Advertisement

ދެ އަހަރަށްފަހު ނަޝީދު އާއި ސޯލިހު އެއް މޭޒަކަށް, އެކުގައި މަސައްކަތް ކުރާނެކަން އިއުލާނުކޮށްފި

ކުރީގެ ރައީސް ނަޝީދު އާއި ކުރީގެ ރައީސް ސޯލިހު: ދެ ރައީސުން މިއަދު ބައްދަލުކުރެއްވީ ދެ އަހަރަށްފަހު ---- ފޮޓޯ: މުންޝިދު މުހައްމަދު


ދެ އަހަރަށްފަހު ނަޝީދު އާއި ސޯލިހު އެއް މޭޒަކަށް, އެކުގައި މަސައްކަތް ކުރާނެކަން އިއުލާނުކޮށްފި

ނިމިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް އެމްޑީޕީގައި އުފެދުނު ދެބަސްވުމުގެ ތެރެއިން ހިޔާލުތަފާތުވުންތައް އުފެދި ސިޔާސީ ހަތުރުންގެ ގޮތުގައި ތިއްބެވުމަށްފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއް މޭޒަކަށް ވަޑައިގެން އެކުގައި މަސައްކަތް ކުރުމަށް ނިންމަވާ އެކަން އިއުލާނު ކުރައްވައިފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ދެ ރައީސުން ވަނީ މީޑިއާތަކާއި ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސޯލިހު އާއި ނަޝީދު ވެސް ވިދާޅުވީ މިވަގުތު އެ ދެ ބޭފުޅުން ފޯކަސް ހުރީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކަމަށާއި ރިޔާސީ އިންތިހާބާއި އެހެން ކަންކަމުގެ ވާހަކަ ދައްކާނީ ފަހުން ކަމަށް ވެސް ވިދާޅުވި އެވެ.

ސޯލިހުގެ ވާހަކައިގައި ފާހަގަކުރެއްވީ ސިޔާސީ ދެބަސްވުންތައް ހުރި ނަމަވެސް ދެ ރައީސުން އެނބުރި އެކުގައި ނޫޅެވޭ ހިސާބަށް ދުރުނުވާ ކަމަށެވެ. ނަޝީދު ފާހަގަކުރެއްވީ އެމަނިކުފާނު އެމްޑީޕީ ދޫކޮށް އިދިކޮޅުގައި ހުރި ނަމަވެސް އެ ޕާޓީއަށް ބޮޑު ލޮޅުމެއް ނޭރީ އެތެރޭގެ ހިންގުންތަކާއި އޮނިގަނޑު ހަރުދަނާ ވީމަ ކަމަށެވެ.

"ޕާޓީ ހަރުދަނާކޮށް. މިހާރަށްވުރެ ޕާޓީގެ ލީޑަޝިޕާ އެކީގަ ޕާޓީ ހަރުދަނާކޮށް، މެންބަޝިޕް އިތުރުކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ދެމީހުން އެކީގަ ކުރާނަން،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު އާއި ނަޝީދު ބައްދަލުކުރައްވަން ނިންމަވާފައި މި ވަނީ، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕާޓީ ދެފަޅިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދައިގެން ސިޔާސީ މަސައްކަތްތަކެއް ކުރެއްވުމަށްފަހު ނަޝީދު އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނިކޮށެވެ.

ނަޝީދުގެ އިތުރުން ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން މިދިޔަ ޖޫން މަހު އެމްޑީޕީން ވަނީ އެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ. އެހެންމަވެސް، ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ވާދައިގައި އަނެއްކާ ވެސް ޕާޓީގެ އެތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދި ކޯޅުން ބޮޑުވެފަ އެވެ.

ނަޝީދު އާއި ސޯލިހުއަކީ ތުއްޕުޅުއިރުން ފެށިގެން ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ. ސިޔާސީ މަސައްކަތުގައި ވެސް ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވެ ހައްލު ނުކުރެވޭ ވަރަށް މައްސަލަ ގޯސްވީ 2023 ވަނަ އަހަރުގެ ރިޔާސީ ވާދައިގަ އެވެ.