި ނަޝީދު ވެސް ވާދަކުރައްވާނެ ކަމަށް ބެލެވޭއިރު މަޝްވަރާތައް މިއަދު ނުކުރާ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ. އެ ހޔާލު "އޮތީ އިންކިއުބޭޓަރުގައި" ކަމަށާއި ވަގުތު އައިސް ޖެހުމުން އެކަމުގެ މަޝްވަރާ ކުރައްވާނެ ކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ.