Advertisement

ބޮކުގެ ބެކްޓީރިއާއަކުން ކެންސަރު ޓިއުމަރު ނައްތައިލެވިދާނެ

about 10 hours 0


ބޮކުގެ ބެކްޓީރިއާއަކުން ކެންސަރު ޓިއުމަރު ނައްތައިލެވިދާނެ

about 10 hours 0

ހަރުފަޔާއި ބޮއް ފަދަ، ފެނާއި އެއްގަމުގައި އުޅޭ ޒާތުގެ (އެމްފީބިއަން) ޖަނަވާރުތަކުގެ ހަށިގަނޑުގައި، ކެންސަރު ޓިއުމަރު އުފެދުމުގެ ނުރައްކާ އިތުރުކޮށްދޭ ކިތަންމެ މާއްދާއެއް އަދި ކިތަންމެ ސަބަބުތަކެއް އެކުލެވެއެވެ. އެ ގޮތުން ވެސް ސައެންސްވެރިން އެންމެ ބޮޑަށް ފާހަގަކުރަނީ، އެތަކެތި ދިރިއުޅޭ މާހައުލެވެ. ތަފާތު ނުރައްކާތެރި ބަލިތައް ޖައްސާ އެތައް ބައިވަރު ޖަރާސީމުތަކާއި ބެކްޓީރިއާތަކާއި ވައިރަސްތަކުން ފުރިފައިވާ މާހައުލުތަކެއްގައެވެ. އަދި އެ ތަކެތީގެ ހަށިގަނޑުގެ ބޮޑުމިނާ އަޅައި ބަލާއިރު އެތަކެތީގެ އުމުރު ވެސް އާދަޔާ ހިލާފަށް ދިގެވެ.

މިދެންނެވި އެތައް ޖަރާސީމުތަކަކާއި އެތައް ބެކްޓީރިއާތަކެއް އެސޮރުމެންގެ ހަށިގަނޑުގައި ހުއްޓަސް ވެސް، އެތަކެތީގެ ހަށިގަނޑުގައި ނުރައްކާތެރި ޓިއުމަރެއް އުފެދެނީ ވަރަށް ނާދިރު ހާލަތެއްގައެވެ. އެމްފިބިއަންސް އޭ ކިޔާ ގިންތީގައި ހިމެނޭ ބައެއް ޖަނަވާރުތަކުގެ ގޮހޮރުގައި ދިރިއުޅޭ ބެކްޓީރިއާތަކުގެ ދިރާސާއެއް ހެދުމަށް، ޖަޕާނުގެ ސައެންސްވެރިން ނިންމީ ވެސް އެ ސަބަބަށްޓަކައެވެ.

ޖަޕާން އެޑްވާންސް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ޖައިސްޓް)ގެ ސައެންސްވެރިން ދާދި ފަހުން ކުރި ދިރާސާއެއްގެ ރިޕޯޓް، ނިއު އެޓްލަސް ވެބްސައިޓްގައި މިހާރު ޝާއިއުކޮށްފައިވާ އިރު، އެ ދިރާސާގައި ބުނެފައިވާ ގޮތުން ބައެއް ބާވަތުގެ ބޮކުގެ ގޮހޮރުގައި ދިރިއުޅޭ ބެކްޓީރިއާތަކުގައި ޓިއުމަރު ސެލްތައް މަރައިލުމުގެ ގާބިލުކަން ވަރަށް ބޮޑެވެ. ދިރާސާގެ ސައެންސްވެރިން އެކަން ދެނެގަތީ، ލެބޯޓަރީގައި ކުރި ތަހުލީލުތަކެއްގައެވެ.

ބޮކުގެ ހިމަ ގޮހޮރުން ނަގާފައިވާ ބެކްޓީރިއާތަކެއް، އައިވީއެއްގެ ޒަރީއާއިން މީދަލުގެ ހަށިގަނޑަށް ފޮނުވުމުން، މީދާތަކުގެ ބޮޑު ގޮހޮރުގައި އުފެދިފައި ހުރި ޓިއުމަރުގެ ސެލްތައް މަރައިލިއެވެ. އެހެންކަމުން، ސައެންސްވެރިންނަށް ގަބޫލުކުރެވުނީ، ބޮކުގެ ކިބައިގައިވާ ކެންސަރުން ދިފާއުވުމުގެ ބާރަކީ، އެސޮރުމެންގެ ދިފާއީ ނިޒާމުގެ ސެލްތަކުގައިވާ ބާރެއް ނޫން ކަމަށެވެ.

އެހެނެއް ކަމަކު، ކެންސަރުން ދިފާއުކޮށްދެނީ ބޮއްތަކުގެ ހިމަ ގޮހޮރުގައި އެކުލެވޭ ބެކްޓީރިއާތަކަކުން ކަމަށް ސައެންސްވެރިން ކަނޑައެޅިއެވެ. މިކަން އިތުރަށް އަޖުމަބެލުމުގެ ގޮތުން، ބޮކާއި، ފަޔާ-ބެލީޑް ނިއުޓް ކިޔާ ބޮނޑު ޒާތުގެ އެއްޗަކާއި ޖަޕަނީސް ގްރާސް ލިޒަޑް ކިޔާ ޒާތުގެ ބޮނޑެއްގެ ހިމަ ގޮހޮރުން 43 ބާވަތެއްގެ ބެކްޓީރިއާ ނެގިއެވެ. އަދި އެ ބެކްޓީރިއާތަކުގައިވާ ކެންސަރާ އިދިކޮޅު ސިފަތަކަށް ބަލައި، އޭގެ ތެރެއިން ނުވަ ބެކްޓީރިއާއެއް ހާއްސަކޮށް ވަކިކުރިއެވެ.

އެއަށް ފަހުގައި، މި ނުވަ ބާވަތުގެ ބެކްޓީރިއާ، އައިވީގެ ޒަރީއާއިން މީދާތަކުގެ ހަށިގަނޑަށް ފޮނުވިއެވެ. އެ މީދާތަކަކީ ފަލަ ގޮހޮރުގައި ކެންސަރު ޓިއުމަރު އުފެދިފައި ހުރި މީދާތަކެކެވެ. އެ މީދާތަކަށް މި ނުވަ ބާވަތުގެ ބެކްޓީރިއާ ދިނުމުން، އޭގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ފެނުނީ ބޮކުގެ ހިމަ ގޮހޮރުން ނެގި އީވެންޖެލާ އެމެރިކާނާ ކިޔާ ބެކްޓީރިއާ ދިން މީދާތަކުގެ ހަށިގަނޑުންނެވެ.

މި ބެކްޓީރިއާގެ ކިބައިން އެންމެ ފާހަގަވި ކަމަކީ، މީދަލުގެ ހަށިގަނޑުގެ ތެރެއަށް ފެތުރިގަނެގެން ގޮސް، މީދަލުގެ ފަލަ ގޮހޮރުގައި ހުރި ޓިއުމަރުގެ ސެލްތަކަށް ހަމަލާ ދީ އެ ސެލްތައް ނައްތައިލި ކަމެވެ. މީދަލުގެ ހަށިގަނޑުގައިވާ އެހެން ބާވަތުގެ ސެލްތަކަށް، އެ ބެކްޓީރިއާތައް ގެއްލުން ނުދޭކަން ވެސް ފާހަގަކުރެވުނެވެ.

ސައެންސްވެރިން ފާހަގަކުރި އަނެއް ކަމަކީ، ބޮކުގެ ހިމަ ގޮހޮރުން ނެގި ބެކްޓީރިއާތަކުން ފަރުވާކުރި މީދާތަކަށް، ދިގު މުއްދަތުގެ ދިފާއީ ބާރެއް ވެސް ލިބުނު ކަމެވެ. އެ ގޮތުން އެމީދާތަކުގެ ހަށިގަނޑުން ޓިއުމަރު ނެތިދިޔުމަށް ފަހު، ދެ ވަނަ ފަހަރަށް އެސޮރުމެންގެ ހަށިގަނޑަށް ކެންސަރު ސެލްތައް ވެއްދުމުން، އެއިން އެންމެ ސެލްއަކުން ވެސް އިތުރު ޓިއުމަރެއް ނުއުފެދުނެވެ.

އެހެންކަމުން، ބޮކުގެ ގޮހޮރުން ނެގި ބެކްޓީރިއާއިން ފަރުވާ ކުރުމުން، ޓިއުމަރު ނައްތައިލުމުގެ އިތުރުން، ކެންސަރުން ސަލާމަތްވުމުގެ ދިފާއީ ބާރު ވެސް މީދާތަކުގެ ހަށިގަނޑުގައި އުފެދިގެން ދިޔައެވެ. މީދަލުގެ ހަށިގަނޑަށް ފޮނުވި އީވެންޖެލާ އެމެރިކާނާ ބެކްޓީރިއާއަކީ، ހަރު ޓިއުމަރުތައް ފަދަ، އޮކްސިޖަން މަދު މާހައުލުތަކުގައި ފަސޭހަކަމާއެކު އާލާވުމުގެ ގުދުރަތީ ގާބިލުކަން ލިބިފައިވާ ޖަރާސީމަކަށްވުމުން، މީދަލުގެ ކެންސަރު ޓިއުމަރުގެ ތެރޭގައި، އެންމެ 24 ގަޑިއިރުގެ ތެރޭގައި 3000 ގުނައަށް ބެކްޓީރިއާތައް އިތުރުވެގެން ދިޔައެވެ. މީދާތަކުގެ، ޓިއުމަރު ނެތް ގުނަވަންތަކާއި ދުޅަހެޔޮ ޓިޝޫތަކަށް ފެތުރިގެން ނުގޮސް، އަދި ސަލާމަތުން ހުރި ގުނަވަންތަކަށް އެއްވެސް ގެއްލުމެއް ވެސް ނުދީއެވެ.

ޓިއުމަރުގެ ތެރޭގައި އީވެންޖެލާ އެމެރިކާނާ ބެކްޓީރިއާތައް އިތުރުވާން ފެށުމާއެކު، މީދަލުގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމުގެ ސެލްތަކަށް ވެސް އިތުރު ދިރުމެއް ލިބި، ޓިއުމަރުގެ ތެރެއަށް ދިފާއީ ސެލްތައް ވެސް އިތުރުވެގެން ދިޔައެވެ. އެހެންކަމުން މީދަލުގެ ހަށިގަނޑަށް އައި ބީރައްޓެހި ބެކްޓީރިއާތަކުގެ މަސައްކަތާއި، މީދަލުގެ ދިފާއީ ނިޒާމުގެ ސެލްތަކުގެ މަސައްކަތުން، ޓިއުމަރު ސެލްތައް ވަރަށް ފަސޭހަކަމާއެކު މަރާލައި ޓިއުމަރު ނައްތައިލިއެވެ.

މިއީ އުންމީދީ ހޯދުމެއް ނަމަވެސް، މިކަން އިންސާނުންގެ ހަށިގަނޑުގައި އަޖުމަ ބެލުމުގެ ކުރިން، އިތުރު ދިރާސާތަކާއި ތަހުލީލުތައް ކުރަންޖެހޭނެ ކަމަށް ދިރާސާގެ ސައެންސްވެރިން ބުނެއެވެ. ސަބަބަކީ، މީދަލުގެ އެތެރެ ހަށީގެ ގުނަވަންތަކާއި އިންސާނުންގެ އެތެރެ ހަށީގެ ގުނަވަންތައް ކިތަންމެ އެއްގޮތް ވިޔަސް، އިންސާނުންގެ ހަށިގަނޑަށް އިތުރު ބެކްޓީރިއާއެއް ވައްދައިފިއްޔާ ކުރިމަތިވެދާނެ ސިއްހީ އެހެން މައްސަލައެއް އޮތްތޯ ވެސް ބަލަންޖެހެއެވެ.